(18 ޖުލައި ގެ އަދަދާ ގުޅޭ)
حسّان، عـاصم އަށް ކުރުގޮތަކަށް އީރާނުގެ ތާޒާ ޚަބަރުތައް ވިދާޅުވެދެއްވިއެވެ. އެކަލޭގެފާނުގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު ވިދާޅުވިއެވެ. "عـاصم އެވެ. އަޅުގަނޑު މިދަނީ މަދީނާއަށެވެ. މިއީ އަޅުގަނޑުގެ ކޮއްކޮއެވެ. ކަލޭގެފާނު މީނާ ރަނގަޅު ސިފައިންގެ މީހަކަށް ހައްދަވައިދެއްވައިފިނަމަ އެއީ އަޅުގަނޑަށް ކޮށްދެއްވޭ ވަރަށްބޮޑު ކަމެކެވެ. މީނާ ވަނީ މަދާއިނުން ޢަސްކަރީ ތަރުބިޔަތު ހޯއްދަވައިފައެވެ. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އީރާނުގެ އަދާހަމަ ހާލަތާ ބެހޭގޮތުން ކަލޭގެފާނު ކުރައްވާ ކޮންމެ ސުވާލަކަށްވެސް މީނާއަށް ކަލޭގެފާނުގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާގޮތަށް ޖަވާބު ދެއްވޭނެއެވެ."
"މީނާ ހުންނެވީ މަދާއިނުގައިތޯއެވެ؟"
"އާދޭހެވެ. އެކަމަކު މީނާގެ ވާހަކަ ދަންނަވާކަށެއް އަޅުގަނޑަކަށެއް ވަގުތެއް ނެތެވެ. ކޮމާންޑަރ އިން ޗީފް އަމުރުކުރައްވައިފައިވަނީ އަޅުގަނޑު ހަމަ މިހާރު މަދާއިނަށް ފުރުމަށެވެ."
"ވަރަށް ރަނގަޅެވެ. އެކަމަކު އަޅުގަނޑު ހަމަ އެންމެ ސުވާލެއް ކޮށްލާން ބޭނުމެވެ. އެސުވާލަކީ ދުޝްމިނުންނާއެކު ދޭތީން އެކައްޗަށް ކުރާ ހަނގުރާމަޔަކަށް އަޅުގަނޑުމެންނަށް ކިހައި ވަގުތެއް ލިބޭނެތޯއެވެ؟"
"އަޅުގަނޑުގެ އަންދާޒާ ކުށަކަށް ނުވާނަމަ ދުޝްމިނުންގެ ލަޝްކަރު ދަތުރު ފެށުމުގެ ކުރީން މަދީނާގެ ލަޝްކަރު އަޅުގަނޑުމެންނަށް އެހީވާން އަތުވެދާނެއެވެ." حسّان އެހެން ވިދާޅުވެފައި އެތަނުން ވަޑައިގެންފިއެވެ.
އޭނާ އިރުކޮޅެއްގެ ފަހުން އަސްމަތީގައި މުޢަސްކަރުން ނުކުމެވަޑައިގެންނެވިއިރު سُهيل ހުންނެވީ ލޮންސިހެވިކަން ފަރިތަކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވެ.
+ + + + +
مثــنّـى بــن حــارثـــة رضى اللّـه عنــه އޮންނެވީ ޛީޤާރުގައި މުސްލިމުންގެ މުޢަސްކަރުގައިހުރި އެކަލޭގެފާނުގެ ފޭލިގެކޮޅުގައެވެ. އެކަލޭގެފާނުގެ ހުންފުޅު ވަރަށް ގަދައެވެ. އިސްލާމީ ލަޝްކަރުގެ ބައެއް ޖަނަރަލުން އެކަލޭގެފާނުގެ އަރިހުގައި ތިއްބެވިއެވެ. ބޭރުން އަހެއްގެ ދުވެލީގެ އަޑު އިވޭންފަށައިފިއެވެ. މާގިނައިރެއް ނުވެއެވެ. حسّان އެފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. مثــنّـى رضى اللّـه عنــه ގެ މިލައިފައިވާ މޫނުފުޅު ކުއްލިޔަކަށް ތާޒާވެއްޖެއެވެ. އެކަލޭގެފާނު ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.
حسّان ވިދާޅުވިއެވެ. "ސާހިބާއެވެ. މަދީނާގެ ލަޝްކަރު އެބައާދެއެވެ. ލަޝްކަރުގެ އަމީރު ކަލޭގެފާނަށް ސަލާމް ވިދާޅުވިއެވެ. އެކަލޭގެފާނު ވަރަށް އަވަހަށް އެބަވަޑައިގަންނަވާ ވާހަކަ ދަންނަވަން ވިދާޅުވިއެވެ."
"އަމީރަކީ ކޮންބޭކަލެއްތޯއެވެ."
"سعـد بـن أبى وقّـاص رضـى اللّـه عنـــه އެވެ. أميـرالمؤمنـين ބޭނުންފުޅުވީ ޚުދު އެކަލޭގެފާނު ލަޝްކަރަށް މަގުދައްކަވަން ވަޑައިގަންނަވާށެވެ. ނަމަވެސް ޞަޙާބީންގެ ކުރިޔަށް ތިއްބެވި ބޭކަލުން އެގޮތް ގަބޫލުފުޅެއް ނުކުރެއްވިއެވެ. މިކަހަލަ ވަގުތެއްގައި أميـرالمؤمنـين މަދީނާގައި ހުންނެވުމުން މާމުހިންމު ކަމުގައި އެބޭކަލުންނަށް ފެނިވަޑައިގަންނަވާތީއެވެ. سعـد بـن أبى وقّـاص رضـى اللّـه عنـــه އަކީ ރިސާލަތުގެ ދައުރުގައި ކުފުރާއި އިސްލާމާ ދެމެދު ހިނގި ހަނގުރާމަތަކުގައި އިސްލާމީ ލަޝްކަރުގެ އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އަޅުގަނޑު އަޑުއަހައިފައިވާ ގޮތުގައި އިސްލާމްދީނަށްޓަކައި މުޝްރިކެއްގެ ގައިން އެންމެ ފުރަތަމަ ލޭއޮހޮރައިލެއްވީ އެކަލޭގެފާނެވެ."
مثــنّـى بــن حــارثـــة رضى اللّـه عنــه އަލުން ބާލީސްކޮޅުގައި އިސްތަށިފުޅު އަޅުއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު އެކަލޭގެފާނުގެ ވާހަކަ އަޑުއެހީމެވެ. އަޅުގަނޑަށް އެކަލޭގެފާނު ފެންނާނެނަމައެވެ. އެކަލޭގެފާނުގެ އަރިހުގައި އަންނަނީ ކިހައި ސިފައިންނެއްތޯއެވެ؟"
حسّان ޖަވާބުދެއްވިއެވެ. "އެކަލޭގެފާނު މަދީނާއިން ފުރައިވަޑައިގެންނެވީ ހަތަރުހާސް އަސްވާރުންނާ އެކުގައެވެ. ނަމަވެސް އެކަލޭގެފާނު އުންމީދު ކުރައްވާގޮތުގައި ޢިރާޤަށް ވަޑައިގެންނެވުމުގެކުރީން އެކަލޭގެފާނުގެ ލަޝްކަރުގެ އަދަދު ދިހަހާހަށް އަރާނެއެވެ. أميـرالمؤمنـين ވަނީ އެކަލޭގެފާނު ދަތުރުކުރައްވާ މަގުމަތީގައިވާ ހުރިހައި ޤަބީލާތަކަށް އެކަލޭގެފާނު ބައިވެރިވާން އަމުރު ކުރައްވައިފައެވެ. މަދީނާގައިވެސް އިތުރު ސިފައިން އެއްކުރަމުން އެބަގެންދެއެވެ. سعـد ގެފާނު ސީރާފަށް ވަޑައިގެން އިތުރު ސިފައިންގެ އިންތިޒާރުގައި މަޑުކުރައްވާނެއެވެ. އެކަލޭގެފާނު ލަފާކުރައްވާ ގޮތުގައި ޝާމްކަރައިގެ ލަޝްކަރުގެ ބަޔެއްވެސް ހަނގުރާމަ ފެށުމުގެ ކުރީން އެކަލޭގެފާނުގެ އަރިހަށް އަންނާނެއެވެ."
مثــنّـى އެކަލޭގެފާނުގެ ކޮއްކޯފުޅު معـنّـى އާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އީރާނުގެ ހަނގުރާމައިގެ ތައްޔާރީތަކުގެ ސަބަބުން ކަންބޮޑުވެފައިތިބި ޤަބީލާތަކަށް ފަތަޙައިގެ އުފާވެރި ޚަބަރު ދެއްވާށެވެ. އެބައިމީހުންގެ ގާތުގައި ވިދާޅުވާށެވެ. ބޭބެ މަގުދައްކަމުން މިގެންދަނީ ހަމައެކަނި އިސްލާމީ ލަޝްކަރުގެ ކުރީގެ ގެމަތަކަށެވެ. މުސްލިމުންގެ ބޮޑު ލަޝްކަރު އަދި ކިރިޔާ މިދިމާޔަށް ފިރުކޭން އެފެށީއެވެ. ކޮއްކޮ އެންމެފުރަތަމަ ބަކުރުވަންހައިގެ މީހުންގެ ގާތަށް ވަޑައިގަންނަވާށެވެ. އެބައިމީހުންގެ ގާތުގައި ބޭބެގެ ފަރާތުން ވިދާޅުވާށެވެ. ތިޔަބައިމީހުން އީރާނުގެ ޖާސޫސުންގެ ވާހަކަތަކަށް ނުހެއްލޭށެވެ. ބިރުނުގަންނާށެވެ."
عـاصم بن عمـرو التّميمى ވިދާޅުވިއެވެ. "ކަލޭގެފާނު ހުއްދަ ދެއްވައިފިނަމަ އަޅުގަނޑު މިހިރީ معـنّـى ގެ ބަދަލުގައި ޤަބީލާތަކުގެ މީހުންގެ ގާތަށްދާން ތައްޔާރަށެވެ."
"ނޫނެކެވެ." مثــنّـى رضى اللّـه عنــه ނިޔާކަނޑައަޅުއްވާ ރާގުގައި ވިދާޅުވިއެވެ. "ބަކުރުވަންހައިގެ މީހުން ކަލޭގެފާނުގެ ވާހަކަފުޅެއް އަޑެއް ނާހާނެއެވެ. އެހެންނޫނަސް ކަލޭގެފާނު މުޢަސްކަރުގައި ހުންނެވުން ބޭނުމެވެ." مثــنّـى ދެން އެނބުރިވަޑައިގެންނެވީ އުމުރުފުޅުން ދުވަސްފުޅުވީ ޖަނަރަލެއް ކަމުގައިވާ بشير بن خصاصيّة އާ ދިމާޔަށެވެ. "بشير އެވެ. މީގެ އެއްގަޑިއިރުފަހުން ނުވަތަ އެއްދަންއިރުފަހުން ނުވަތަ އެއްދުވަސްފަހުން އަޅުގަނޑުގެ ހާލަށް އަންނާނެ ބަދަލެއް ނޭނގެއެވެ. އެހެންކަމުން އަޅުގަނޑާ މަތިވެފައިވާ ހުރިހައި ޒިންމާއެއް ކަލޭގެފާނާ ހަވާލުކޮށްފީމެވެ."
ހާޒިރުވެވަޑައިގެން ތިއްބެވި ބޭކަލުން ސިހިވަޑައިގެންނެވުމާއެކު مثــنّـى އާއި بشير އާ ދެބޭކަލުންގެ މޫނުފުޅަށް ވަކިވަކީން ބައްލަވާން ފައްޓަވައިފިއެވެ. بشير ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "ކަލޭގެފާނު ފޭލިގެކޮޅުގައި ފޯރިމެރުނު ކަމުގައިވިޔަސް އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ލިބުނު ހެޔޮނަސީބެއް ކަމުގައެވެ. ބާއްޖަވެރި ކަމެއްކަމުގައެވެ. އެކަމަކު ..."
