ކުޅިވަރު

ސްވިމިން އެސޯސިއޭޝަންގެ ރައީސް ކަމަށް އަނެއްކާވެސް އަބްދުއްސައްތާރު އިންތިހާބުކޮށްފި

އައިދާ އަބްދުލް ހަކީމް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް އަނެއްކާވެސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުވެވަޑައިގެންފި އެވެ.

ތިންވަނަ ދައުރަކަށް އޭނާ އިންތިހާބުވެވަޑައިގަތީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އިއްޔެ ބޭއްވި އިންތިހާބުގައެވެ. އިންތިހާބަށް ޗަމްޕީ އެކަނި ކުރިމަތި ލައްވާފައި ވުމުން ނެގި ފެންނަ ނުފެންނަ ވޯޓުގައި 63 ފަރާތަކުން ބައިވެރިވެ ވޯޓު ދީފައިވާއިރު، އޭނާ ހޮވިވަޑައިގަތީ 48 ވޯޓާއެކު އެވެ. ނައިބު ރައީސްގެ މަގާމަށް މި ފަހަރު ވެސް އިންތިހާބުވީ ކުރިންވެސް އެ މަގާމު ފުރުއްވަމުން ގެންދެވި އިސްމާއިލް އަލީ އެވެ. އޭނާ އިންތިހާބު ކާމިޔާބުކުރެއްވީ 44 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އަހުމަދު ނިޔާޒަށް ލިބުނީ 18 ވޯޓެވެ.

ސްވިމިން އެސޯސިއޭޝންގެ އެކްސްކޯގައި ދެން ތިބެނީ ފަސް މެންބަރުންނެވެ. އެއީ ކްލަބު ރެޕްރެޒެންޓޭޓިވް ފިރާޝް އަފީފް، ޓެކްނިކަލް މެންބަރުންގެ ރެޕްރެޒެންޓޭޓިވް އަހްމަދު ރާއިދު އަލީ، އިންޑިވިޖުއަލް ކުޅުންތެރިންގެ ރެޕްރެޒެންޓޭޓިވްގެ ތެރެއިން އަންހެން ކުޅުންތެރިންގެ ފަރާތުން އަންނަ މެންބަރު ރަހީމާ އާދަމް އަދި އިންޑިވިޑުއަލް ޕްލެޔާސް ރެޕްރެޒެންޓޭޓިވް ފިރިހެން ކުޅުންތެރިންގެ ފަރާތުން ހަސަން ސިރާޖެވެ.

މީގެތެރެއިން ކޯޗުންގެ ފަރާތުން ހޮވާ މެންބަރުގެ ވޯޓު އެއްވަރުވުމުން ފަހުން މެންބަރަކު އިންތިހާބުކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ސްވިމިން އެސޯސިއޭޝަން ރައީސްކަމަށް ދެން ކުރިމަތިލެއްވި ޒައިދު އަމްޖަދުގެ ފޯމު ބަލައި ނުގަންނަން އިލެކްޓޯރިއަލް ކޮމިޓީން ނިންމީ އޭނާ ފޯމު ހުށަހެޅީ ވަގުތު ހަަމަވެފައި އޮއްވައި ކަމަށް ބުނެ އެވެ.