ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12 އާ ހަމަޔަށް ހުޅުވާލާފައިވާއިރު، މި މަހުގެ 29 ގައި އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާއިރު، އަސާސީ ގަވާއިދުގެ 15.8 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެސޯސިއޭޝަނުގެ އިންތހާބުގައި ކުރިމަތިލާން ހުޅުވާލައިފައިވާ މަގާމުތަކަކީ ރައީސް، ނައިބް ރައީސް، ހަޒާންދާރު، އިތުރު ތިން މެންބަރުން އަދި އަންހެން މެންބަރެކެވެ. އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ލަފަޔަކަށް އެދިފައެވެ.

މިހާރަކަށް އައިސް ރާއްޖެޔަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދޭ އެއް ކުޅިވަރުގެ ތެރޭގައި އެތުލެޓިކްސް ހިމެނޭއިރު އެ އެސޯސިއޭޝަންގެ އެންމެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިހާބުވެފައިވަނީ މައިޒާން އަލިމަނިކު (އަލިބެ) އެވެ. އަލިބެ ވަނީ 2008 އިން 2012 އަށް އެ މަގާމު ފުރުއްވައިފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ މަގާމު ފުރުއްވަމުން އައީ މުހައްމަދު ތޮލާލް އެވެ.

ރާއްޖެއިން ވަނީ އެތުލެޓިކްސް އިން ސަރަހައްދީ އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ.