ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ބަލައި ނުގަންނަ ކަމަށާއި އެ ހުކުމް އިސްތިއުނާ ކުރާނެ ކަމަށް އެލައިޑް އިންޝުއަރެންސް އިން ބުނެފި އެވެ.

ސިވިލް ކޯޓުން މި ހުކުމް ކުރީ ޔޮޓް ޓުއާސްގެ ހއ. އަލިދޫ ރިސޯޓް އެލައިޑްގައި އިންޝުއާކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އެލައިޑަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ވަނިކޮށް 2014 ވަނަ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަށް 22،784،837.59 މިލިއަން ޑޮލަރު ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ނިންމުމުން ޔޮޓް ޓުއާސްއިން އެ މައްސަލަ ކޯޓަށް ވެއްދުމުންނެވެ.

ނަމަވެސް އެކަމާ ގުޅިގެން އެލައިޑްގެ ލީގަލް އެފެއާޒް ހެޑް ނާޒިމް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، ސިވިލް ކޯޓުގެ އެ ހުކުމް ބަލައި ނުގަންނަ ކަމަށެވެ. މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހައިކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅުމުގެ ކުރިން ކުންފުނީގެ ބޯޑުން އެކަމާމެދު މަޝްވަރާ ކުރުމަށްފަހު ރަސްމީ ކަންކަން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި އެލައިޑުން މީގެ ކުރިން ވެސް ވަނީ ދަށު ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފުގެ މަރުހަލާއަށް ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި ޔޮޓް ޓުއާސް އިން ކުރިން ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ. ނަމަވެސް ޔޮޓް ޓުއާސް އިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

އެ މައްސަލަ އަލުން ބެލުމަށްފަހު ސިވިލް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ، އަލިދޫ ރިސޯޓަށް މޫސުމީ ގޮތުން ލިބުނު ގެއްލުންތަކަކީ ޔޮޓް ޓުއާސް އާއި އެލައިޑާ ދެމެދު ސޮއިކޮށްފައިވާ ފަޔާ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެން ޖެހޭ، ނުރައްކަލުން ވެފައިވާ ގެއްލުންތަކެއް ކަމަށެވެ.

އެ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސް އަށް އިންޝުއަރެންސް ކްލައިމްގެ ގޮތުގައި ބަދަލު ދޭން ޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 22،784،837.59 މިލިއަން ޑޮލަރަކީ އެލައިޑުން ދޭން ޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިއަދުން ފެށިގެން ހަ މަސް ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ހުކުމުގައިވެ އެވެ.