އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ވާދަކުރަން އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުހައްމަދު ތޮލާލް އާއި އެތްލެޓިކްސްއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޔަޒްމީ ނަޝީދާ (ޔަޒޫ) ކުރިމަތިލައިފިއެވެ.
ތޮލާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ނިންމުމަކީ އެތުލެޓިކްސްގެ ގިނަ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ އިރު، މިމަހުގެ 29 ގައި އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ. މުއްދަތު ހަމަވި އިރު އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ތޮލާލްގެ އިތުރުން ޔަޒޫ އެކަންޏެވެ.
އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާ އިރު، އަސާސީ ގަވާއިދުގެ 15.8 ވަނަ މާއްދާގައިވާގޮތުގެ މަތިން އެސޯސިއޭޝަނުގެ އިންތިހާބުގައި ކުރިމަތިލާން ހުޅުވާލައިފައިވާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ހަޒާންދާރު، އިތުރު ތިން މެންބަރުން އަދި އަންހެން މެންބަރެކެވެ. އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔަކަށް އެދިފައެވެ.
މިހާރަކަށް އައިސް ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދޭ އެއް ކުޅިވަރުގެ ތެރޭގައި އެތުލެޓިކްސް ހިމެނޭ އިރު، އެ އެސޯސިއޭޝަންގެ އެންމެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިހާބުވެފައިވަނީ މައިޒާން އަލިމަނިކު (އަލިބެ) އެވެ. އަލިބެ ވަނީ 2008 އިން 2012 އަށް އެ މަގާމު ފުރުއްވައިފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ މަގާމު ފުރުއްވަމުން އައީ މުހައްމަދު ތޮލާލްއެވެ.
ރާއްޖެއިން ވަނީ އެތުލެޓިކްސްގައި ސަރަހައްދީ އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަން މެޑަލް ހޯދައިފައެވެ.