ހެލްތުކެއާ އޭޝިއާ އެވޯޑްސްގެ ދެ އެވޯޑެއް ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލަށް ލިބިއްޖެ އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ހާއްސަކޮށްގެން ދޭ މި އެވޯޑަކީ ހެލްތްކެއާ އޭޝިއާ މެގަޒިން އިން އަހަރަކު އެއް ފަހަރު ދޭ އެވޯޑެކެވެ. މި އެވޯޑްސް ދެ ކެޓަގަރީއަކުން ދެ އެވެ. އެއީ ހެލްތުކެއާ ޕްރޮވައިޑާސް ކެޓަގަރީސް އަދި ސަޕޯޓިން ޕްރޮޖެކްޓްސް ކެޓަގަރީސް އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް ވިދާޅުވީ، މިއަހަރުގެ އެވޯޑްސްގައި އޭޑީކޭ އިން ތިން ކެޓަގަރީއަކަށް ވާދަކުރި ކަމަށެވެ. އެއީ އެމްޕްލޯއީ އެންގޭޖްމަންޓް އޮފް ދަ އިޔާ، ފެސިލިޓީސް އިމްޕްރޫވްމަންޓް އިނީޝިއޭޓިވް އޮފް ދަ އިޔާ އަދި ޕޭޝަންޓް ސޭފްޓީ އިނީޝިއޭޓިފް އޮފް ދަ އިޔާ އެވެ.

މި ތިން ކެޓަގަރީގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލަށް އެވޯޑް ލިބުނީ އެމްޕްލޯއީ އެންގޭޖްމަންޓް އޮފް ދަ އިޔާ އަދި ފެސިލިޓީސް އިމްޕްރޫވްމަންޓް އިނީޝިއޭޓިވް އޮފް ދަ އިޔާ އެވެ. އަދި މިއީ ރާއްޖޭގެ ހޮސްޕިޓަލަށް މި އެވޯޑްސް ލިބުނު ފުރަތަމަ ފަހަރެވެ.

އެމްޕްލޯއީ އެންގޭޖްމަންޓް އޮފް ދަ އިޔާ އެވޯޑް އޭޑީކޭ އަށް ލިބުނީ އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ހާސްމޭލް" އަށެވެ. އޭޑީކޭގެ މުވައްޒަފުން ހަށިހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބާރުއެޅުމުގެ ގޮތުން އެއް އަހަރުތެރޭ އެއްހާސް މޭލު ދުވުމުގެ މަގުސަދުގައި އޭޑީކޭ އިން ހިންގި އެ ކެމްޕޭނުގެ ދަށުން ތިން ކެޓަގަރީއަކުން މެޑަލް ދިނެވެ.

ފުރަތަމަ ކެޓަގަރީ އަކީ 100 މޭލާއި 500 މޭލާ ދެމެދެވެ. އެ ކެޓަގަރީ ފުރިހަމަކުރާ މުވައްޒަފުންނަށް ވަނީ ބްރޯންޒް މެޑަލް ދީފަ އެވެ. ދެ ވަނަ ކެޓަގަރީ އަކީ 500 މޭލަށް ވުރެ ގިނައިން ދުވުމެވެ. އެ ކެޓަގަރީ ފުރިހަމަ ކުރާ މުވައްޒަފުންނާއި ބްރޯންޒް އަދި ސިލްވާ މެޑަލް ދީފައިވާއިރު ހާސް މޭލު ހަމަކުރި މުވައްޒަފުންނަށް ރަން މެޑަލްއާއެކު ބްރޯންޒް އަދި ސިލްވާ މެޑަލް ދީފައިވެ އެވެ.

ފެސިލިޓީސް އިމްޕްރޫވްމަންޓް އިނީޝިއޭޓިވް އޮފް ދަ އިޔާގެ އެވޯޑް އޭޑީކޭ އަށް ލިބުނީ، ހިތުގެ ހުރިހާ ކަމަކަށް ފަރުވާދެވޭ ގޮތަށް ހަދާފައިވާ ހައި ޓެކްނޮލޮޖީ ހިމެނޭ ތިއޭޓާ ކޮމްޕްލެކްސް އަށެވެ.

އޭޑީކޭ ކޮމްޕެނީގެ އެއް ހިއްސާދާރު އަދި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދުގެ ޅިޔަނު ހަސަން އިބްރާހިމްގެ ނަމަށް ނިސްބަތްކޮށް ހެދި "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ" (ހައިޓެކް)ގައި ދުނިޔޭގައި ލިބެން ހުރި އެންމެ ފަހު ހުރިހާ ޓެކްނޮލޮޖީއަކާ އެކު، ހިތުގެ ނާރުތައް ބެދުމުން ފަރުވާ ދޭން ބޭނުންކުރާ ކެތު ލެބެއް ވެސް ހިމެނެ އެވެ.

ކެތު ލެބާ އެކު ހެދި އެ އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން އެ ހޮސްޕިޓަލުގައި ވަނީ ހިތުގެ ބަލިތަކުގެ އޮޕަރޭޝަންތަކަށް ފަހު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަސް އެނދުގެ ކާޑިއެކް ކެއާ ޔުނިޓް (ސީސީޔޫ) އެއް ވެސް ހަދައިފަ އެވެ.

އައްފާލު ވިދާޅުވީ، މިއީ ސަރަހައްދުގެ ބޮޑެތި ގައުމުތަކުން ބައިވެރިވާ ހެލްތުކެއާ އޭޝިއާ އެވޯޑްސްގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ. ބައިވެރިވި ފުރަތަމަ ފަހަރު މިފަދަ އެވޯޑެއް ލިބުމަކީ އޭޑީކޭގެ މުޅި ޓީމުގެ މަސައްކަތް ކަމަށާއި އަދި މިއީ އެ ހޮސްޕިޓަލުން ކުރާ މަސައްކަތް ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ކަމުގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.