ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި، ގައުމަށް ދާން އެދި ހުށަހަޅާފައިވާ ބައެއް ބިދޭސީންގެ ވަޒީފާގެ ކަންކަން ސާފުކުރަން އިކޮނޮމިކް މިނިސްޓްރީން ލިސްޓެއް އާންމުކޮށްފިއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން އަންނަނީ، "ވޮލަންޓްރީ ރެޕަޓްރިއޭޝަން"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ވެސް އެނބުރި ގައުމަށް ދިއުމަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން އަންނަނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކެއް ނޫން ކަމުގައި ބަޔާންކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ އިއުލާނާއެކު 251 ބިދޭސީންގެ ލިސްޓެއް ވެސް އާންމުކޮށްފައިވާއިރު މިނިސްޓްރީން ބުނީ އެ ފަރާތްތަކަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުން އަންނަ ފަރާތްތަކެއް ނޫން ކަމުގައި ބަޔާންކޮށް، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީން ކަމަށެވެ.
އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކެއް ކަމުގައިވާ ނަމަ، އެކަން ބަޔާންކޮށް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ އަންގައިފައެވެ. އަދި އީމެއިލްގައި ބިދޭސީ ފަރާތުގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނީ، ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަނުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު