އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުން ހަތަރުވަނައިގައި އޮތް ލެސްޓާ ބަލިވުމުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ރޭގެ މެޗުން ލެސްޓާ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ.
ރޭ ޓޮޓެންހަމް މޮޅުވުމުން ޓޮޓެންހަމްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ ޓޮޓެންހަމް މޮޅުވީ އަމިއްލަ ޓާގެޓްތަކެއް ކަނޑައަޅައިގެން ކަމަށާއި ވަކި ބަޔަކަށް ވާނެ ފައިދާ އަށް ބަލައިގެން ނޫން ކަމަށެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ކޯޗުކޮށްދީފައިވާ މޮރީނިއޯ ބުނީ ބޭނުންވަނީ ޓޮޓެންހަމް ކުޅުންތެރިންގެ ހިތުގައި ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ ހިތްވަރު ބަހައްޓަން ކަމަށެވެ. މޮރީނިއޯ ބުނީ އޭނާގެ ޓީމުގައި ޔޫރަޕްގައި ގިނަ އަހަރުތަކެއް ވާންދެން ކުޅުނު ކުޅުންތެރިން ތިބި ކަމަށާއި އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ކުޅުނު ކުޅުންތެރިން އެބަ ތިބި ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ބަލާއިރު ޔޫރަޕްގެ ތައްޓަކަށް އޭނާގެ ކުޅުންތެރިން ވެސް އިންތިޒާރުކުރާނެ ކަމަށެވެ. އެހެންކަމުން އެ އުއްމީދުގައި ކުރިޔަށްދާން ބޭނުންވާ ކަމަށް މޮރީނިއޯ ބުންޏެވެ.
ރޭ ލެސްޓާ ބަލިވުމުން ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އާއި ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބުނުއިރު، ލީގުގެ ތިންވަނައިގައި ޗެލްސީ މި ވަގުތު އޮތީ 36 މެޗުން 63 ޕޮއިންޓާ އެކުއެވެ. ހަތަރުވަނައިގައި އޮތް ލެސްޓާއަށް 37 މެޗުން 62 ޕޮއިންޓު ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ޔުނައިޓެޑަށް 36 މެޗުން ވަނީ 62 ޕޮއިންޓެވެ. ލެސްޓާ މި ވަގުތު ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލީގުގައި ބުދަ ދުވަހުގެރޭ ވެސްޓް ހޭމް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.
އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑަކީ މެޗުގެ ހަވަނަ މިނެޓުގައި ލެސްޓާގެ ޖޭމްސް ޖަސްޓިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ހެރީ ކޭން ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
ލެސްޓާ އަތުން ހޯދި މޮޅާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި 37 މެޗުން 58 ޕޮއިންޓާއެކުއެވެ. ލީގުގައި ޓޮޓެންހަމް ކުޅޭ ފަހު މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު