އެސްބީއައިގެ ފޭކް ބްރާންޗެއް ހުޅުވައިގެން ތިބި ބަޔަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފޭކު ބްރާންޗެއް ހުޅުވައި އެ ބްރާންޗުން ތިން މަސްދުވަސް ވަންދެން ކަސްޓަމަރުންނަށް ވަނީ ހިދުމަތް ދީފައެވެ.
އިންޑިއާގެ ޓަމިލްނާޑޫ ގައި ހިންގަމުންދިޔަ މި ބްރާންޗް ބަންދުކޮށް އެކަމުގައި އުޅުނު ތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ފަށައިފައެވެ.
ޓަމިލްނާޑޫގެ ޗުއްޑަލޯރް ޑިސްޓްރިކްޓުގައި ހުޅުވައިގެން ހިންގި މި ބްރާންޗުގެ ކަންކަން ފަޅާއަރާފައިވަނީ އެ އަވަށުގައި ހުންނަ އެސްބީއައިގެ އަސްލު ބްރާންޗުން މައްސަލަ ފެންމަތި ކުރުމުންނެވެ. އެ ވަގުތުން ފެށިގެން މި މިމައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
މިމައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކީ ކުރީގެ އެސްބީއައި މުވައްޒަފެއްގެ ދަރިއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އަކީ މިކަމުގެ އެންމެ އިސްކޮށް ހުރި މީހާ ކަމަށާއި ބެންކު ހިންގާ ހުރިހާ ކަންތައްތަކެއް އޭނާއަށް އެނގޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެސްބީއައިގެ ފޭކު ބްރާންޗުން ހިދުމަތް ހޯދި އެއްވެސް މީހެއްގެ ފައިސާ ގެއްލުމުގެ އެއްވެސް ހާދިސާއެއް ރިޕޯޓު ކޮށްފައި ނުވާއިރު މިއަމަލު ހިންގި ތިން މީހުން ވަނީ މިއީ ބަޔަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކުރިކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެމީހުން ބޭނުންވީ ބޭންކެއް ހުޅުވާލައިގެން އެކަމުގެ ތަޖުރިބާ ކޮށްލުމަށް ކަމަށް ބުނެފައެވެ.