ދިރާގުން މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި، ޖުމުލަ 157،320،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ އެ ކުންފުންޏަށް ހާސިލު ކުރެވުނު މާލީ ނަތީޖާއަށް ކޮވިޑް 19ގެ ސަބަބުން ފާހަގަކުރެވޭ ވަރުގެ ބޮޑު އަސަރެއްކޮށްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ އެއްވަނަ ކުއާޓަރާއި އަޅައިބަލާއިރު، ކުންފުނީގެ ޖުމުލަ އާމްދަނީ 25 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ދިރާގުން ބުނެއެވެ. ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުން ލިބުނު ފައިދާވެސް ޖުމުލަ ގޮތެއްގައި ދަށަށް ގޮސްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ ސާފު ފައިދާ 49 އިންސައްތަ ދަށްވެފައިވާއިރު، އާމްދަނީން ހިއްސާއަކަށް ޖެހޭ މިންވަރު ފާއިތުވި ކުއާޓަރާ އަޅައިބަލާއިރު 50 އިންސައްތަ ދަށްވެފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރަނީ ހަމަހަމަ ގޮތެއްގައި ދުރު ރާސްތާ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް، އިގްތިސޯދީ ކާރިސާތަކުގެ ވަގުތުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

އެގޮތުން، 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި، ޖުމުލަ 157،320،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަންނަ އޯގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 4:00 އާހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް އިންޓަރިމް ޑިވިޑެންޑް ބެހުމަށް ނިންމާފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ.