ސިއްހަތު

ޑިޕްރެޝަން: ދެނެގަންނަންވީ ބައެއް ކަންކަން، ފަރުވާކުޑަނުކޮށް އެހީތެރިކަން ދޭން ޖެހޭ ބައެއް

އީމާ މުހައްމަދު ވަހީދު

ނަފުސާނީ ބަލިތަކުން އާއިލާއާއި އެކުވެރިން ސަލާމަތް ކުރަން އެންމެންވެސް ބޭނުން ވެއެވެ. ތިބާވެސް ބޭނުންވާނެއެވެ. މުޅި މުޖުތަމައުވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް ސުވާލަކީ އަހަރެމެން އެންމެނަށްވެސް އެކަމުން އަހަރެމެންގެ ގާތް މީހުންނާއި އާއިލާ ސަލާމަތްކުރަން ކުރެވުނުތޯ އެވެ؟ ނަފުސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ހިތްވަރުދީ ފޭސްބުކްގައި ލިޔެލި ޕޯސްޓަކުންތޯއެވެ؟ ފޭސްބުކްގައި ނުވަތަ ޓުވީޓާއި ލިޔެލާ ޕޯސްޓަކުން އެ ބަލި ތަހައްމަލު ކުރާ މީހުންނަށް އެކަމުން ލުޔެއް ނުލިބެނޭއެވެ. އަހަރެމެން މިދައްކަނީ އެއަށްވުރެ ސީރިއަސް އަދި ނާޒުކް ބައްޔެއްގެ ވާހަކައެވެ.

ނަފުސާނީ ބަލިތަކުގެ ތެރެއިން އެންމެ ގިނަ މީހުން ތަހައްމަލު ކުރާ އެއް ބައްޔަކީ ޑިޕްރެޝަންއެވެ. ޑިޕްރެޝަންގައި އުޅޭއިރު ބަނޑުހައި ވާނެއެވެ. މީރު އެއްޗެހި ކާން ބޭނުންވާނެއެވެ. އެކަމަކު ކާހިތެއް ނުވާނެއެވެ. ތައްޓަށް ބަތް އަޅައިފައިވެސް ކާހިތް ނުވެގެން ޖެހޭނީ ބަހައްޓާށެވެ. ހެނދުނު ހޭލައިފައި ދަތް އުނގުޅައި މޫނު ދޮންނަ ހިތެއް ނުވާނެއެވެ. ދަތް ނޫނގުޅައި ގިނައިރު ހުރުމުގެ ސަބަބުން އަނގައިން ނުބައިވަސް ދުވާތީ ދަތް އުނގުޅަން ޖެހޭނީ ގަދަކަމުންނެވެ. ފެންވަރާ ހިތެއް ނުވާނެއެވެ. ދެތިން ހަތަރު ދުވަސްވަންދެންވެސް ފެންނުވަރައި ބޮލު އިސްތަށިގަނޑު ފުނާ ނާޅައި ހުރެދާނެއެވެ. ފެންވަރަށް ބޭނުން ވެގެން ފާހާނައަށް ވަދެފައިވެސް ދެތިން ހަތަރު ފަހަރު ވަދެ ނިކުންނާނެއެވެ.

މީހުންނާ ވާހަކަ ދައްކަން ވަރަށް ބޭނުން ވާނެއެވެ. ހިތުގައި ހުރި އުދާސްތައް ހިއްސާކުރަން ބޭނުން ވާނެއެވެ. އިތުބާރު ކުރެވޭ އާއިލީ މީހެއް ނުވަތަ އެކުވެރިއެއްގެ ކޮނޑުގައި ބޯއަޅައިލައިގެން އޮވެ ހިތްފުރެންދެން ރޮއެލަން ބޭނުންވާނެއެވެ. އެހެންނަމަވެސް ކައިރިޔަށް މީހަކު އަންނައިރަށް ފޫހިވެ ރުޅި އާދެވޭނެއެވެ. ހިތުގައި ޖެހި ދެރަވުމުން ކޮޓަރީގައި އެކަނި ތަޅުލައިގެން އިނދެ ރޯނެއެވެ. ހަށިގަނޑަށް ވާ އުނދަގުލެއްގެ ސަބަބުން އެތައް އިރަކު ބާލީހުގައި ނުވަތަ ހެދުމުގެ އެއްބައިގައި ދަތްއަޅަގައިގެން އިނދެވިދާނެއެވެ. ރޭގަނޑަކު ނުނިދޭނެއެވެ. މީހަކު ކިރިޔާ އެއްޗެއް ބުނާ އިރަށް ރޮވޭނެއެވެ. އެންމެން ތިބާ ދެކެ ފޫހިވަނީއޭ ހިތަށް އަރާނެއެވެ.

މަތީގައި ލިޔެފައި އެހުރި ވާހަކަތައް ކިޔާއިރު ހިތަށް އުނދަގޫ ވޭ ހެއްޔެވެ؟ އެއީ ޑިޕްރެޝަންގެ ޝިކާރައަކަށްވާ ގިނަ މީހުން އުޅޭ ހާލެވެ. އެއީވެސް ކުޑަ މިންވަރެކެވެ. ޑިޕްރެޝަންއަކީ އެހެން ބަލިތައް ގޮތަށް އާންމު ގޮތެއްގައި ބަލީގެ އަލާމާތެއްގެ ގޮތަށް ބޭރު ފުށުން ފެންނާނެ ބައްޔެއް ނޫނެވެ. ޑިޕްރެޝަން ގިނަ ފަހަރަށް ތަހައްމަލު ކުރެވޭ މީހުންނަށް އެކުރެވޭ އިހުސާސްތައް އެހެން މީހުންނަށް ކިޔައިދިނުމަކީ އެހާ ފަސޭހާ ކަމެއް ނޫނެވެ. ކިޔައިދޭން ބޭނުންވާނެއެވެ. އެހެންނަމަވެސް ކިޔައެއް ނުދެވޭނެއެވެ.

ތިބާގެ އާއިލާގައި ނުވަތަ އެކުވެރިންގެ ތެރޭގައި ޑިޕްރެޝަން ނުވަތަ ނަފުސާނީ އެހެން ބައްޔެއް ތަހައްމަލު ކުރާ މީހަކު ހުރިނަމަ އޭނާއަށް އެހީވާށެވެ. އޭނާ އެކަހެރިކޮށް ނުލާށެވެ. އެއްވެސް ހާލެއްގައި ތިހާލުގައި އުޅެން ޖެހެނީ ވަކިގޮތަކަށް އަމަލު ކުރީތީ އޭ ނުބުނާށެވެ. އޭނާގެ ޝަކުވާތައް އަޑު އަހާށެވެ. ރޯން ފެށުމުން ކަންތައް ބޮޑުކޮށް ޑްރާމާ ޖައްސަނީ އޭ ނުބުނާށެވެ. އޭގެ ބަދަލުގައި އެމީހެއްގެ ހާލަތު ދެނެގަންނަން މަސައްކަތް ކުރާށެވެ. އޭނާ ހިތްހަމަ ޖައްސައިދޭށެވެ. ހާލަތު މާ ގޯސްވާ ނަމަ ލަސްނުކޮށް ކައުންސެލިން ދޭށެވެ.