އަލުން އަނބުރާ ރާއްޖެ ލޮކްޑައުންކޮށް، ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ޖެހިލުންވަނީ ކީއްވެތޯ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.
ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެވަނަ ލޮކްޑައުނަކަށް ގޮސް ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުން ނުވަނީ ކީއްވެކަން ނުވިސްނޭ ކަމަށެވެ.
"ވަރަށް އަވަހަށް ހެލްތު ސެކްޓަކަށް ނުކަތާ ވަރަކަށް ކޭސްތައް ގިނަވެދާނެ،" ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދުންޔާ ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނާނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރެވޭނަމަ ކަމަށެވެ. އަދި ކޮވިޑް ކޭސްތައް ގިނަވެ ކޮންޓްރޯލް ނުވާ ވަރު ވެއްޖެނަމަ ފަތުރުވެރިން ރާއްޖެ އަންނަން ޖެހިލުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވާތީ، ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމަށް ދުންޔާގެ ބައްޕާފުޅު މައުމޫން އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދަންނަވައިފައެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އެ ޕާޓީން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު