ފުރަތަމަ ފަހަރަށް ބޮޑީބޯޑިންގެ ގައުމީ ޓީމެއް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އެކުލަވާލައިފިއެވެ.
އެމްބީބީއޭ އިން ބުނީ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނެނީ ހަތަރު ބޮޑީބޯޑަރުންނާއި މެނޭޖަރެއް ކަމަށެވެ. ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންނަކީ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ)، އަސްވާން މުހައްމަދު (ދޫނި)، އަހުމަދު ނަޒްމީން (ލޯބި)، އަދި އަލީ އާނިމް (ކިރިކާ) އެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ހަސަން ނިޒާމްއެވެ.
އެމްބީބީއޭ އިން މައުލޫމާތު ދޭ ގޮތުގައި ޓީމުގައި ހިމެނޭ ބޮޑީ ބޯޑަރުންނަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ރާއްޖެއަށް ރީތިނަން ހޯދައިދީފައިވާ ބޮޑީބޯޑަރުންނެވެ. އަދި ކުޅުންތެރިން ހޮވާފައިވަނީ އެ އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ބޮޑީބޯޑަރުންގެ ރޭންކިންއަށް ބަލައިގެން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ގައުމީ ޓީމުގައި ހިމެނުނު ކުޑަ އައްޔައަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް ރަން ވަނަތަކެއް ހޯދާފައިވާ ކާމިޔާބު ބޮޑީބޯޑަރެކެވެ. ކުޑަ އައްޔަ ވަނީ މިދިޔަ އަހަރު މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލްގައި ބޮޑީބޯޑިން ކެޓެގަރީން ރަން މެޑަލް ހޯދައިފައެވެ.
މީގެ އިތުރުން އަސްވާން ވެސް ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ. ނަޒްމީން އަކީ މިދިޔަ އަހަރު ބޭއްވި ބޮޑީބޯޑިން މުބާރާތުން ވަނަ ހޯދި ބައިވެރިއެވެ. އަދި އާނިމްއަކީ ވެސް މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ތަފާތު ހުނަރުތަކެއް ދެއްކި ބޮޑީބޯޑަރެއް ކަމަށް އެމްބީބީއޭ އިން މައުލޫމާތުދެއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)