ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ އެމްޑީޕީވެސް ހިމެނޭ ގޮތަށް ގިނަ ޕާޓީތަކަކުން ވޯޓު ދީގެން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބޭރުބަޔަކަށް ރާއްޖެ ވިއްކައިލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ، އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް އިސްވެރިންނާއި މެންބަރުން ވަނީ ބޭރު މީހުންނަށް ރާއްޖެ މިލްކު ކުރެވޭ އިސްލާހު ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ތަސްދީގުކުރެއްވި ޕޯސްޓުތައް ސޯޝަލް މީޑިއާގައި ކޮށްފައެވެ.

އެކަމަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ އެމްޑީޕީވެސް ހިމެނޭގޮތުން މަޖިލީހުގައި އޭރު އޮތް ގިނަ ސިޔާސީ ޕާޓީތަކެއް ވޯޓު ދީގެން ކަމަށެވެ.

"ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ އެމްޑީޕީވެސް ހިމެނޭގޮތުން މަޖިލީހުގައި އޭރު އޮތް ގިނަ ސިޔާސީ ޕާޓީތަކެއްގެ ވޯޓް ލިބިގެން އެންމެން ގުޅިގެން. އެކަމަކީ ހަމައެކަނި ޕީޕީއެމްއިން ކުރިކަމެއް ކަމަށް ބުނުމަކީ ކަމުގެ ހަގީގަތް އޮޅުވައިލުން،" އުޝާމް ވިދާޅުވިއެވެ.

ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ފަރާތުންނެވެ. ނަމަވެސް އެ އިސްލާހު ފާސްކުރީ މަޖިލީހުގައި އޭރު އޮތް ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކުގައެވެ. އެ އިސްލާހަށް ވޯޓް ނުދެއްވަނީ 14 މެންބަރުންނެވެ. އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ އޭރުގެ މެންބަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވައެވެ.

ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ.