ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ދެ ޕީސީއާރު މެޝިން ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔުނިވާސަލްގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ދެ ޕީސީއާރު މެޝިން ހަދިޔާކޮށްފައިވާ ކަމަށެވެ.

ޕީސީއާރު މެޝިންތައް ރަސްމީކޮށް ހެލްތު މިނިސްޓްރީއަށް ހަދިޔާކުރީ މިކަމަށްޓަކައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޔުނިވާސަލްގެ އިސްވެރިންނަށާއި މިކަމުގައި ހަރަކާތްތެރިވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މީގެ ކުރިން 20،000 ޓެސްޓް ކިޓް ޔުނިވާސަލްގެ ފަރާތުން ލިބިފައިވާތީ އެކަންފާހަގަކުރައްވައި، ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެކި ފަރާތްތަކުން ލިބިގެން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތްތާނގައި މިފަދަ އެހީތެރިކަން އިތުރަށް ބޭނުންވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ރާއްޖެއިން ކޮވިޑް 19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން އަންނަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.