(13 ޖުލައި ގެ އަދަދާ ގުޅޭ)

"އަހަރެން ބުނާނަމެވެ. ޤަބީލާތަކާއި ޤައުމުތައް އެ އަލިކަމެއް ހޯދާން ގަނަތެޅެމުންދާ އަލިކަން ބޮޑުބޭބެއަށް ފެނުނީ ކަމުގައި ވެދާނެއެވެ. އެކަމަކު ތިޔަ ވާހަކަތައް سُهيل ގެ ކުރިމަތީގައިވެސް ދެއްކިދާނެއެވެ. އޭނާގެ ބޭބެ އިސްލާމީ ލަޝްކަރުގައި ބައިވެރިވެވަޑައިގެންފިކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. ބުވައިބުގެ މައިދާނުން އޭނާއާ އޭނާގެ ބޭބެއާ ބައްދަލުވިއެވެ."

ކާއޫސު ބުންޏެވެ. "حسّان އަޅުގަނޑުގެ ގާތުގައި ތިޔަވާހަކަ ވިދާޅުވިއެވެ. އެކަމަކު سُهيل އަށްވެސް އޭނާ އެނގިވަޑައިގެންނެވިކަމެއް حسّان އަކަށް ޔަޤީނެއް ނުކުރެއްވުނެވެ."

ماه بانو ވިދާޅުވިއެވެ. "ބޮޑުބޭބެ ތިޔަ އައީ سُهيل ބަލައިކަމުގައިވާނަމަ އަހަރެން އޭނާއެއް ނުހިފަހައްޓާނަމެވެ."

ކާއޫސު އިރުކޮޅަކު އިސްދަށަށް ޖަހައިގެންއިނދެ ވިސްނައިފައި ماه بانو އާ ދިމާޔަށް ބަލައިލިއެވެ. އޭނާ ދެންނެވިއެވެ. "ދަރިފުޅާއެވެ! ފަހަރެއްގައި حسّان އަމިއްލަފުޅަށް މިތަނަށް ވަޑައިގެންނެވިނަމަ ދަރިފުޅު އޭނާއާމެދު ކަންތައް ކުރައްވާނީ ކިހިނަކުންތޯއެވެ؟"

ماه بانو ގެ ނޭވާފުޅު ކުއްލިޔަކަށް ކުރުވާން ފަށައިފިއެވެ. އޭނާ ވިދާޅުވިއެވެ. "އޭނާ އާލާސްކަންފުޅާ އުޅުއްވާނަމަ އަހަރެން އޭނާއަށް ހޭހަންކުރާނަމެވެ. އޭނާ ޒަޚަމުވެވަޑައިގެން އަހަރެންގެ ގާތަށް ވަޑައިގެންފިނަމަ އޭނާޔަށް ޙިމާޔަތްދޭއިރު ބިންމަތީގައިވާ ހުރިހައި މިނިކާ ޖަނަވާރުތަކެއް އޭނާގެ ފަހަތްޕުޅުން އައިކަމުގައިވިޔަސް އަހަރެން އެކަމަކާ ފަރުވާލެއް ނުބަހައްޓާނަމެވެ. ނަމަވެސް ފާތިހެއްގެ ޙައިޘިއްޔަތުން އޭނާއަށް މަރުޙަބާ ދެންނެވުމަކީ އަޅުގަނޑަށް ކުރެވޭނެކަމެއްހެނެއް ހީއެއްނުވެއެވެ."

"އަޅެ މިހާރު އަޅުގަނޑުގެ ބަދަލުގައި ދަރިފުޅުގެ ކުރިފުޅުމަތީގައި އޭނާ އިންނެވިނަމަ ހީފުޅުކުރައްވާނީ ކީކޭތޯއެވެ؟"

ماه بانو ގެ ލޯފުޅު ކަރުނަފޮދުން ފުރިއްޖެއެވެ. އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަހަންނަށް ހީވަނީ ހުވަފެނެއް ފެންނަހެންނެވެ. ބޮޑުބޭބެ ތަކުރާރުކޮށް ތިޔަ ސުވާލުތައް ތިޔަކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އޭނާއަށް ނަފުރަތެއް ނުކުރެވޭނެކަން ބޮޑުބޭބެއަށް އެނގޭނެއެވެ."

