ބޮޑެތި ކުށްތައް ކަމުގައިވާ ކުޑަކުދިންނާ ބެހުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މީހުން މެރުމުގެ މައްސަލަތަކުގައި ހުކުމްކޮށް ގައިދީން އިސްތިސްނާވާ ގޮތަށް، ޖަލުގައި ދެން ތިބި ހުރިހާ ގައިދީން ދޫކޮށްލުމުގެ އަފުއާމެއް ނެރެދެއްވުމަށް ސަރުކާރަށް ލާޒިމުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަަހަޅުއްވައިފިއެވެ.

ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގުތިސާދު ދެމެހެއްޓުމަށް ރާއްޖޭގެ މަސައްކަތްތެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ބިދޭސީިން، އަނބުރާ ގައުމަށް ފޮނުވައިލަން ޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނާ މުހާތަބުކުރައްވައި މިނިވަންދުވަހު ދެއްވާފައިވާ ހިތާބުގައި، އެކަމާ ގުޅިގެން ރާއްޖޭގެ މަސައްކަތުގެ މައިދާނަން ދިވެހިން އަހުލުވެރިވެ، މަސައްކަތްކުރުމަށް ނުކުތުމަށް އިލްތިމާސްކުރައްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވީމާ "ދިވެހި މަސައްކަތް ކުރުމަށް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން ޖިނާއި ބޮޑެތި ކުށްތައް ކަމުގައިވާ ކުޑަކުދިންނާއި ބެހުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މީހުން މެރުމުގެ މައްސަލަތަކުގައި ހުކުމްކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްތިސްނާ ވާނެ ގޮތުގެމަތިން އިގުތިސާދު އިއާދަކުރުމުގެ މަސައްކަތްތައް ކުރުމަށް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން، ދޫކޮށްލުމުގެ އަފްއާމެއް ނެރެދެއްވުމަށް ސަރުކާރަށް ލާޒިމު ކުރުމަށް ގޮވާލަން،" ކަމަށް ގަރާރުގައި ބުނެފައިވެއެވެ.