މުނިފޫހިފިލުވުން

ކަރަން ޖޯހަރުގެ ބަޔާން ނަގަން އޭނާގެ މެނޭޖަރު ހާޒިރުކުރާތީ ކަންގަނާގެ ފާޑުކިޔުން ފުލުހުންނަށް

އީމާ މުހައްމަދު ވަހީދު

ސުޝާންތު ސިންގުރާޖުޕުތު އަމިއްލައަށް މަރުވި މައްސަލައިގައި ބަޔާން ނެގުމަށް ފުލުހަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ބަދަލުގައި އޭނާގެ މެނޭޖަރު ހާޒިރުކުރާތީ ކަންގަނާ ރަނޯއަތު މުމްބާއީ ޕޮލިހަށް ފާޑުކިޔައިފިއެވެ.

އެގޮތުން ބަޔާން ނެގުމަށް ފުލުހަށް މީހުން ހާޒިރުކުރާއިރު މުމްބާއީ ޕޮލިހުން ނެޕްޓިޒަމް އަށް ބަލަނީ ކީއްވެގެންތޯ ކަންގަނާ ވަނީ ސުވާލުކޮށްފައެވެ. ކަންގަނާ ބުނީ ސުޝާންތުގެ މައްސަލައިގައި ބަޔާން ނަގަން ކޯޓަށް ހާޒިރުވާން ނޯޓިސް ފޮނުވީ އޭނާއަށް ކަމަށެވެ. އޭނާގެ މެނޭޖަރަށް ނޫން ކަމަށެވެ.

ކަންގަނާ ވަނީ މުމްބާއީގެ ޗީފު މިނިސްޓަރުގެ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ ކަރަން ޕޮލިހަށް ހާޒިރުކުރުމުން ޗީފު މިނިސްޓަރަށް އުނދަގޫ ވަނީތޯ ވެސް ސުވާލުކޮށްފައެވެ. ކަންގަނާ ވަނީ މުމްބާއީ ފުލުހުން ސުޝާންތުގެ މަރުގެ ތަހްގީގު ޖޯކަކަށް ހެދުން ހުއްޓައިލުމަށް ވެސް ގޮވާލައިފައެވެ.

މަހާރަސްތުރާގެ ހޯމު މިނިސްޓަރު ވަނީ ކަރަން ޖޯހަރުގެ މެނޭޖަރަށް ބަޔާން ދިނުމަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބޭނުން ޖެހިއްޖެނަމަ ފަހުން ކަރަން ވެސް ފުލުހަށް ހާޒިރުކުރާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ވަރަށް އަވަހަށް މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓްވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާނެ ކަމަށް ވިދާޅުވެފައެވެ.