މިފްކޯއިން ގިތެޔޮމިރުސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "ހޮޓް ޗިލީ" މަސްދަޅު ނެރެފިއެވެ.

މިފްކޯއިން ބުނީ މިރޭ ނެރުނު މަސްދަޅަކީ ފަސްމީރު ހޮޓްޕެކްގެ ނަމުގައި ބަންދުކޮށް ބާޒާރަށް ނެރެފައިވާ ދަޅުމަހުގެ ބާވަތްތަކަށް ގިތެޔޮމިރުހާއެކު ތެލުގައި ބަންދުކޮށްފައިވާ މަސްދަޅެއް ކަމަށެވެ.

ހޮޓް ޗިލީ މަސްދަޅު ކޭހެއްގެ އަގަކީ 670 ރުފިޔާއެވެ. އަދި ވަކިން ދަޅެއް ވިއްކަނީ 14.50 ރުފިޔާއަށް ކަމަށްވެސް މިފްކޯ އިން ބުންޏެވެ.

މިފްކޯއިން ބުނީ މިފަހަރު ތައާރަފުކުރި ގިތެޔޮމިރުހުގެ ހޮޓްޕެކްއަކީ ރާއްޖެއިން ލިބެންހުރި އެންމެ މީރު ކުޅިމިރުސް އަޅައިގެން ބަންދުކޮށްފައިވާ މަސްދަޅެއް ކަމަށެވެ.

ހޮޓްޕެކް މަސްދަޅުގެ ކުރިން ބާޒާރަށް ނެރުނު ދެ ބާވަތް ކަމުގައިވާ އަސޭމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ފެލިވަރުގައި ބަންދުކުރާ މިބާވަތުގެ މަސްދަޅު ތައްޔާރުކުރުމުގައި ކޮލިޓީ ރަނގަޅުކުރުމަށް ހޮޓްޕެކް ހެދުމަށް ބޭނުންވާ އިންގްރީޑިއަންޓް ހޯދަނީ ވަރަށްބޮޑަށް ބަލައި އަޖުމަބެލުމަށްފަހު ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯ އިން ބުނީ ފަސްމީރު ހޮޓްޕެކްގެ ބާވަތްތަކަކީ މަހުގެ ޑިޝްތައް ފަސޭހައިން އަދި އިތުރު މީރު ރަހަތަކަކާއެކު ތައްޔާރުކޮށްލަން ބޭނުންކޮށްލެވޭ އުފެއްދުމެއް ކަަމަށެވެ. އެގޮތުން ސެލެޑާއި ނޫޑުލްސްއާއި ޕާން އަދި ރޮށްޓާއެކުވެސް ވަގުތުން ހޮޓްޕެކްމަސްދަޅު ކަނޑައިގެން ބޭނުންކޮށްލެވޭނެ ކަމަށެވެ.

ފަސްމީރު ހޮޓްޕެކްގެ މަސްދަޅުތަކަކީ ބާޒާރުގައި ހުރި މިބާވަތުގެ މަސްދަޅުތަކުގެ ތެރެއިން އެންމެ ހެޔޮ އަގުގައި ލިބެންހުރި މަސްދަޅު ބްރޭންޑެވެ.

މިފްކޯގެ ތިން މަސްފިހާރަ އާއި ސައިޓުތަކުގައި ހުންނަ ފިހާރަތަކުގެ އިތުރުން އައިސްޕްލާންޓުތަކުން ހޮޓްޕެކް މަސްދަޅު ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ގަންނަން ލިބެން ހުންނާނެއެވެ. އަދި މަސްފިހާރައިގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރާ ފަސްމީރު ގޭދޮށު ފިހާރަތަކުން ވެސް މި ބާވަތުގެ މަސްދަޅު ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ.