Close
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް ތިންވަނަ ދައުރަކަށް ތޮލާލް އިންތިހާބުވެއްޖެ

އައިދާ އަބްދުލް ހަކީމް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ތިންވަނަ ދައުރަކަށް މިހާރުގެ ރައީސް މުހައްމަދު ތޮލާލް އިންތިހާބުވެވަޑައިގެންފިއެވެ.

ހެންވޭރު ބޯޅަގޭގައި މިއަދު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު ތޮލާލް ކާމިޔާބުކުރެއްވީ އެތުލެޓިކްސް އިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޔަޒްމީ ނަޝީދާ (ޔަޒޫ) ވާދަކޮށެވެ. ތޮލާލަށް 15 ވޯޓު ލިބިވަޑައިގެންނެވި އިރުމ ޔަޒޫއަށް ލިބިވަޑައިގެންނެވީ އެއް ވޯޓެވެ. ތޮލާލްގެ ނައިބަކަށް އަހްމަދު އަޒްމީލް ހޮވިފައިވާ އިރު، ހަޒާންދާރުގެ މަގާމަށް ހޮވިފައިވަނީ މުސްތަފާ މުހައްމަދެވެ.

މީގެ އިތުރުން ހިންގާ ކޮމިޓީއަށް ހަތަރު މެންބަރުން ވަނީ ހޮވައިފައެވެ. އެއީ ހުސައިން އަމީން ނަސީރާއި، މުހައްމަދު ސުޖާއު އާއި، އަހްމަދު ޝަފީގު އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ހޮވުނު ޔާސްމީން އަބްދުﷲ އެވެ.

އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާ އިރު، އަސާސީ ގަވާއިދުގެ 15.8 ވަނަ މާއްދާގައިވާގޮތުގެ މަތިން އެސޯސިއޭޝަނުގެ އިންތިހާބުގައި ކުރިމަތިލާން ހުޅުވާލައިފައިވާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ހަޒާންދާރު، އިތުރު ތިން މެންބަރުން އަދި އަންހެން މެންބަރެކެވެ.

މިހާރަކަށް އައިސް ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދޭ އެއް ކުޅިވަރުގެ ތެރޭގައި އެތުލެޓިކްސް ހިމެނޭ އިރު، އެ އެސޯސިއޭޝަންގެ އެންމެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިހާބުވެފައިވަނީ މައިޒާން އަލިމަނިކު (އަލިބެ) އެވެ. އަލިބެ ވަނީ 2008 އިން 2012 އަށް އެ މަގާމު ފުރުއްވައިފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ މަގާމު ފުރުއްވަމުން އައީ މުހައްމަދު ތޮލާލެވެ.

ރާއްޖެއިން ވަނީ އެތުލެޓިކްސްގައި ސަރަހައްދީ އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަން މެޑަލް ހޯދައިފައެވެ.