ރާއްޖެއިން 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭން ޖެހޭ ގޮތަށް، އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން، އެމަނިކުފާނުގެ އަމާޒު ހުރިކަމަށް ފެންނަނީ، ބިދޭސީން ލައްވައި ވެރިކަން ފުރޮޅައިލުމަށް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި، އާދަމް ޝަރީފް ވިދާޅުވީ، އެކަމާގުޅިގެން 2023 ގައި ބިދޭސީންނަށް ވޯޓުލެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރުމުގެ ބިރުވެސް މިހާރު އެބަ އޮތް ކަމަށެވެ.
ނަމަވެސް ފަހު ނޭވަޔަށް ދާންދެން ގައުމަށްޓަކައި ހިއްމަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަމާޒު ހުރިކަމަށް ފެންނަނީ ބިދޭސީން މެދުވެރިކޮށް ވެރިކަން ފުރޮޅައިލާން. މިފަހަރު 6485 އަށް ރެސިޑެންސް ވިސާ. 2023 ގައި ބިދޭސީންނަށް ވޯޓުލެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރުމުގެ ބިރުވެސް މިހާރު އެބައޮތް. ފަހުން ނޭވަޔަށް ދަންދެން ގައުމަށްޓަކައި ހިއްމަތް ކުރާނަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އެ ކަމަކީ ވަރަށް ހުޝިޔާރުވާން ޖެހޭ، އަދި ފުންކޮށް ވިސްނަން ޖެހޭ މައްސަލައެއް ކަމަށެވެ.
"މި ބިލުން ގައުމަށް ވާނެ ގޮތާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މީޑިއާއިން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ. ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި މިކަމަށް ބަހުސް ކުރުމަށް ގޮވާލަން،" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެ ބިލަށް އިތުރު އިސްލާހު ތަކެއް ގެންނަން ޖެހިވަޑައިގަންނަވާކަމަށް ވިދާޅުވެ، އަލުން ވިސްނުމަށް މަޖިލިސް ރައީސް އެ ބިލު އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވާލައްވައިފައެވެ.
އެބިލަށް ގެނައުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނި، އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށެވެ.
މި އިސްލާހު ތަކާމެދު މިހާތަނަށް ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި، ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ އެ އިސްލާހު ބިލުގައި ނުހިމެނުމަށް މެންބަރުން ވަނީ ނިންމަވައިފައެވެ.
ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއަކަށް ވިސާ ދޭންޖެހޭ ގޮތަށް އޮތް ބައި ބައެއް އިސްލާހުތަކާއެކު ބިލުގައި ހިމެނިދާނެކަމަށް މެންބަރުން ވިދާޅުވިއެވެ.
އެކަމަށްޓަކައި، ސަރުކާރުގެ ސިޔާސަތު އިތުރަށް އޮޅުން ފިލުވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު