ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރަނީ ރަނގަޅޭ ބުންޏަސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ކަންތައް ސައްހަ ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ އެވެ.

ޑރ. ދީދީ މިހެން ވިދާޅުވެފައި ވަނީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަކި ފަނޑިޔާރަކާ ދޭތެރޭގައި ވަކި ގޮތެއް ގެންގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ.

"ދުވާލަކު ފަސް ފަހަރު ތަސްބީހަ ކިޔާހެން ތިމަންނަމެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ޖޭއެސްސީން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރުދުސްތޫރީ ބާތިލުކަންތައް ސައްހަ ނުވާނެ! ސުލޫކީގެ ނަމުގައި ތިތަނުން ބަލާ 90 ޕަސެންޓް ކޭސްތަކަކީ ޖުޑީޝަލް ފަންކްޝަންގެ ތެރެޔަށް ވަންނަ ކަންތައްތައް،" ޑރ. ދީދީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެން ތިއްބެވީ، ރައްޔިތުންނަށް ވަކި ހައްސަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދު ވެވަޑައިގެން ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ވައުދަކީ ޝަރުއީ ނިޒާމު އިންސާފުގެ ނިޒާމަކަށް ހަދައި ދިނުމަށް ކުރެއްވި ވައުދު ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މަސައްކަތް ކުރިޔަށް ދާނީ އެއްރޭ މަތިން ނޫން ކަމަށާއި، އެކަންތައް ކުރެވިގެންދާނީ، މަސައްކަތްތަކެއް ކުރެވިގެން އިޖުރާއަތްތައް، ފުރިހަމަކޮށް ދާއިމީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.