ކޮވިޑްގެ ހާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ ކަންކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި މިހާރުގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ހާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލޮކްޑައުން ހާލަތަށް އިތުރު ލުއިތަކެއްދީފައިވަނީ މިމަހުގެ ތެރޭގައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ހިދުމަތް ހޯދުމާއި ފިހާރަތަކަށް ދިއުމާއި ބޭރުގައި އުޅޭ ވަގުތުތައްވެސް ވަނީ އިތުރު ކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި 30 މީހުންނަށްވުރެ މަދުން އެއްތަނަކަށް އެއްވުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ.
މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދައިގެ އިތުރުން މި މަހު 10 ވަނަ ދުވަހުން ފެށިގެން ވަނީ މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަވެސް ދީފައެވެ. މާލެއަށް އެހެން ރަށްރަށުން އެއްވެސް ހުއްދައަކާ ނުލައި އާދެވޭ ގޮތަށްވެސް މިހާރު ވަނީ ލުއިދީފައެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ފަސް ދުވަހަށްވުރެ ގިނަ ދުވަހު މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީން ވާންޖެހޭ ގޮތަށްވެސް އުސޫލުތަކަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު