ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އަދި ދަރިފުޅު އަރާދުޔާ ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުވެގެން ތިބުމަށްފަހު އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

މިރޭގެ ވަގުތެއްގައި އައިޝްވާރިޔާ އަދި ދަރިފުޅު ގެންގޮސްފައިވަނީ ނަނަވަތީ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަކީ މީގެ ހަފްތާއެއް ކުރިން އައިޝްވާރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަން އަދި އޭނާގެ ބައްޕަ އަމީތާބު ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އައިޝްވާރިޔާ އަދި ދަރިފުޅު އަރާދުޔާ ކުރިން ގޭގައި ކަރަންޓީނުވީ އެ ދެމީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީއެވެ. ނަމަވެސް ކުއްލި ގޮތަކަށް ގެއިން ހޮސްޕިޓަލަށް ބަދަލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ނަނަވަތީ ހޮސްޕިޓަލުން ބުނާ ގޮތުގައި، އަބީޝެކް އަދި އަމީތާބުގެ ހާލު ރަނގަޅެވެ. އަމީތާބު ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ އަންހެނުން ޖަޔާ ބައްޗަން ވެސް ވަނީ ކޮވިޑަށް ޓެސްޓު ކޮސްފަ އެވެ. ނަމަވެސް އޭނާގެ ގައިން ނެގި ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.