ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު ބޭނުންވާ ކޮވިޑު ޓެސްޓު އޭޑީކޭ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު ބޭނުންވާ ކޮވިޑް 19 ނިއުކްލިކް އެސިޑް ޓެސްޓު އޭޑީކޭ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ޗައިނާގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އެގައުމަށް އެތެރެވާ މީހުން ކޮވިޑް 19ގެ ނެގަޓިވް ޓެސްޓު ރިޕޯޓު ގެންނަން ޖެހޭނެއެވެ. އެގޮތުން ރާއްޖެއިން ޗައިނާއަށް ފުރާ އެގައުމުގެ ހުރިހާ ފަތުރުވެރިން ވެސް އެ ޓެސްޓު ހަދަން ޖެހޭނެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 102 ފަތުރުވެރިން އައިސްފައިވެއެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް އެއްވެސް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް ކޮވިޑް 19ގެ އަލާމާތްތައް ހުންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ. އަދި އަލާމާތްތައް ފެނިގެން ހަދާ ޓެސްޓުތައް ހެދުމަށް އެ ފަތުރުވެރިއެއްގެ އަތުން އަގު ނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިނުގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖެއިން ފުރުމުގެ ކުރިން ކޮވިޑް ޓެސްޓު ހަދަން ބޭނުންވާ ފަތުރުވެރިންނަށް އެ ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާ އިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.