ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް)ގެ މަސައްކަތްތައް އަލުން ފަށައި އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ރެމް އިން ފުޑް ބޭންކްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ފައުންޑިން މެންބަރު ނުޒައިރު އަލީ ވިދާޅުވީ، އެ ޖަމިއްޔާ އުފެއްދުމަށް ފަހު ތިން ވަރަކަށް އަހަރު ވަންދެން ޖަމިއްޔާގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޖަމިއްޔާގެ ހަރަކާތްތައް މަޑުޖެހިލީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުޒައިރު ވިދާޅުވީ، އެ ޖަމިއްޔާގެ ހަރަކާތްތައް އަލުން ފަށާ އިރު، އެންމެ ހާއްސަ އިސްކަމެއް ދޭނީ، ކާބޯތަކެއްޗާއި، ކޭޓަރިންގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ ޒުވާނުން މި ދާއިރާގައި ހަރަކާތްތެރިވޭ. އަޅުގަނޑުމެންގެ އަމާޒަކީ މި އެސޯސިއޭޝަންގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް، ޒުވާން ކުދީންގެ އަތްމައްޗަށް އެސޯސިއޭޝަން ހަރަކާތްތައް ދޫކޮށްލުން،" ނުޒައިރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރެމްގެ މެންބަރެއް ކަމުގައިވާ ހުސެއިން އިސްމާއީލް ވިދާޅުވީ، އެ އެސޯސިއޭޝަން މެދުވެރިކޮށް ބައިވަރު ކަންކަން ކުރެވެން އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިންނަށް ހުރި ފުރުސަތުތައް ކިޔައިދީ ދިވެހިން ތަމްރީނުކުރުމާއި ރެސްޓޯރެންޓް ހިންގަމުން އަންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެސޯސިއޭޝަނުގެ ފަރާތުން އެހީވެދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2009 ވަނަ އަހަރު ވުޖޫދަށް އައި ރެމްގެ މަސައްކަތްތައް ހީނަރުވެފައި އޮތް އޮތުން ބަދަލުކޮށް އަލުން އެސޯސިއޭޝަނުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ރެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައި ހިންގާ ކޮމިޓީ އިންތިހާބު ކުރަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.