މި ދަތި ދަނޑިވަޅުގައި ރާއްޖޭގެ އެތުލީޓުންނަށް ޓްރެއިނިންގެ ފުރުސަތުތައް ހޯދައިދިނުމަށާއި ކުޅިވަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ކޮމަންވެލްތު ގައުމުތަކުގެ ކިބައިން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އެދިވަޑައިގެންފިއެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް 19 ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ކޮމަންވެލްތު ގޭމްސްއަކީ ދިވެހި އެތުލީޓުންގެ ހުނަރު ދައްކައިލުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި 2022 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްއަށް ދިވެހި އެތުލީޓުން ތައްޔާރުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުޅިވަރަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރު މަހްލޫފު ވިދާޅުވީ ކުޅިވަރު ކުޅުމަށް ރަނގަޅު ފެންވަރުގެ ފެސިލިޓީސް ގާއިމުކުރުމާއި އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިން ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތަށް މީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ދަތިތަކުން އަރިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ރާއްޖޭގައި ކުޅިވަރު ކުޅޭ ތަންތަން ހުޅުވައިލެވުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން ސްޕޯޓްސް މިނިސްޓަރުންގެ ފޯރަމެއްގައި ރާއްޖޭގެ ކުޅިވަރު ވަޒީރަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ފޯރަމުގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ ކުޅިވަރާ ބެހޭ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވެސް ވަނީ މި ފޯރަމުގައި ބައިވެރިވަޑައިގެންފައެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް