އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން ލިވަޕޫލް އަތުން 5-3 ގެ ނަތީޖާ އަކުން ބަލިވުމުން ކުރިން ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީ ތާވަލުގެ ހަތަރުވަނަ އަށް ވެއްޓިއްޖެއެވެ.
ރޭގެ މެޗުން ޗެލްސީ އަށް އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް އެޓީމަށް 3 ވަނަ މަގާމުގައި ދެމި އޮވެވުނީހެވެ. ލިވަޕޫލްގެ ދަނޑުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު އެޓީމަށް މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ލިވަޕޫލަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްދީފައެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނުކަމުގައިވީ ނަމަވެސް ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ބަލާހިތްވާ ފޯރިގަދަ ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން މެޗްގެ 55 ވަނަ މިނެޓުގައި ރޮބާޓް ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މެޗްގެ 61 ވަނަ މިނެޓުގައި ޓަމީ އަބްރަހަމް ވަނީ ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި 73 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. ނަމަވެސް މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އެލެކްސް އޮކްސްލޭޑް ޗެމްބަލައިން ވަނީ ލިވަޕޫލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުން ލިބުނު މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 96 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. މިވަގުތު ތިންވަނައިގައި އޮތީ 63 ޕޮއިންޓާއި އެކު މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 63 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު