(20 ޖުލައި ގެ އަދަދާ ގުޅޭ)

معـنّـى بــن حــارثـــة رضى اللّـه عنــه ލަޝްކަރުގެ އަމީރުގެ ސުވާލުފުޅުތަކުގެ ޖަވާބުގައި ޤާދިސިއްޔާގެ ޖޯގްރަފީވެށި ސިފަކޮށްދެއްވުމުން އެބޭކަލުންނަށް ޔަގީންފުޅުވީ أميـرالمؤمنـين ޢިރާޤުގެ ހުރިހައި ކަންކޮޅުތަކެއް ފުރިހަމަޔަށް ދެނެވަޑައިގަންނަވާކަމެވެ. އެނގިވަޑައިނުގަންނަވާ އެއްވެސް ތަންކޮޅެއް ނެތްކަމެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ދުނިޔޭގައި ހުންނެވިނަމަ އެކަލޭގެފާނުވެސް ޙައްޤާއި ބާޠިލުގެ ފުރަހަނގުރާމަޔަށް ޚިޔާރުކުރެއްވީހީ ޤާދިސިއްޔާ ކަމުގައިވުމީ އެކަށީގެންވާ ކަމެއްކަމެވެ.

މަދާއިނުން ފެށިގެން ދިޖުލާކޯރާއި ފުރާތުކޯރާ ދެމެދުގެ ހުރިހައި ރަށްރަށަކާއި އަވަށްއަވަށެއް ވަނީ އީރާނުގެ ޢަސްކަރީ މަރުކަޒުތަކަކަށް ބަދަލުވެފައެވެ. ނަމަވެސް ރުސްތުމު ގެންދެވީ އެކިއެކި ބަހަނާތަކާއި ތަފާތު ހީލަތްތަކުގެ ބޭނުންކުރައްވައިގެން ހަނގުރާމަ ފެއްޓެވުން ލަސްކުރައްވާން މަސައްކަތް ކުރައްވަމުންނެވެ. ސަބަބަކީ އޭނާއަކީ ނުޖޫމީ ޢިލްމު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ނަޒަރުގައި މިދުވަސްވަރު ތަރިތަކުގެ ދައުރުވުން ހުރީ އީރާނާ އެއްކޮޅަކަށެއް ނޫނެވެ. އީރާނުގެ އެހެނިހެން ނުޖޫމީންވެސް އޭނާއަށްވަނީ އަންނާންއޮތް ނާމާން ދުވަސްތަކުގެ އިންޒާރު ދީފައެވެ.

މަދާއިނުގެ ފުރަދާނައިން އީރާނުގެ ލަޝްކަރު ދަތުރުފެށުން އަވަސްކުރައްވަން އެދިވަޑައިގެންނެވުމުން ރުސްތުމު އެބޭފުޅުންގެ ވާހަކަފުޅު ހުއްޓުވުމަށްޓަކައި ދެއްވަނީ މިދަންނަވާ ޖަވާބެވެ. "އަޅުގަނޑުމެންނަށް އެންމެ ލާބަހުރިގޮތަކީ ހަމަޖެހިލައިގެންތިބެ ހަނގުރާމަޔަށް ތައްޔާރުވަމުން ގެންދިޔުމުގައެވެ. ދުޝްމިނުންނަށް ފުރާތުކޯރު ހުރަސްކޮށް ކުރިޔަށް އަންނާން ނުވަތަ ޢަސްކަރީ ފޯރުމާލު ހުސްވެ ދަތިބޮޑުވެގެން އެނބުރިދާން މަޖުބޫރު ކުރުވުމުގައެވެ. މިދެގޮތުގައިވެސް މަންފާ ބޮޑީ އަޅުގަނޑުމެންނަށެވެ. އަޅުގަނޑުމެންގެ ހަނގުރާމައިގެ ތައްޔާރީގެ ސަބަބުން ޖެހިލުންވެގެން އެބައިމީހުން ޤާދިސިއްޔާއިން ފައިތިލަ އުފުރައިލައިފިނަމަ ފުރާތުކޯރުގެ އެފަރާތުގެ ހުރިހައި ޢަރަބީން އެމީހުންނާ ދެކޮޅަށް ތެދުވާނެއެވެ. އަލުން އީރާނާ ދިމާޔަށް ބަލައިލާކަށެއްވެސް ނުކެރޭނެއެވެ. އެބައިމީހުންގެ މޮޔަކަމުން ކޯރު ހުރަސްކޮށްފިނަމަ އަޅުގަނޑުގެ މަސައްކަތަކަށް ހަދާނީ މުސްލިމް ސިފައިންގެ އެންމެ މީހަކަށްވެސް ޖާނު ސަލާމަތްކޮށްގެން އެނބުރި ދެވުނަ ނުދިނުމެވެ."

އީރާނީ ލަޝްކަރުގެ އޮފިސަރުންނަށް އެ މަންޠިޤު ނުހަނު ކަމުދެއެވެ. އެބޭފުޅުންގެ ކޮމާންޑަރަށް ތާއީދުކުރެއްވުމުގެ ގޮތުން ވިދާޅުވެއެވެ. އަޅުގަނޑުމެންނަށް ފައިދާ ބޮޑުވަނީ އީރާނާއި ޢަރަބީންނާ ދެމެދު ދެން ކުރެވޭ ހަނގުރާމައެއް މަދާއިނާ ވީހައިވެސް ކައިރީގައި ކުރެވުނު ވަރެކެވެ. އޭރުން މުސްލިމުންނަށް ގެއްލުން ބޮޑުވާނެއެވެ. ދިޖުލާއާއި ފުރާތާ ދެމެދަކީ އީރާނުގެ ސިންގާތަކުގެ ވަޒަނެވެ. ޝިކާރަ އަމިއްލަޔަށް ކޮށްޓަށް ވަދެވަދެ އޮއްވައި އަޅުގަނޑުމެން ބޭރަށްނުކުމެ ފައްސަން އުޅޭންވީ ކީއްކުރަންތޯއެވެ. ޔަޒުދުގިރުދުވެސް ހުންނެވީ އިންތިހާޔަށް ބޭނުންނުވާހައި ހިނދަކު އެއްވެސް ނުރައްކަލަކާ ކުރިމަތިލައްވާ ގޮތަކަށެއް ނޫނެވެ. އެހެންކަމުން އޭނާވެސް ހުންނެވީ ޤާދިސިއްޔާއަށް ޖަމާވަމުންދާ ދުޝްމިނުން ދެން އަޅަނީ ކޮންފިޔަވަޅެއްތޯ ބައްލަވަން އިންތިޒާރުގައެވެ.

ދުވަސްތައް ފާއިތުވަމުން މިދަނީ سعـد بـن أبى وقّـاص رضـى اللّـه عنـــه ހީފުޅުކުރެއްވި ގޮތަކަށެއް ނޫނެވެ. އެކަލޭގެފާނު މަދީނާއިން ފުރައިވަޑައިގެންނެވީ ބަހާރު މޫސުމުގައެވެ. ލަޝްކަރު އެއްކުރެއްވުމަށްޓަކައި ސީރާފުގައިވެސް މައްސަރުތަކެއް ވޭތިކުރެއްވިއެވެ. އޭގެފަހުން ޢުޛައިބުގައިހުރި އީރާނުގެ ވަރަށް މުހިންމު ޢަސްކަރީ މަރުކަޒެއް ފަތަޙަކުރެއްވިއެވެ. ޤާދިސިއްޔާގައި މުޢަސްކަރު ހެއްދެވީ ޢުޛައިބުގައިވެސް ދުވަސްކޮޅަކު މަޑުކުރެއްވުމަށް ފަހުގައެވެ.

ޤާދިސިއްޔާގައި މަހެއްހައިދުވަސް ވީއިރުވެސް އީރާނީންގެ ލަޝްކަރު ހަރަކާތްތެރިވާކަމުގެ ހިލަމެއް ނުވެއެވެ. އަނެއްކޮޅުން މުސްލިމުންގެ އަތުގައިހުރި ޢަސްކަރީފޯރުމާލު މަދުވާކަން އިޙުސާސްކުރެއްވެން ފަށައިފިއެވެ. އެހެންކަމުން ދުޝްމިނުންގެ އެކި ސަރަޙައްދުތަކަށް ކުއްލި ޙަމަލަތަކެއް ދެއްވަން ގަސްދުކުރައްވައި އެކަމުގެ އަމުރު ނެރުއްވިއެވެ. އެކަމަށްޓަކައި ހޮއްވަވައިލެއްވީ مثــنّـى بــن حــارثـــة رضى اللّـه عنــه ގެ އަރިހުގައި ޢިރާޤު އެފުށްމިފުށަށް ޖައްސަވައިފައިވާ ތަޖުރިބާކާރު އޮފިސަރުންނާއި ސިފައިންނެވެ. މުޖާހިދުންގެ އެކި ކޯޅިކޯޅި މުޢަސްކަރުން ނުކުމެގެން ދުޝްމިނުންގެ ސަރަޙައްދަށްވަދެ ގެރިބަކަރިއާއި ގޮވާމުގެ ބާވަތްތައް ފިރުކައިގަނެގެން އެނބުރި އަންނަނީއެވެ. ލަޝްކަރަށް ބޭނުންވާ ކާބޯތަކެތި ހޯއްދެވުމަށްޓަކައި ފެއްޓެވި ހަރަކާތް ދުވަސްކޮޅެއްގެ ތެރޭގައި ފުޅާވެ ގަވާއިދުން ކުރިއަށް ގެންދަވާ ޙަމަލަތަކަކަށް ބަދަލުވެއްޖެއެވެ. ހީރަތުގެ އެއްވެސް ރަށެއްވެސް އަވަށެއްވެސް މުސްލިމުންގެ އަތްދަށަކުން ރައްކާތެރިޔެއް ނުވެއެވެ. މުސްލިމުންގެ ޠޫފާނީ ގެމަތައް ހީރަތުގެ ކައިރީން ކޯރު ހުރަސްކޮށް ޖަޒީރާގެ ސަރަޙައްދަށްވެސް ވަންނާން ފަށައިފިއެވެ. އެހިސާބުގައިހުރި އީރާނުގެ ޢަސްކަރީ ޗެކްޕޯސްޓުތައް ހަލާކުކުރުމަށްފަހު ފިރާޟާ ހަމަޔަށްވެސް ދަތުރުކުރާން ފަށައިފިއެވެ.

ނަތީޖާއެއްގެގޮތުން އެހިސާބުގަނޑުގެ ވަފުދުތައް މަދާއިނަށް މިސުރާބުޖަހާން ފަށައިފިއެވެ. އެވަފުދުތަކުން ޔަޒްދުގިރުދުގެ އަރިހުގައި ޝަކުވާކުރާން ފަށައިފިއެވެ. އީރާނުގެ ލަޝްކަރުތައް ހަރަކާތްތެރިވާން ނުފަށައިފިނަމަ މުޅި ޢިރާޤުގައި މުސްލިމުންގެ ހައިބަތު ފެތުރިދާނެއެވެ. ޢިރާޤުގެ މީހުން އީރާނާމެދު މާޔޫސްވެގެން މުސްލިމުންނާ ގުޅޭން މަޖުބޫރުވެދާނެއެވެ. މުރުޒުބާނުންނާއި، ބިންވެރީންނާއި، ޢަސްކަރީ ޗެކްޕޯސްޓުތަކުގެ ފާރަވެރީންގެ ފަރާތުންވެސް ޔަޒުދުގިރުދުގެ އަރިހަށް އަވަސް އެހީފުޅަށްއެދި ހުށަހަޅާން ފަށައިފިއެވެ. ހަމައެއާއެކު މަދާއިނުގައިވެސް ހާސްކަން އިތުރުވާން ފަށައިފިއެވެ. އަމީރުންނާއި ވަޒީރުންނާއި ދީނީ ބޮޑެތި ކާހިނުންގެ ފަރާތުންވެސް ލަސްނުކުރައްވައި ރުސްތުމު ފުރުއްވައިލައްވަންއެދި ދަންނަވާން ފަށައިފިއެވެ. އެހެންކަމުން ޔަޒުދުގިރުދު އެއްދުވަހަކު ރުސްތުމު ބަލައި ފޮނުއްވައި ގެންނަވައިފިއެވެ. ޝަހެންޝާހު ރުސްތުމަށް އެންގެވިއެވެ. "މާދަމާ އިރުއޮއްސުމުގެ ކުރީން އަހަރެން އަޑުއަހަން ބޭނުމީ އަހަރެންގެ ލަޝްކަރު ޤާދިސިއްޔާއާ ދިމާޔަށް އެއް މަންޒިލަށް ދަތުރުކޮށްފި ޚަބަރެވެ."

ރުސްތުމުގެ މޫނުފުޅުމަތީން ކުލައޮއްސިއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ ވެރި ޝަހެންޝާހެވެ. މަނިކުފާނުގެ އަމުރުފުޅާ ޚިލާފުވުމަކީ އަޅުގަނޑަށް ކޮންގޮތަކުން ކުޅަދާނަވާނެ ކަމެއްތޯއެވެ؟ މަދާއިނުގެ ލަޝްކަރަށް ހަމަ މިއަދުވެސް ދަތުރު ފެށިދާނެއެވެ. ނަމަވެސް ....."

"ކޮން ނަމަވެސްއެއް ހެއްޔެވެ؟" ޔަޒުދުގިރުދު ކޯފާ އިސްކުރައްވައިފައި ވިދާޅުވިއެވެ.

ރުސްތުމު އާދޭހުގެ ރާގުގައި ވިދާޅުވިއެވެ. "ދަރަޖަ މަތިވެރި ސާހިބާއެވެ. އަޅުގަނޑު ވެރިރަށާ ކައިރީގައި ހުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެހެންކަމުން ލަޝްކަރާއެކު ސާބާޠާ ހަމަޔަށް ގޮސްފައި އެނބުރި އައުމުގެ ހުއްދަ އަޅުގަނޑަށް ދެއްވައި ދީލަތިވެވަޑައިގަންނަވާށެވެ. ހަނގުރާމައިގެ މައިދާނުގައި އަޅުގަނޑުމެންގެ ލަޝްކަރަށް މަގުދައްކަވާނެ އިތުބާރުކުރެވޭ ތަޖުރިބާކާރު ޖަނަރަލުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިއެވެ. ޖާލީނޫސާއި، ހުރުމުޒާނާއި ފީރޯޒާނާއި ބަހުމަނާ މިބޭބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކާ އަޅުގަނޑު މި މުހިންމަތު ހަވާލުކޮށްފާނަމެވެ."

ޔަޒުދުގިރުދު މާބޮޑަށް ރުންކުރުވެވަޑައިގެންފައި ވިދާޅުވިއެވެ. "ދުޝްމިނުންގެ ލޮންސިތަކުގެ ކުރިމަތީގައި މޭދައްކަން ތިބާޔަށްވުރެ ބޮޑަށް އެބައިމީހުން ޝައުޤުވެރިވާނެކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟"

ރުސްތުމު އޭނާގެ ކޯފާ މަތަކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަކީ ހިތްވަރުދެރަ ފިނޑިޔަކީމެއް ނޫނެވެ. އެކަމަކު ލަޝްކަރުގެ ހިތްވަރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑު ފަހަތުގައި ހުންނާން ޖެހެއެވެ. ޤާދިސިއްޔާއާ ދިމާޔަށް ދަތުރުކުރަމުންގެންދާ ސިފައިންނަށް އެބައިމީހުންގެ ރަސްކަމުގެ ވެރިރަށް އޮތީ ރައްކައުތެރިކޮށްކަމާއި ބޭނުންވާ ކޮންމެ ވަގުތަކު އިތުރު އެހީ ލިބޭނެކަން ޔަގީންވާން ޖެހެއެވެ. އަޅުގަނޑު މަދާއިނުގައި ކަމެއްނެތި ހުހަށް ހުންނާނީކީ ނޫނެވެ. އަޅުގަނޑުގެ މަސައްކަތަކަށްވާނީ މާދަމާ އެއްހާސް އަސްވާރުން ފޮނުވާންޖެހުނުނަމަ އަނެއްދުވަހަށް ހަތަރުހާސް ސިފައިން ތައްޔާރުކުރުމެވެ. އަޅުގަނޑު ދުޝްމިނުންނަށް އަންގަން ބޭނުންވަނީ ޤާދިސިއްޔާގައި ތިބި ސިފައިންނަށްވުރެ ގިނަ ސިފައިން މަދާއިނުގެ ޢަސްކަރީ މަރުކަޒުގައި ތަމްރީނުވަމުން ދާކަމެވެ."

ޔަޒުދުގިރުދު މަލާމާތުގެ ހިނިފުޅުވަޑުވައިލެއްވުމަކާއެކު ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނާ ދުރުގައި ހުރެގެން ދުޝްމިނުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ކޮމާންޑަރ އިން ޗީފެއްގެ ވާހަކަ އަހަރެން މިނޫނީ އަޑެއް ނާހަމެވެ. މީގެކުރީން ކަލޭ ބުނީމުއެވެ. އަހަރެމެން ދުވަސްކޮޅަކު ހިމޭނުން ތިބެއްޖެނަމަ އަހަރެމެންގެ ޢަސްކަރީ ވަސީލަތްތައް ގިނަކަމާހުރެ ބިރުން ދުޝްމިނުން ފަހަތަށް ޖެހިދާނެއެވެ. އަދިވެސް ކަލޭ ބުނީމުއެވެ. ދުޝްމިނުން ކުރިޔަށް ޖެހިލައިފިނަމަ ކޯރު ހުރަސްކުރާއިރަށް އެމީހުން ފިސްފިސްކޮށްލާނަމެވެ. އެކަމަކު މިހާރަކު އެބައިމީހުންގެ އަސްވާރުންގެ ކުޑަވެސް ބިރެއް ޖެހިލުންވުމެއް ނެތެވެ. އަހަރެމެންގެ ވިޔަނަ ބިންތައް އެއްފުށުން އަނެއްފުށަށް ޖަހަނީއެވެ. މިހާރު އެބައިމީހުންގެ އަތުގައި ފުދިފައި އިތުރުވާވަރަށްވެސް ޢަސްކަރީފޯރުމާލު އެބަހުއްޓެވެ. އެމީހުންވަނީ އެތައް މައްސަރުތަކަކަށް ފުދޭވަރަށް ކާބޯތަކެތި ޖަމާކޮށްފައެވެ. ކަލޭގެ ވިސްނުންތެރިކަމުގެ ސަބަބުން އެބައިމީހުންނަށް އިތުރު ފުރުސަތު ލިބިއްޖެނަމަ އިތުރު ސިފައިން ހޯދުމަކީވެސް އެބައިމީހުންނަށް އުނދަގޫކަމަކަށެއް ނުވާނެއެވެ. ޝާމްކަރައިގެ މައިދާނުގައި ރޫމީން ފައިދަށުލައި ޗިސްކޮށްލުމަށްފަހު އެމީހުންގެ ހުރިހައި ބާރެއް އީރާނުގެ މައިދާނަށް ޖަމާކުރާކަށެއް ލަހެއްނުވާނެއެވެ. އޭރުން އީރާނުގެ މުޅި އާބާދީ މަދާއިނުގެ މުޢަސްކަރަށް ޖަމާކޮށްގެންވެސް ކަލެޔަކަށް އެބައިމީހުން ސިއްސައެއް ނުލެވޭނެއެވެ. ކަލޭ އަހަންނަށް ޚަބަރުދީފައިވާ ގޮތުގައި، ޤާދިސިއްޔާގެ މައިދާނުގައިތިބި ދުޝްމިނުންގެ އަދަދު ތިރީސްހާހަށްވުރެ ގިނައެއް ނޫނެވެ. މިހާރުވެސް ކަލޭ ވަނީ މަދާއިނުގެ މުޢަސްކަރަށް ފަސްދޮޅަސްހާސް އަސްވާރުން ޖަމާކޮށްފައެވެ. ސާބާތުގައިވެސް ފަސްދޮޅަސްހާސް ސިފައިން އެބަތިއްބެވެ. މަގުމަތީގެ އެހެން މަރުކަޒުތަކުގައިވެސް ފަސްދޮޅަސް ހާހަށްވުރެ ގިނަ ސިފައިން ކަލެޔަށް އެބަ އިންތިޒާރު ކުރެއެވެ. އެހެންވީއިރު އެތައް މަހެއް ފާއިތުވާއިރުވެސް ދުޝްމިނުންގެ ކުރިމައްޗަށް ދާންނުކެރި ދެފުށުއެޅިފައި ތިޔަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އަޑުއަހައިފައިވާ ގޮތުގައި، ކަލެޔަކީ ތަރިތަކުގެ ޢިލްމު ދަންނަ މީހެކެވެ. އެކަމަކު އަހަރެން އީރާނަށް ބޭނުންވަނީ ނުޖޫމީއަކަށްވުރެ ބޮޑަށް ސިފައިންގެ މީހެކެވެ."

ރުސްތުމް ލޭގެ ކޯވަރެއް ހިއްޕަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ދަރަޖަ އަރައިހުންނެވި ސާހިބާއެވެ. ތަރިތަކުގެ ޢިލްމު އެނގުމަކީ ކުށެއް ނޫނެވެ. އެކަމަކު ތަރިތަކުގެ ޢިލްމު އެނގުމުގެ ސަބަބުން އަޅުގަނޑު ފިނޑިޔަކަށް ހަދައިފި ކަމަށާއި، މަރުދެކެ ބިރުން އަޅުގަނޑުގެ ވަފާތެރިކަމާއި ކިޔަމަންތެރިކަމަށް ޒައްރެއްގެ މިންވަރުގެވެސް ފަރަގެއް އަތުވެއްޖެކަމަށް ޝައްކު ކުރެއްވިއްޖެނަމަ ސާހިބާގެ މިއަޅުކަލޭގެޔާމެދު ތިޔަ ކުރެއްވުނީ އިންސާފެއް ނޫނެވެ. އަޅުގަނޑު ހަމަ މިއަދު ފުރާނަމެވެ."

