30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ތަށި ލިވަޕޫލް އިން އުފުލާލައިފި އެވެ. ލިވަޕޫލުން ލީގު ތަށި އުފުލައިލީ ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 5-3 ން މޮޅުވި މެޗަށްފަހުއެވެ.
މިއީ 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ލިވަޕޫލުން ހޯދި ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސީޒަނާ އެކު ޖުމުލަ 19 ވަނަ ފަހަރު ލިވަޕޫލް އިން ވަނީ ލީގު ތަށި ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި މުބާރާތުގެ ޗެމްޕިއަންކަން މީގެ ކުރިން ލިވަޕޫލްއިން ހޯދައިފައިވަނީ ފުރަތަމަ ޑިވިޝަނުގައެވެ.
މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ރޭ ލިވަޕޫލަށް ތަށި ހަވާލުކޮށްފައިވާއިރު ތައްޓާއި ހަވާލުވީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އެޓީމުން ވަނީ ލީގު ތަށި އުފުލައިލުމުގެ ޝަރަފު އޭނާއަށް ދޭން ނިންމައިފައެވެ.
ލިވަޕޫލުން މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އެޓީމުން މިހާތަނަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުން ޗެލްސީ އަށް އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް އެޓީމަށް 3 ވަނަ މަގާމުގައި ދެމި އޮވެވުނީހެވެ. ރޭގެ މެޗުން ބަލިވުމުން ޗެލްސީ އަށް ވަނީ ތާވަލުގެ ތިން ވަނަ މަގާމު ގެއްލިފައެވެ.
މި މެޗުން ލިބުނު މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 96 ޕޮއިންޓާއި އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. މިވަގުތު ތިންވަނައިގައި އޮތީ 63 ޕޮއިންޓާއި އެކު މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 63 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު