އެއް ލައްކަ ރުފިޔާގެ އިންވެސްޓްމެންޓަކަށް ރެޒިޑެންޓް ވިސާ ދޭން ދެކޮޅު ހައްދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާބެހޭ ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވާ އެމްޑީޕީގެ މެންބަރު މިހެން ވިދާޅުވެފައި މިވަނީ، ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް 100،000 ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެދި ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ ބިލު އަނބުރާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

އެ އިސްލާހު ބިލަށް ގެންނަން އެދިވަޑައިގެން މަޖިލިސް ރައީސް އެ ބިލު ކޮމިޓީއަށް ފޮނުއްވައިލެއްވީ، ސަރުކާރުން ހުށަހެޅި އެބިލު ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެއެއް ކުއްޔަށް ހިފާލާއިރަށް ރެޒިޑެންޓަކަށް ވާކަށް ނުޖެހޭ ކަމަށެވެ. އަދި އެއީ ގަބޫލު ކުރެވޭ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރަނގަޅު ފެންވަރުގެ ބޮޑު އިންވެސްޓްމެންޓެއް ގެނައުމުން ނޫނީ ރެޒިޑެންޓް ވިސާ ދެވިގެން ނުވާނެ ކަމަށެވެ.

ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ އެހެން މަޖިލިސް މެންބަރުންވެސް ވަނީ ރައީސް ނަޝީދު ގެނައުމަށް އެދިވަޑައިގެންފައިވާ މި އިސްލާހަށް ދެކޮޅު ހައްދަވައިފައެވެ. އެންމެ ފަހުން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް ބިލުގައި ނުހިމަނަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ފަރާތްތަކަށް ރެޒިޑެންޑް ވިސާ ދިނުމަށް އޮތް އިސްލާހަށް ބަދަލު ގެނައުމަށްވެސް މެންބަރުން ވަނީި ނިންމައިފައެވެ.