86 އަހަރަށްފަހު ހާގިއާ ސޯފިއާ ގައި ހުކުރު ކޮށްފިއެވެ.
ތުރުކީގެ އިސްތަންބޫލްގައި ހުންނަ 1500 އަހަރު ވެފައިވާ ހާގިއާ ސޯފިއާގައި ކުރި ހުކުރު ނަމާދުގައި ތުރުކީގެ ރައީސް ތައްޔިބު އުރުދޮގާންގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސްފަރާތްތައް ވަނީ ބައިވެރި ވެފައެވެ.
1000 އެއްހާ މީހުންނަށް ސަލާމަތީ ހާއްސަ ފިޔަވަޅުތަކާއެކު މިސްކިތުގެ އެތެރޭގައި ނަމާދުކުރުމުގެ ފުރުސަތު ދީފައިވާއިރު އެތައް ހާސްބަޔަކު މިސްކިތުގެ ބޭރުގައިވެސް ނަމާދު ކޮށްފައި ވެއެވެ.
ނަމާދު ކުރުމަށް ހާގިއާ ސޯފިއާ ތައްޔާރު ކުރުމުގައި އެ ސިޓީގެ މޭޔަރުގެ ބެލުމުގެ ދަށުން ވަނީ ހާއްސަ ކަންތައްތަކެއް ހަމަޖައްސައިފައެވެ. އެގޮތުން މިހާރު ފެތުރެމުންދާ ކޮވިޑުން ސަލާމަތްވުމަށްވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
1500 އަހަރު ކުރިން ރޫމީން ބިނާކޮށްފައިވާ ހާގިއާ ސޯފިއާ، 1453 ވަނަ އަހަރު މިސްކިތަކަށް ބަދަލުކުރުމަށް ފަހު 1935 ވަނަ އަހަރު ވަނީ ދާރުލްއާސާރަކަށް ބަދަލުކޮށްފައެވެ. މިއީ ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.
ތުރުކީގެ މުސްލިމުން ވަނީ އެ ނިންމުން އަލުން ބަދަލުކޮށް ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެގައުމުގެ ސެކިއުލާ ވިސްނުމުގެ މީހުން މިކަމާ ދެކޮޅުހަދައިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ދިޔައީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.
އެންމެފަހުން ތުރުކީގެ ކޯޓަކުން ވަނީ ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރަމުން އައި ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލުކުރުމަށް އެގައުމުގެ ސަރުކާރަށް އަންގައިފައެވެ.
ކޯޓުގެ ނިންމުމަށް ބޯލަނބައި ތުރުކީގެ ރައީސް އެރެދޮގާން ވަނީ ހާގިއާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