ދުނިޔެ

ލަންޑަންގެ ހީތުރޯ އެއާޕޯޓުގައި ކޮވިޑުން ރައްކާތެރިވުމަށް ރޮބޮޓް ބޭނުންކުރަން ފަށައިފި

މުހައްމަދު އައުޒަމް

ލަންޑަންގެ ހީތުރޯ އެއާޕޯޓުގައި ކޮވިޑުން ރައްކާތެރިވުމަށް ރޮބޮޓް ބޭނުންކުރަން ފަށައިފިއެވެ.

ކޮވިޑްގެ ވައިރަސް ނައްތައިލުމުގެ ގާބިލުކަން ލިބިފައިވާ ޔޫވީ ލައިޓްގެ އެހީގައި އެއާޕޯޓުގެ އެކި ސަރަހައްދުތައް ސާފުކުރުމުގައި މި ރޮބޮޓްތައް ހަރަކާތްތެރިވަމުންދާނެއެވެ.

ހީތުރޯ އެއާޕޯޓުން ވަނީ މި ރޮބޮޓްތަކުގެ އެހީގައި އަވަހަށް އަދި ފުރިހަމައަށް ވައިރަސްގެ އިތުރުން ބެކްޓީރިއާތައް ވެސް ނައްތައިލާނެކަމަށް ބުނެފައެވެ. ހީތުރޯއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ކޮވިޑުން ރައްކާތެރި ވުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައި ވެއެވެ.

ހީތުރޯ އިން ވަނީ ހައިޖިން ޓެކްނީޝަންގެ ގޮތުގައި ސާފުކުރުމަށް ހާއްސަ ޓީމެއް އެކުލަވައިލައި އެއާޕޯޓު ސާފުކުރުމަށް ތަމްރީނު ދީފައެވެ.

ފަސިންޖަރުންގެ ރައްކާތެރިކަމަށް އަޅައިފައިވާ ފިޔަވަޅެއްގެ ގޮތުން ހީތުރޯ އެއާޕޯޓުގައި ވަނީ "ފްލައި ސޭފް ޕިޓް ސްޓޮޕްސް" ނަމުގައި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައެވެ. މިތަންތަނުން ފަސިންޖަރުންނަށް ހިލޭ މާސްކާއި ސެނިޓައިޒާ ލިބެން ހުރެއެވެ.

ދުނިޔޭގައި ހަލުވި ސްޕީޑެއްގައި ފެތުރެމުންދާ ކޮވިޑުން ރައްކާތެރިވުމަށް ގައުމުތަކުން ބޯޑަރުތައް ހުޅުވަމުން ދާއިރު އެގައުމުތަކުގެ އެއާޕޯޓުތަކުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.