ޔަޒުދުގިރުދުގެ ހިތްޕުޅަށް ކޮންމެވެސް މިންވަރަކަށް އަސަރުކޮށްފިއެވެ. އޭނާ މައިތިރިވެވަޑައިގެން ވިދާޅުވިއެވެ. "ކަލާއާމެދު ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ. އަވަސްއަރައިވަޑައިގެންނެވުމުގެވެސް ބޭނުމެއް ނެތެވެ. އެންމެ ދުވަހެއް ލަސްކޮށްލެއްވިޔަސް މާބޮޑު ތަފާތެއް ނާންނާނެއެވެ. މާދަމާ ހެނދުނު ކަލާގެ ދަތުރުފުޅު އެރެހައްޓަން އަޅުގަނޑު މުޢަސްކަރަށް ދާނަމެވެ."

ރުސްތުމު މަދާއިނުން ފުރައިވަޑައިގެންފިއެވެ. އޭނާގެ ކުރިފުޅުމަތީ ހުރީ ހަނގުރާމަވެރި އެތްތަކުގެ ބަރިބަރިއެވެ. ފަހަތްޕުޅުގައި ޢަސްކަރީފޯރުމާލާއި ޚަޒާނާ އަރުވައި ބަރުކޮށްފައިވާ އެތަކެއްހާސް ޖަމަލާއި ބަޣަލްތަކެވެ. އޭނާ ސާބާޠަށް ވަޑައިގެންނެވުމުން އެބޭފުޅުންގެ ލަޝްކަރުތަކާއެކު އޭނާއަށް މަރުޙަބާ ވިދާޅުވީ މީގެ އަހަރުތަކެއްގެ ކުރީން އީރާނީންނާއި ރޫމީންނާ ކުރި ހަނގުރާމަތަކާއި އޭގެފަހުން އެތައް މައުރިކާތަކެއްގައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައިފައިވާ ތަޖުރިބާކާރު ޖަނަރަލުންނެވެ.

ސާބާޠުގައި މުއަސްކަރު ހެއްދެވުމަށްފަހު ބޭރުފުށުން އޭނާ ގެންދަވަނީ ކުރިޔަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެކަމަކު އޭނާ މަސައްކަތްޕުޅު ކުރައްވަނީ ވަރަށްވެސް ކަންފަސޭހަކޮށެވެ. އޭގެ ސަބަބަކީ އޭނާގެ އަރިހުގައި މަދާއިނުން ގެންނަވައިފައިވާ މަޝްހޫރު ނުޖޫމީ ޢިލްމުވެރިޔެއްގެ ވާހަކައެވެ. އޭނާ ބުނާގޮތުގައި އީރާނުގެ ތަރިތައް އަދިވެސް ހުރީ ސުންޕާކަމުގެ ބުރުޖުގައެވެ. ތަރިތައް ދައުރުވަމުންދަނީ ޚުދު ރުސްތުމާވެސް ޚިލާފަށެވެ.

ރުސްތުމަށް އެއްދުވަހަކު ލިބިވަޑައިގެންނެވި ޚަބަރަކީ ކިސްރާއާ މަޝްވަރާކުރަންވަން މުސްލިމުންގެ ވަފުދެއް މަދާއިނަށް މިސުރާބު ޖެއްސެވި ޚަބަރެވެ. ރުސްތުމަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ މާނޭވާފުޅެއް ލެއްވުނެވެ. އޭނާއަށް ހީފުޅުވީ އޭނާގެ އެތައް ދުޢާތަކެއް އަހަރުމުޒުދު ގަބޫލުކުރެއްވީ ކަމުގައެވެ. އޭނާގެ ރަޙުމަތްތެރީން އިރުކޮޅެއްގެފަހުން އޭނާއަށް މަޝްވަރާ ދެއްވިއެވެ. ޒުވާން، ކޯފާގަދަ ރަސްކަލެއްގެ މޮޔަފުޅުކަމުގެ ނަތީޖާއިން އީރާން ސަލާމަތްކުރެއްވުމަށްޓަކައި މަނިކުފާނު މަދާއިނަށް ވަޑައިގެންނެވުމަކީ ވަރަށް މުހިންމު ކަމެކެވެ.

(ނުނިމޭ)