مثــنّـى بــن حــارثـــة رضى اللّـه عنــه އެކަލޭގެފާނުގެ ވާހަކަފުޅު މެދުކަނޑުއްވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "سعـد بـن أبى وقّـاص رضـى اللّـه عنـــه ވަޑައިގަންނަވަންދެން ކަލޭގެފާނު ޛީޤާރުގެ މުޢަސްކަރު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނެއެވެ! އަޅުގަނޑުގެ ފޭލިގެވެސް މިހުރީ އެ މުޢަސްކަރުގެ ބޭރަކު ނޫނެވެ. ދެން ވަޑައިގަންނަވާށެވެ! މުޖާހިދުންގެ ގާތުގައި އެބައިމީހުންގެ ކަނޑިތައް ހަނުލަން ވިދާޅުވާށެވެ. عـاصم ވެސް ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ އެކުވެރީންގެ ގާތުގައި ވިދާޅުވާށެވެ. އެބައިމީހުންނަށް ހަނގުރާމަޔަށް ތައްޔާރުވާން ލިބިފައިމިއޮތް ވަގުތުކޮޅު ނަގައިނުލާށެވެ." ހުރިހައި ޖަނަރަލުން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ނުކުމެވަޑައިގެންފިއެވެ. ނަމަވެސް حسّان ހުންނެވިތަނުން ގުޑައެއް ނުލެއްވިއެވެ.
مثــنّـى އޭނާއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "حسّان އެވެ. ކަލާ ހުންނަވާނީ ވަރުބަލިފުޅުވެފައެވެ. ވަޑައިގެން އަރާމުކުރައްވާށެވެ." حسّان އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުވިއެވެ. އެކަމަކު مثــنّـى ލޯފުޅު މަރުއްވައިލައްވައިފިއެވެ. حسّان ވެސް މަޑުމަޑުން ފިޔަވަޅު އަޅުއްވަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
مثــنّـى ގެ އަނބިކަނބަލުން سلمى ފޭލިގެކޮޅުގެ ބިއްދޮށުފަރުދާ ހިއްލައިލެއްވުމަށްފަހު ވަޑައިގެން އެކަމަނާގެ ފިރިކަލުންގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ.
އިރުކޮޅެއްވަންދެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ. އިރުކޮޅަކުން مثــنّـى ވިދާޅުވިއެވެ. سلمى އެވެ. އަޅުގަނޑު އަރާމު ނުކުރާތީ ދެނެއް ޝަކުވާއެއް ނުކުރެއްވޭނެއެވެ. އަޅުގަނޑުގެ ހުރިހައި މަސްއޫލިއްޔަތުތަކެއް بشير އާ ހަވާލުކޮށްފީމެވެ. ދެން އަޅުގަނޑަށް ހިތްފުރެންދެން ނިދައިލެވިދާނެއެވެ. އަޅުގަނޑު ގަސްދުކޮށްގެންހުރީ މަދާއިނަށްގޮސް އަރާމުކުރާށެވެ. އެކަމަކު މަދާއިން އަދި ވަރަށް ދުރެވެ. ކަމަނާ ހަނދުމަފުޅު ހުންނާނެއެވެ. އަޅުގަނޑު އެންމެ ފުރަތަމަ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާކަން އިޢުލާނު ކުރުމުން ކަމަނާގެ ޤަބީލާގެ ބޮޑެތި ބޭކަލުން އެކަމާ ހިނިފުޅުވެޑުއްވެވިއެވެ. އެކަމަކު މިހާރު އަޅުގަނޑުގެ ހުރިހައި ހުވަފެންތަކެއް މިދަނީ ޙަޤީޤަތަކަށް ވަމުންނެވެ. ޚުދު أميـرالمؤمنـين ލަޝްކަރުގެ ޤާއިދަކަށް ވަޑައިގަންނަވާން އުޅުއްވި ވާހަކައާއި ޞަޙާބީންގެ ބާރު އެޅުއްވުމުގެ ސަބަބުން އަމިއްލަފުޅަށް ވަޑައިނުގެންނެވުނު ވާހަކަ ކަމަނާ ވާނީ އަޑުއައްސަވައިފައެވެ. އެކަލޭގެފާނުގެ ބަދަލުގައި ފޮނުއްވައިފައިވަނީ ވަރަށް ހިތްވަރުފުޅުގަދަ އެހައިމެ ކެރިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ހުރިހައި ގޮތަކުން މި މަގާމަށް ނުހަނު އަހުލުވެރި ބޭކަލެކެވެ."
سلمى ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭކަމަކީ އަޅުގަނޑުމެންގެ ޙަޔާތުގައި އެންމެފަހަރަކުވެސް ކަލޭގެފާނު ވިދާޅުވި އެއްވެސް ވާހަކަފުޅެއް އަޅުގަނޑު ޔަގީން ނުކޮށެއް ނޯންނާނެކަމެވެ."
سلمى އެވެ. "އަޅުގަނޑު ކަމަނާއަށް ޝުކުރުވެރިވަމެވެ. ކަމަނާ އަޅުގަނޑު ހިނގާންއުޅުނު މަގަކަށް ހުރަސްއަޅުއްވާކަށެއް މަސައްކަތެއް ނުކުރައްވަމުއެވެ."
"މާތް اللّـه ގެ މަގުގައި ޖިހާދު ކުރެއްވުން ނޫން އެހެން މަގެއް ކަލޭގެފާނު ޚިޔާރު ނުކުރައްވާނެކަން އަޅުގަނޑަށް އެނގެއެވެ. މި އުނދަގޫ މަގުގައި ކުރިޔަށް ވަޑައިގެންނެވުމުގައި އަޅުގަނޑަކީ ކަލޭގެފާނުގެ އެކުވެރި ކަމަށް އެކަށީގެންވާ މީހަކު ކަމުގައި ބެއްލެވީތީ އަޅުގަނޑު ފަޚުރުވެރިވަމެވެ."
مثــنّـى އިރުކޮޅެއްވަންދެން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ބައިވެރިޔާއާ ވާހަކަ ދައްކަވާން އޮންނެވިއެވެ. އެގޮތަށް އޮންނަވައިފައި ކުއްލިޔަކަށް ލޯފުޅު މަރުއްވައިލައްވައިފިއެވެ. އޭގެ އިރުކޮޅެއްގެފަހުން ބޭސްވެރިޔާ އެފޭލިގެއަށް ވެންނެވިއިރު مثــنّـى رضى اللّـه عنــه ގެ ތުންފަތްޕުޅުވަނީ ފިތިފައެވެ. ނޭވާފުޅުލެއްވުން ބާރުވާން ފަށައިފިއެވެ. ބޭސްވެރިޔާ އެކަލޭގެފާނުގެ ވިންދު ބައްލަވައިލައްވައިފައި ބުނުއްވިއެވެ. "މާބޮޑަށް ހުންފުޅު ގަދަވެއްޖެއެވެ."
مثــنّـى رضى اللّـه عنــه އުނދަގޫފުޅާއެކު ފުރޮޅިވަޑައިގެންނެވުމަށްފަހު ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. ބޭސްވެރިޔާ ތަކުރާރުކުރައްވައި ދެންނެވުމުން އޭނާ އެރުއްވި ބޭހުގެ އެތިފޮދެއް ހިއްޕެވިއެވެ. އެކަމަކުވެސް އެކަލޭގެފާނުގެ މޫނުފުޅުމަތީން ހެކިދެނީ ޙަޔާތްޕުޅުގެ އެންމެފަހުގެ މަޢުރިކާ ފެށިއްޖެކަމެވެ. އެދުވަހުގެ ބާކީއޮތް ބަޔާއި އެރޭގެ ފަތިސްދަމާ ހަމަޔަށްވެސް އެކަލޭގެފާނު އޮންނެވީ އަވަހާރަވުމާއި ދިރިއޮންނެވުމާ ދެމެދުގެ ހާލުކޮޅެއްގައެވެ. ޛީޤާރުގެ މުޢަސްކަރުން ފަތިސްނަމާދުގެ ބަންގީގެ އަޑުއިވޭން ފެށުމާއެކު މުސްލިމުންގެ ލާމަސީލު ބަޠަލު مثــنّـى بــن حــارثـــة رضى اللّـه عنــه އެންމެފަހުފަހަރަށް ލޯފުޅު ހުޅުއްވައިލެއްވިއެވެ. ޝަހާދަތުގެ ދެކަލިމަފުޅު ތަރުކާރުކުރެއްވުމަށްފަހު އަބަދަށްޓަކައި ހިމޭންވެވަޑައިގެންފިއެވެ. رضـى اللّـه عنـــه وأرضاه.
+ + + + +
مثــنّـى بــن حــارثـــة رضى اللّـه عنــه އަވަހާރަވި ޚަބަރު سعـد بـن أبى وقّـاص رضـى اللّـه عنـــه އަށް ލިބިވަޑައިގެންނެވީ މަދީނާއިން ފުރައިވަޑައިގެން އަށާރަ މަންޒިލަށް ދަތުރުކުރެއްވި ފަހުންނެވެ. ޘަޢުލަބާގެ މަގާމުގައި ހުންނަވަނިކޮށެވެ. އެކަލޭގެފާނު بشير بن خصاصيّة رضـى اللّـه عنـــه އަށް އަމުރު ފޮނުއްވިއެވެ. "މުޖާހިދުންނާއި مثــنّـى ގެ އަހުލުއިޔާލުން ގޮވައިގެން ވަޑައިގެން ސީރަފުގެ މަގާމުން ތިމަންކަލޭގެފާނާ ބައްދަލުކުރައްވާށެވެ." ޛީޤާރުގައި ތިއްބެވި މުޖާހިދުންނާއިގެން بشير ސީރަފަށް ވަޑައިގެންނެވިއިރު سعـد بـن أبى وقّـاص رضـى اللّـه عنـــه މުޢަސްކަރުން ބޭރަށް ނުކުމެވަޑައިގެން އިސްތިޤުބާލުގައި ހުންނެވިއެވެ. سعـد ގެފާނު ޝަހީދުންގެ ފަހުތިބީން ފޭލިގެތަކަށް ގެންދަން އަމުރުކުރެއްވުމަށްފަހު مثــنّـى ގެ ނަންހުރި އެކުވެރީންނާއެކު މަޖްލިސްކުރެއްވީ އެކަލޭގެފާނުގެ ފޭލިގެކޮޅުގެ ކުރިމަތީގައި ދަމައިފައިހުރި ބޮޑު ސަނދުވާއެއްގެ ދަށުގައެވެ. سعـد بـن أبى وقّـاص رضـى اللّـه عنـــه ވެދިޔަތާނގެ ޚަބަރުތައް އޮޅުންފިލުއްވުމަށްފަހު ކުރިޔަށް އޮތްތާނގައި ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. عـاصم بن عمـرو އާއި بشير بن خصاصيّة އާއި ދެންވެސް ތިއްބެވި އިސްޖަނަރަލުންނާ ވާހަކަ ދެއްކެވުމަށްފަހު އެނބުރިވަޑައިގެންނެވީ معـنّـى بــن حــارثـــة އާ ދިމާޔަށެވެ. سعـد بـن أبى وقّـاص ވިދާޅުވިއެވެ.
"معـنّـى އެވެ. ކަލޭގެފާނު ޢިރާޤުގެ ހުރިހައި މަޢުރިކާތަކެއްގައިވެސް ކަލޭގެފާނުގެ ދަރަޖަ މަތިވެރި ބޭބޭފުޅުގެ އަރިހުގައި ހުންނެވީމުއެވެ. އަޅުގަނޑު މިދަންނަވާ ސުވާލަށް ކަލޭގެފާނަށްވުރެ ރަނގަޅަށް ޖަވާބުދެވޭނެ މީހަކު ހުންނާނެހެނެއް ހީއެއްނުވެއެވެ. އަޅުގަނޑުމެންނަށް މަދާއިނަށް ދެވޭނެ އެންމެ ފަސޭހަ މަގަކީ ކޮބައިތޯއެވެ؟ ކަލޭގެފާނުގެ ބޭބޭފުޅު ދުނިޔޭގައި ހުންނެވިނަމަ އަޅުގަނޑަށް ދެއްވާނެ މަޝްވަރާއަކީ ކޮބައިތޯއެވެ؟"
معـنّـى بــن حــارثـــة ޖަވާބު ދެއްވިއެވެ. "ތިޔަ ސުވާލުގެ ޖަވާބު އެރުވުމަށްޓަކައި އަޅުގަނޑަށް އިތުރު ލަފާކުރުންތަކަކަށް ދާކަށެއް ބޭނުމެއްނޫނެވެ. ބޭބޭފުޅު އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރު އަޅުގަނޑަށް ދެއްވައިފައިވާ އިރުޝާދުތައް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ބޭބޭފުޅު ވަރަށް ގިނަފަހަރަށް ވިދާޅުވެފައިވެއެވެ. އަހަރެމެންގެ މަޤުޞަދަކީ އީރާނުގެ ކޮންމެވެސް ސަރަޙައްދަކަށް ޙަމަލެއްދިނުން ކަމުގައިވާނަމަ އެއީ ކުޑަކޮށްވެސް އުނދަގޫކަމެއް ނޫނެވެ. އަހަރެން ވަރަށް ކުޑަކުޑަ ލަޝްކަރަކާއެކު މަދާއިނާ ހަމަޔަށްވެސް ހިނގައިދާނަމެވެ. އެކަމަކު އަހަރެމެންގެ މަޤުޞަދަކީ މުސްތަޤިއްލު ގޮތެއްގައި އީރާން ނުކުޅައްދައިލުމެވެ. ބަލިކޮށްލުމެވެ. އީރާނުގެ ޢަސްކަރީ ބާރު ފުނޑުފުނޑުކޮށްނުލައެއް އެ މަޤުޞަދު ހާސިލެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް އަވަހަށް ނުވަތަ ލަހުން ނަމަވެސް އަހަރެމެންނާ އީރާނާ ދެމެދު ނިޔާކަނޑައެޅޭ ހަނގުރާމައެއްކުރާން ޖެހޭނެއެވެ."
ބުވައިބުގެ ހަނގުރާމަޔަށްފަހު އަޅުގަނޑު ހީކުރީ އަޅުގަނޑުމެންނަށް އީރާނުގެ މައްޗަށް ފަތަޙަ ހޯދިއްޖެކަމުގައެވެ. ނަމަވެސް ބޭބޭފުޅު ވިދާޅުވިއެވެ. ރުސްތުމުގެ ޤިޔާދަތުގައި އީރާނުގެ ބައިބައިވުން ނުހުއްޓުވިނަމަ ބުވައިބުގެ ހަނގުރާމަޔަކީ ޢަރަބީންނާއި ފާރިސީންނާ ދެމެދު ނިޔާކަނޑައެޅުނު ހަނގުރާމަޔަކަށްވީހެވެ. މަދާއިނު ފަތަޙަކުރާކަށެއް އަހަރެމެންނަށް އުނދަގުލެއް ނުވީހެވެ. ނަމަވެސް މިހާރު އީރާނުގެ މަސްރަޙު މުޅީން ބަދަލުވެއްޖެއެވެ. ޔަޒްދުގިރުދު ތަޚުތަށް އިސްވެވަޑައިގެންނެވުމަށްފަހު އީރާނު އެދަނީ ވަރަށް ހަލުއިކަމާއެކު އެއްބައިވެ އެކަތިގަނޑަކަށް ވަމުންނެވެ. ބުވައިބުގެ ފަތަޙައިގެ ފުރިހަމަ މަންފާ ހޯދޭވަރުގެ ޢަސްކަރީ ވަސީލަތްތަކެއް އަހަރެމެންނަކަށް ލިބިފައެއްނެތެވެ. މަދާއިން ފަތަޙަކުރުމަށްޓަކައި އަހަންނަށް އިތުރަށް އެންމެ ދިހަހާސް ސިފައިން ބޭނުންވި ދުވަސްވަރެއްވެސް މާޒީވެއްޖެއެވެ. އެކަމަކު މިހާރު އީރާނުގެ ކަންތައް ބަދަލުވެފައިވާގޮތުން އީރާނު ރަނގަޅަށް ބަލިކޮށްނުލައި އިތުރަށް ކުރިޔަށްދިޔުމަކީ ރައްކާތެރިކަމެއް ނޫނެވެ. އަހަރެމެން ޖިސްރުގައި ހެދި ގޯސް އަލުން ތަކުރާރުކޮށްގެން ނުވާނެއެވެ. ޖިސްރުގައި އަހަރެމެން ބަލިވީ އަހަރެމެންނަށް ކުރެވުނު ކުށެއްގެ ސަބަބުންނެވެ. އީރާނާއެކު ނިޔާކަނޑައެޅޭ ހަނގުރާމައެއް ކުރުމަށްޓަކައި އަހަރެމެން ހޯދާންޖެހޭނީ އެމައިދާނެއްގެ ފަހަތުގައި ފަރުބަދަތަކެއްހުރި ނުވަތަ ސަހަރާއެއް އޮތް މައިދާނެކެވެ. އީރާނުގެ ބާރުތައް ރޫޅޭގޮތް ވެއްޖެނަމަ އަހަރެމެންނަށް ކޮންމެ ވަގުތެއްގައިވެސް އެމީހުން ސިއްސައިލަން ކޯރު ހުރަސްކުރެވިދާނެއެވެ. ނަމަވެސް އެބައިމީހުން އެއްބައިވެ އިންތިޒާމުވެގެން އަތުވެއްޖެނަމަ އަހަރެމެންނަށް ޖެހޭނީ ފުރާތުކޯރުގެ މިފަރާތުގައި އެމީހުންނަށް އިންތިޒާރު ކުރާށެވެ."
سعـد بـن أبى وقّـاص رضـى اللّـه عنـــه ވިދާޅުވިއެވެ. "مثــنّـى ގެ ޚިޔާލުފުޅާ އަޅުގަނޑުގެ ޚިޔާލުގައި ރެވިއޮށްޓަރެއްގެ މިންވަރުގެވެސް ޚިލާފެއް ނެތެވެ. އީރާނާއެކު ދޭތީން އެކައްޗަށް ކުރާ ހަނގުރާމަޔަކަށް އަޅުގަނޑުމެންނަށް އެންމެ ފަހިވާނީ ކޮންތަނެއްކަން ކަނޑައަޅާނީ އަޅުގަނޑު މިހިސާބުގަނޑުގެ ޙާލަތު ދިރާސާކޮށްލައިފައެވެ. ކަލޭގެފާނު مثــنّـى ގެ އަނބިކަނބަލުންނަށް އަޅުގަނޑުގެ ފަރާތުން ވިދާޅުވެދެއްވާށެވެ. އެކަމަނާގެ ޤަދަރުވެރި ފިރިކަލުންގެ ޙަޔާތްޕުޅުގައި އެކަމަނާއަށް ލިބިވަޑައިގެންފައިވާ ހުރިހައި ޙުރުމަތަކާއި ޢިއްޒަތެއް އިސްލާމީ ލަޝްކަރުގައި މީގެފަހުންވެސް ހަމައެގޮތުގައި ދެމިއޮންނާނެއެވެ."
أميـرالمؤمنـين عمـر بــن الخطّاب رضى اللّـه ގެ ޤާސިދެއް ދެހަފުތާއެއްގެ ފަހުން މަދީނާއިން އަތުވެއްޖެއެވެ. سعـد بـن أبى وقّـاص رضـى اللّـه عنـــه އޭނާއާ ބައްދަލުކުރެއްވުމަށްފަހު އިސްލާމީ ލަޝްކަރުގެ އޮފިސަރުންނަށް އެންގެވިއެވެ. أميـرالمؤمنـين އަމުރުކުރައްވަނީ އަޅުގަނޑުމެން ޤާދިސިއްޔާއަށް ގޮސް އެތާނގައި ދުޝްމިނުންނަށް އިންތިޒާރު ކުރާށެވެ.
معـنّـى بــن حــارثـــة رضى اللّـه عنــه ލަޝްކަރުގެ އަމީރުގެ ސުވާލުފުޅުތަކުގެ ޖަވާބުގައި ޤާދިސިއްޔާގެ ޖޯގްރަފީވެށި ސިފަކޮށްދެއްވުމުން އެބޭކަލުންނަށް ޔަގީންފުޅުވީ أميـرالمؤمنـين ޢިރާޤުގެ ހުރިހައި ކަންކޮޅުތަކެއް ފުރިހަމަޔަށް ދެނެވަޑައިގަންނަވާކަމެވެ. އެނގިވަޑައިނުގަންނަވާ އެއްވެސް ތަންކޮޅެއް ނެތްކަމެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ދުނިޔޭގައި ހުންނެވިނަމަ އެކަލޭގެފާނުވެސް ޙައްޤާއި ބާޠިލުގެ ފުރަހަނގުރާމަޔަށް ޚިޔާރުކުރެއްވީހީ ޤާދިސިއްޔާ ކަމުގައިވުމީ އެކަށީގެންވާ ކަމެއްކަމެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު