ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭ ގޮތުން ކުރެވެމުން ދިޔަ ބަހުސް ބޮޑުވީ، ސުޝާންތުސިންގް ރާޖް ޕުތު އަމިއްލަޔަށް ދަންޖެހިގެން މަރުވި ހިސާބުންނެވެ. އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ތަރިންގެ ތެރެއިން ޝޭކަރު ކަޕޫރު، ރަންވީރު ޝޯރޭ، މަނޯޖު ބޭޖައިޕީ އަދި ކަންގަނާ ރަނޯއަތު ވަނީ ފާޅުގައި ނެޕްޓިޒަމާ ދެކޮޅަށް ވާހަކަދައްކައިފައެވެ.

ކަންގަނާ ރަނޯއަތު ވަނީ ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ބަޔާން ދިނުމަށް ފުލުހަށް ހާޒިރުވުމަށް މުމްބާއީ ފުލުހުން އެދިފައިވާ ކަމަށް ބުނެފައެވެ. ކަންގަނާ މިވަގުތު ހުރީ މަނާލީ ގައި ކަމަށްވާތީ ފުލުހުންގެ އޮފިޝަލަކު އޭނާގެ ބަޔާން ނެގުމަށް އެތަނަށް ފޮނުވުމަށް އެދިފައިވާނެ ކަމަށްވެސް ކަންގަނާ ބުންޏެވެ.

މިއަހަރު ކަންގަނާ އަށް ވަނީ "ޕަދްމާޝްރީ" ގެ ލަގަބު އަރުވައިފައެވެ. އެގޮތުން ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާ ދެއްކި ވާހަކަތައް ފުލުހުންނަށް ސާބިތުކޮށަ ނުދެވިއްޖެނަމަ، އޭނާއަށް އަރުވާފައިވާ ޕަދުމާޝްރީގެ ލަގަބު އަނބުރާ ރައްދުކުރާނެ ކަމަށް އިންޓަވިއުގައި ކަންގަނާ ވަނީ ބުނެފައެވެ.

މީގެ ދެތިން ހަފްތާކުރިން ވަނީ ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމަށް ކަންގަނާއަށް އަންގާފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައެވެ. ނަމަވެސް އޭރު ކަންގަނާގެ ޓީމުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ޕަދްމާޝްރީ އެވޯޑަކީ އިންޑިއާ ސަރުކާރުން ދޭ އެ ގައުމުގެ ހަތަރު ވަނަޔަށް އެންމެ ޝަރަފުވެރި އެވޯޑެވެ.