ސުޝާންތު ސިންގުރާޖުޕުތު އަމިއްލަޔަށް މަރުވިތާ މިހާރު މަހެއް ވެފައިވާއިރު، ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ. ސުޝާންތުގެ މަރުގެ މައްސަލައިގެ ޒިންމާ އެކި މީހުންގެ ބޮލުގައި އަޅުވަމުން ދާއިރު، އެކަމާ ގުޅޭގޮތުން އެންމެ ބޮޑަށް ވާހަކަދައްކާ އެކަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތުއެވެ. އެގޮތުން ކަންގަނާ ވަނީ މީގެ ކުރިންވެސް ބޮލީވުޑް ތެރޭގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭގޮތުން ވާހަކަ ދައްކައި، އިންޑަސްޓްރީގައި ސުޝާންތު އެކަހެރިކޮށްލާފައި ހުރި މިންވަރު ކިޔައިދީފައެވެ.

އެގޮތުން ރިޕަބްލިކް ޓީވީއަަށް ކަންގަނާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރާ މުމްބާއީގެ ފުލުހުންގެ ޓީމުން، އެމައްސަލައާ ގުޅޭގޮތުން ކަރަން ޖޯހަރާއި، އަދިއްތިޔާ ޗޯޕުރާ އަދި މަހޭޝް ބަޓް އާއި ސުވާލުކޮށް ބަޔާން ނުނަގަނީ ކީއްވެކަން ނުވިސްނުނު ކަމަށެވެ.

ކަންގަނާ ފުލުހަށް ހާޒިރުވެ ހުރިހާ ވާހަކަތަކެއް ނުދައްކަނީ ކީއްވެގެންތޯ ސުވާލުކުރުމުން ކަންގަނާ ބުނީ އޭނާ ބޭނުންވަނީ ހުރިހާ ވާހަކައެއް އާއްމުންނަށް އެނގޭނެ ގޮތަށް ދައްކަން ކަމަށެވެ. ކަންގަނާ ވަނީ އެ އިންޓަވިއު ދިނުމުން އޭނާއަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.

ކަންގަނާ ވަނީ ނެޕްޓިޒަމް އާ އެއްކޮޅަށް ވާހަކަ ދައްކާ، ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް ނިސްބަތް ނުވާ ދެތަރިން ކަމަށްވާ ތާޕްސީ ޕަންނޫ އާއި ސްވަރާ ބަސްކަރު އާ ވެސް ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. އެގޮތުން ކަންގަނާ ވަނީ އާލިއާ ބަޓްއަށް ފިލްމު ލިބޭ ވަރަށް އެ ދެތަރީންނަށް ފިލްމު ނުުލިބެނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.