ކޮވިޑްގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑު ކަމަށާއި އެކަމުން އަރައިގަތުމަށް ބޭނުންވާ ބޭރުގެ އެހީތެރިކަން ވަރަށްވެސް ބޮޑު ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓުންނާއެކު ވާޗުއަލްކޮށް ބޭއްވި ހާއްސަ ރިސެޕްޝަންގައި ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮރިން ޕޮލިސީގެ އެންމެ ބޮޑު އެއް އަމާޒަކީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، އާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ކަމަށެވެ.
އެގޮތުން އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން 172 ގައުމަކާއެކު ގުޅުން ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރެވޭނެ ކަަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޮވިޑުގެ ސަބަބުން މުޅި ދުނިޔެއަށް މިވަނީ އަސަރުކޮށްފައި ކަމަށާއި އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިންވެސް ވަރަށް އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް 110 ދުވަހަަށް ރާއްޖެއަށް ޓޫރިޒަމުގެ މަންފާ ގެއްލިގެން ދިޔަ ކަމަށެވެ.
"110 ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރެވިގެންދިޔަ. އެކަމުގެ ސަބަބުން ޓޫރިޒަމުން ރާއްޖެއަށް އިންކަމް ލިބޭނެ މަގު ބަންދުވެގެންދިޔަ، ސުމަކަށްދިޔަ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން ލިބެމުންދާ ގެއްލުމަކީ ވަރަށްވެސް ބޮޑު ގެއްލުމެއް ކަމަށާއި އެކަމުން އަރައިގަންނަން ބޭނުންވާ އެހީތެރިިކަން ވަރަށްވެސް ބޮޑު ކަމަށެވެ.
"ހުރިހާ ގައުމެއްވެސް މިވަނީ އެއް ކޮޅިގަނޑެއްގައި ޖެހިފައި. ނަމަވެސް މުހިންމު ވަނީ ތަފާތު ބޯޓުތަކުގައި، ގުޅުން ބަދަހިކުރުން. އެއްގައުމު އަނެއް ގައުމު އެކުގައި މަސައްކަތް ކުރަންޖެހޭ. ކުރިއަށް ދެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީރާއްޖޭގެ ރައްޔިތުންނާ ގުޅިގެން މިގައުމު އަލުން ބިނާކުރުމަށް ކަމަށާއި ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށް އެހީތެރިވެދިނުމަށް ދުނިޔެއަށް ގޮވާލާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު