މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ އެޓީމުގެ ކުރީގެ ކޯޗު، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.

ނިޒާމްބެ މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހަވީރު މާޒިޔާ ކްލަބު ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާޒިޔާއާ ގުޅުމަށްފަހު "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާމްބެ ބުނީ މާޒިޔާއާ ގުޅުމަކީ އަމިއްލަ ޗެލެންޖެއް ކަމަށާއި މި ސޮއިކުރެވުނު އެއްއަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރާނީ ޓީމުގެ ޓާގެޓަށް ވާސިލުކޮށްދިނުމަށް ކަމަށެވެ.

"މީއީ އަމިއްލަ ސެލްފް ޗެލެންޖެއް. މަސައްކަތް ކުރާނީ ޓީމުގެ ޓާގެޓަށް ވާސިލުވުމަށް. ދެން ކުރިއަށް މިއޮތް އޭއެފްސީ ކަޕް ކާމިޔާބު ކުރުމަކީ އަމާޒެއް. އެހެންނަމަވެސް މިއީ ވަރަށް ބޮޑު ޗެލެންޖެއް،" ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކޯޗުކަމުން ވަކިވުމަށްފަހު ނިޒާމްބެ ފެނިގެންދިޔައީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ ދަށުންނެވެ. އަދި އެންމެ ފަހުން ނިޒާމްބެ ފެނިގެން ގޮސްފައިވަނީ ބަންގުލަދޭޝް ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން ކްލަބުންނެވެ. އެކްލަބާ ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ ނިޒާމްބެއާއެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ އުވާލައިފައެވެ. ނިޒާމްބެގެ އިރުޝާދުގެ ދަށުން ސައިފް ސްޕޯޓިން ކްލަބުން ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އޭއެފްސީ އޭ ލައިސަންސް ނެގި ނިޒާމްބެ ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ނިޒާމްބެގެ ކޯޗިން ކެރިޔަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ހޯދައިދިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް، ޓީސީން ކާމިޔާބުކުރީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ.

ޓީސީއަށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ، 2015 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ނިޒާމްބެ ވަނީ ހޯދައިދީފައެވެ.