ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވައިލުމަށް ގޮވާލައި ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް، އަމިއްލައަށްވެސް ވޯޓެއް ނުދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖާބިރު ގަރާރު ހުށަހެޅުއްވުމުން، އެ ގަރާރު ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 60 މެންބަރުން ވަނީ އެ ގަރާރު ބޭރުކޮށްލަން ވޯޓު ދެއްވައިފައެވެ.

އެއްވެސް މެންބަރަކު އެ ގަރާރު ބަލައިގަތުމަށް ވޯޓެއް ނުދެއްވައެވެ. ޖާބިރު ޖަލްސާގައި އިންނަވައިވެސް އަމިއްލަ ގަަރާރު ބަލައިގަތުމަށް ވޯޓު ދެއްވައިފައެއް ނުވެއެވެ. ޖާބިރު އިންނެވީ އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ (ނޯވޯޓެޑް) މެންބަރެއްގެ ގޮތުގައެވެ.

ޖާބިރު މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވުމުން ގަރާރަށް ހުޅުވައިލި ބަހުސްގައިވެސް އެއްވެސް މެންބަރަކު ވާހަކަދައްކަވައިފައެއް ނުވެއެވެ.

އެ ގަރާރުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވައިލުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.

ގަރާރުގައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާއަތްތައް މުޅިން ހުއްޓިފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ފުނޑުފުނޑުވެފައިވާ ކަމަށެވެ. އަދި މިހާރު މިސްރާބު ހުރީ ދައުލަތް ބަނގުރޫޓްވުމާ ދިމާއަށް ކަމަށް ގަރާރުގައި ވެއެވެ.

ގަރާރުގައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދާފައިވާ އެންމެހާ އިދާރާތައް ވަގުތުން ވަގުތަށް އުވައިލުމަށްޓަކައި ގާނޫނު އަސާސީގެ އަށްވަނަ ބާބު އިސްލާހު ކުރުމަށް ހުށަހަޅާ ކަމަށެވެ.

"ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލައި ރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު ވަގުތުން ވަގުތަށް އުވައިލުމަށް ގޮވާލަން،" ގަރާރުގައި ވެއެވެ.

އެލްޖީއޭގެ ނަމުގައި އުފައްދާފައިވާ މުއައްސަސާ އުވައިލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަގުތުން ފެއްޓުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކުރުމަށް ގޮވާލާ ކަމަށްވެސް ގަރާރުގައި ވެއެވެ.