ކާއޫސު ބުންޏެވެ. "ދަރިފުޅު އޭނާ ދެކެވަޑައިގަންނަވަން ބޭނުންފުޅުތޯއެވެ؟"

ماه بانو ގެ ނާރުފުޅުތަކުގައި ހިނގާ ހުރިހައި ލޭފޮދެއް މޫނުފުޅުމައްޗަށް ޖަމާވިކަހަލައެވެ. އޭނާ ތުރުތުރުއަޅައިވަޑައިގަންނަވަމުން އާގަންނަމުން ވިދާޅުވިއެވެ. "އޭނާ.... ކޮބައި....ތޯއެވެ؟"

"އޭނާ މަދާއިނުގައި އެބަހުންނެވިއެވެ. އޭނާ ވަޑައިގެންނެވީ އަޅުގަނޑާ އެކުގައެވެ. ދަރިފުޅު އޭނާ ދެކެވަޑައިގަންނަވާން ބޭނުންފުޅުކަމުގައިވާނަމަ މިއަދު ހަވީރު ނުވަތަ މާދަމާ ހެނދުނު ކޯރުގެ އައްސޭރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު ފާލަންކައިރީގައި ދަރިފުޅަށް އިންތިޒާރު ކުރާނަމެވެ. ނަމަވެސް ދަރިފުޅުގެ ހެދުންކޮޅު ބަހައްޓަވަންވާނީ މީހުން ދަރިފުޅަށް ސަމާލުކަން ނުދޭގޮތަށެވެ."

ماه بانو ބިރުފުޅުގެން ވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "އެކަމަކު އޭނާ އަޅުގަނޑަށްޓަކައި މަދާއިނަށް ވަޑައިގެންނެވުމުގެ ނުރައްކަލާ ކުރިމަތިލައްވާކަށެއް ނުވާނެއެވެ. އޭނާ ހައްޔަރުވެވަޑައިގެންފިނަމަ އޭނާޔާމެދު ކަންތައް ކުރެވޭނެގޮތް ބޮޑުބޭބެއަށް އެނގޭނެއެވެ."

"އެނގެއެވެ. އޭނާ ވަޑައިގެންނެވީ ދަރިފުޅު ހޯއްދަވާކަށެއް ނޫނެވެ. އޭނާ މިރަށުގައި ހުންނެވި ވާހަކަ ދަރިފުޅަށް ދަންނަވާކަށެއްވެސް އޭނާ ވިދާޅެއް ނުވެއެވެ. އޭނާ ބޭނުންފުޅުވަނީ ހަމައެކަނި ދަރިފުޅު ހެޔޮ ހާލުކޮޅުގައި އިންނެވިކަން ޔަޤީން ކުރައްވާށެވެ. ދަރިފުޅާ އޭނާއާ ބައްދަލުކުރުވަން ހަމަޖެއްސީ އަޅުގަނޑު އަމިއްލަޔަށެވެ. ދަރިފުޅު އަޅުގަނޑުމެން ހައްޔަރު ނުކުރުއްވާނެކަމުގެ ޔަޤީންކަމާއި ހިތްހަމަޖެހުމާ އެކުގައެވެ. ދެން އަޅުގަނޑު ދިޔުމުގެ އަމުރު ދެއްވާށެވެ. އޭނާ އަޅުގަނޑަށް އިންތިޒާރު ކުރައްވާނެއެވެ."

"ބޮޑުބޭބެ އަހަރެމެން ހޯދާތާ އެތައްދުވަހެއްވެފައިވާ ވާހަކަ ބުނީމުއެވެ. މިއޮތްހައިދުވަހު ތިބީ ކޮންތަނަކު ހެއްޔެވެ؟"

"ތިޔަ ސުވާލުގެ ޖަވާބު އަރުވާކަށެއް އަޅުގަނޑަކަށް ހުއްދައެއް ނެތެވެ. އޭނާ މަދާއިނުގައި ހުންނެވީ ކަމެއްނެތި ހުހަކަށް ނޫނެވެ. އެވަރުން ދަރިފުޅަށް ފުދިވަޑައިގަންނަވާނެއެވެ. މިހާރު އޭނާގެ މަސައްކަތްޕުޅު ނިމިއްޖެއެވެ. މާދަމާ އިރުއޮއްސުމުން ފުރައިވަޑައިގަންނަވާނެއެވެ."

ތިޔައިގެ މާނައަޔަކީ މިއަދު سُهيل އާ ބައްދަލުނުވިނަމަ އަޅުގަނޑުގެ ޚަބަރު ނުބައްލަވައި އޭނާ އެނބުރިވަޑައިގެންނެވުން ހެއްޔެވެ؟"

"އާދޭހެވެ! ދަރިފުޅާއެވެ. އެއީ އޭނާގެ މަޖުބޫރީއެކެވެ. އޭނާއަށް އިތުރަކަށް މިރަށަކު ނުހުންނެވޭނެއެވެ. އެކަމަކު ދަރިފުޅާމެދު އޭނާ ކަންބޮޑުވެވަޑައިގެންފައި ހުންނަވާވަރު އަޅުގަނޑަށް އެނގެއެވެ. މިއަދު سُهيل އާ ދިމާނުވިނަމަ ދަރިފުޅު ހޯދަން އަޅުގަނޑަށް މިރަށުގައި މަޑުކުރާން ޖެހުނީހެވެ. އަޅުގަނޑު އެތައް ދުވަހެއް ވަންދެން މަދާއިނުގައި އަތްފުނާ އަޅައިގެން ޒަރުބަޚުތުގެ ގެ ހޯދީމެވެ. އެކަމަކު އެގެޔަކު އެކަކުވެސް ނެތެވެ. އަވަށްޓެރީންނަށް އެނގޭވަރަކީ ފަރަޚުޒާދާއި ޝާހުޕޫރު ޤަތުލުވިރޭ ޒަރުބަޚުތުވެސް ގެއްލިވަޑައިގެންފިކަމެވެ. އޭގެފަހުން ދަރިފުޅުވެސް ޣާއިބުވެއްޖެކަމެވެ."

"އަޅުގަނޑުމެން އެގޭގައި ތިބިނަމަ އޭނާ އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންނެވީސް ހެއްޔެވެ؟"

"ނޫނެކެވެ. ޒަރުބަޚުތު އޭނާ ދެކެވަޑައިގަންނަވާން ބޭނުންފުޅެއް ނުވާނެކަން އޭނާޔަށް އެނގިވަޑައިގަންނަވައެވެ. އޭނާ ހަމައެކަނި އޮޅުންފިލުއްވަން ބޭނުންފުޅުވަނީ ދަރިފުޅު ހެޔޮހާލުކޮޅުގައި އިންނެވިކަމެވެ."

"ބޮޑުބޭބެ އަހަރެންގެ ގާތަކު މަޑެއް ނުކުރާނަންހެއްޔެވެ؟"

"حسّان ހުއްދަ ދެއްވައިފިނަމަ އަޅުގަނޑު މިރަށުގައި މަޑުކޮށްލާނަމެވެ."

ماه بانو ވިދާޅުވިއެވެ. "މިއަދު އިރުއޮއްސޭއިރަށް އަޅުގަނޑު ކޯރުގެ އައްސޭރިޔަށް ދާނަމެވެ. سُهيل އަޅުގަނޑާއެކު ގެންދާނަމެވެ. އެކަމަކު ތެދަށް ބުނެބަލާށެވެ. އޭނާއަށް މަދާއިނުގައި އެއްވެސް ނުރައްކަލެއް ނެތްހެއްޔެވެ؟"

ކާއޫސު ޖަވާބު ދިނެވެ. "ސިފައިންގެ މީހެއްގެ އެއްވެސް މުހިންމަތަކީ ނުރައްކަލުން ހުސްވެގެންވާ ކަމެއްނޫނެވެ. ނަމަވެސް ދަރިފުޅު ފިކުރު ބޮޑުކުރައްވާނެކަމެއް ނެތެވެ. އޭނާގެ ހިތްވަރުފުޅު ގަދަކަމާއެކުވެސް އޭނާ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނީ ވަރަށްބޮޑަށް ފަހަށް ވިސްނައިވަޑައިގެންނެވެ. ރައްކާތެރިކަމާއެކުގައެވެ. ދެން އަޅުގަނޑަށް ހުއްދަ ދެއްވާށެވެ."

ماه بانو ކާއޫސާއެކު ފެންޑާއަށް ނުކުމެވަޑައިގެންނެވިއެވެ. އޭރު سُهيل ފެންޑާމަތީގައި ހިންގަވަ ހިންގަވައި ހުންނެވިއެވެ.

ماه بانو ވިދާޅުވިއެވެ. "سُهيل އެވެ. ކާއޫސާއެކު ދޮރާއްޓާ ހަމަޔަށް ވަޑައިގަންނަވާށެވެ."

"މީނާ އަޅުގަނޑުމެންގެ ގާތަކު މަޑެއް ނުކުރާނެތޯއެވެ؟"

"ބާޒާރުމަތީގައި އޭނާގެ މަސައްކަތެއް އެބައޮތެވެ."

+ + + + +

ماه بانو سُهيل ގޮވައިގެން ކޯރުގެ އައްސޭރިޔަށް ފާލަންދޮށަށް ވަޑައިގެންފިއެވެ. އޭރު އިރުއޮއްސޭން ކައިރިވަނީއެވެ. އޭރު އެތާނގައި މީހުންތައް ވަރަށްގިނައެވެ. ماه بانو ކަންބޮޑުވެވަޑައިގެން ވަށައިގެން ހޯއްދަވާން ފައްޓަވައިފިއެވެ. މަސްވެރިޔެއް ބޯމަތީގައި މަސްވަށިގަނޑެއް ބަހައްޓައިގެން އޭނާގެ އަރިހަށް އަތުވެއްޖެއެވެ. މަސްވެރިޔާ ސުވާލުކުރިއެވެ. "ކަމަނާ މަސް ބައްލަވައިގަންނަވާނުތޯއެވެ؟"

އެއީ ކާއޫސުގެ އަޑެވެ. ماه بانو ހައިރާންފުޅުކަމާއެކު އޭނާޔާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ކާއޫސު އޭނާގެ ބޯމަތީގައިހުރި މަސްވަށިގަނޑު ތިރިކޮށްފައި ماه بانو އަށް ދައްކައިލިއެވެ. އޭނާ ބުންޏެވެ. "މި މަސްތައް ތަންކޮޅެއް ކުއްޖެވެ." "އަޅުގަނޑު މިއަށްވުރެ ބޮޑެތި މަސްތައްވެސް ކަމަނާއަށް ވިއްކައިފާނަމެވެ. އެކަމަކު ކަމަނާއަށް ޖެހިވަޑައިގަންނަވާނީ އަޅުގަނޑުމެންގެ ބައްތެއްޔާ ހަމަޔަށް ވަޑައިގަންނަވާށެވެ."

ماه بانو ވިދާޅުވިއެވެ. "ހިނގާށެވެ!"

ކާއޫސު މަސްވަށިގަނޑު ބޮލުގައި ބަހައްޓައިގެން ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. މީހުންތަކާ ތަންކޮޅެއް ދުރަށް ވަޑައިގެންފައި ماه بانو ސުވާލު ކުރެއްވިއެވެ. "އޭނާ ކޮބައިހެއްޔެވެ؟"

ކާއޫސް ކުރިމަތީން ފެންނަ ބައްތެލިތަކަށް އިޝާރަތްކޮށްލައިފައި ދެންނެވިއެވެ. އަޅުގަނޑުމެންގެ ބައްތެލި މިހިރަ ބައްތެލިތަކަށްވުރެ ތަންކޮޅެއް ދުރުގައި އެއޮތީއެވެ."

"ކަލޭމެންގެ ބައްތެލި؟"

އާދޭހެވެ. އަޅުގަނޑުމެން މަދާއިނަށް އައިސް ބައްތެއްޔަކާއި ދާބުރިތަކެއް ގެންފީމުއެވެ. މިހާރު އަޅުގަނޑުމެން ވަނީ ވަރަށް ތަޖުރިބާކާރު މަސްވެރީންނަށް ވެފައެވެ. އަޅުގަނޑުމެން ވަނީ މަސްވެރީންގެ އަވަށުން ޖިފުޓިއެއްވެސް ކުއްޔަށް ހިފައިފައެވެ. އެކަމަކު އެގޭގައި ތިބެނީ އަޅުގަނޑުމެންގެ ނޯކަރުންނެވެ. حسّان އާއްމުކޮށް ހުންނަވާހިތްޕުޅުވަނީ ބައްތެލީގައެވެ."

"އެހެން ނޯކަރުންވެސް ގެނައީމުހެއްޔެވެ؟"

"ނޫނެކެވެ. އަޅުގަނޑުމެން ވަނީ ތަޖުރިބާކާރު ހަތަރު މަސްވެރިޔަކަށް ވަޒީފާ ދީފައެވެ."

ގާތްގަނޑަކަށް މޭލެއްހައި ދުރަށް ހިންގެވިފަހުން އޮއްސޭ އިރުގެ ރަތްދަޅައިގެ ތެރެއިން ބައްތެއްޔެއް ފެނިވަޑައިގެންފިއެވެ. حسّان އެބައްތެލީގެ ކައިރީގައި ހުންނެވިއެވެ. އޭނާ އެބޭފުޅުންނާ ދިމާޔަށް ވަރަށް ބާރަށް ހިންގަވައިފައި ވަޑައިގެން سُهيل އާ ބަޣަލްގީރު ކުރައްވައިފިއެވެ. އޭނާ ماه بانو އާ ދިމާޔަށް ވިދާޅުވިއެވެ. "ކަލާ ބައްތެއްޔަށް އަރައިވަޑައިގަންނަވާށެވެ."

ماه بانو ބައްތެއްޔަށް އަރައިވަޑައިގެންނެވުމުން حسّان އާއި ކާއޫސާ ބައްތެލީގެ ވާނަންގަވައި ބައްތެލި ދަންމަވައި ބޭރުކޮށްލައްވައިފިއެވެ. حسّان ބައްތެލީގެ ނަގިލި ލައްވައިފިއެވެ. އެއަށްފަހު އެބޭފުޅުން ބައްތެލީގެ ގެދަށުގައި އިށީނދެވަޑައިގެންފިއެވެ. ގެ ހަދައިފައިހުރީ ކަދުރު ރުކުގެ ފަނާއި އޮށީންނެވެ. حسّان އާއި ماه بانو އާ ދެބޭފުޅުން ބައްތީގެ ފަނޑު އަލީގައި އިރުކޮޅެއްވަންދެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ހިމޭންކަމާއެކު ތިއްބެވިއެވެ. އިރުކޮޅެއްގެފަހުން حسّان ވިދާޅުވިއެވެ. މިހާރު އަޅުގަނޑުމެންނަށް އައްސޭރިޔަށްވުރެ މާ ރައްކާތެރިއެވެ. ކަލާއަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ވާހަކަ ދެއްކެވިދާނެއެވެ. ޒަރުބަޚުތުގެ ގެ ހުހަށްހުރި ވާހަކަ ކާއޫސު ބުނުމުން އަޅުގަނޑު ވަރަށް މާޔޫސްވިއެވެ. އެހެންކަމާއެކުވެސް ކަލާ ތިޔަހައި ގިނަ މުސީބާތްތަކެއް ދެކެވަޑައިގެންފައި ވާނެކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަމެވެ. އަޅުގަނޑު އެދެނީ ޒަރުބަޚުތު ހައްޔަރުވެވަޑައިގެންނެވި ސަބަބެއް އޮޅުންފިލުވާށެވެ."

ماه بانو ފެންކަޅިފުޅުވެވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "އަޅުގަނޑު ހުރިހައި ވާހަކައެއްވެސް ދަންނަވާނަމެވެ. އެކަމަކު އޭގެކުރީން އަޅުގަނޑު އޮޅުންފިލުވަން ބޭނުމެވެ. ކަލާއަށް އަޅުގަނޑުގެ ބޭބޭފުޅަށް މާފުކުރެއްވިދާނެތޯއެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ޒަޚަމުވެފައިވަނިކޮށް ދުޝްމިނުން އަޅުގަނޑު ފަހައިދިޔަ ދުވަހު އަޅުގަނޑަށް ޙިމާޔަތް ލިބުނީ ތިޔަބޭފުޅުންގެ ގެއިންނެވެ. އަޅުގަނޑު ބަލިވެ އުޅުނުއިރު ހޭހަންކޮށްދެއްވީ ކަލާއެވެ. އެކަން އަޅުގަނޑަށް ހަނދާން ނައްތައިލެވޭނީ ކިހިނަކުންތޯއެވެ؟"

"އެކަމަކު ބޭބޭފުޅު ވަނީ سُهيل އާ ބެހޭގޮތުން އިތުރުފުޅު ހައްދަވައިފައެވެ. ހައްޔަރުވެވަޑައިގެންނެވުމާ ދާދި ކައިރީގައި އެއްދުވަހަކު ބޭބޭފުޅު ވަނީ ކާއޫސާ ބައްދަލުވެވަޑައިގެންނެވި ވާހަކަ އަޅުގަނޑުގެ ގާތުގައި ވިދާޅުވެފައެވެ."

"އެއީ އޭނާ سُهيل އާ ވަކިވެވަޑައިގަންނަވާން ބޭނުންފުޅު ނުވާތީކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް އަޅުގަނޑު ކަލާއަށް ޔަޤީންފުޅުކޮށް އަރުވަމެވެ. މިވަގުތު އޭނާ މިތާ ހުންނެވިނަމަ އަޅުގަނޑު އޭނާއަށް ޝުކުރު ދެންނެވީމުހެވެ. އޭނާ سُهيل އާމެދު ކޮއްކޮއެއްގެ ގޮތުގައި ޢަމަލުކުރެއްވީތީއެވެ. އަޅުގަނޑުގެ އޮތީ އެންމެ ހިތާމައެކެވެ. އެއީ މިވަގުތު އަޅުގަނޑަށް އޭނާއަށް އެއްވެސް އެހީފުޅެއް ވެނުދެވޭނެތީ އެކަމުގެ ހިތާމައެވެ. ނަމަވެސް އަޅުގަނޑު އުންމީދުކުރަމެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެން ބައްދަލުވާ ދުވަހަކު އަޅުގަނޑު ކަލާގެ މޫނުފުޅުމައްޗަކުން ކަރުނަފޮދެއް ނުދެކޭނަމެވެ. މިއަދު ކަލާގެ އަރިހަށް ދާންޖެހޭނީ އަޅުގަނޑެވެ. ނަމަވެސް އަޅުގަނޑު ބިރުގަތީ މީހަކަށް ޝައްކެއްވެގެން އަޅުގަނޑުމެން ހައްޔަރުވެއްޖެނަމަ ކަލާއަށް އައު މުސީބާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތީއެވެ."

ماه بانو ވިދާޅުވިއެވެ. "އަޅުގަނޑު މިއިންނަ ގެޔަކީ އަޅުގަނޑުގެ ބައްޕާފުޅުގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަދި ޒަރުބަޚުތުގެ މުޙުސިނުގެ ގެއެވެ. ފުރޭބުރުޒުގެ މާފަދަރިކަނބަލުން އަޅުގަނޑާމެދު ބައްލަވަނީ އުޚުތެއްގެ ނަޒަރުންނެވެ. އޭނާގެ ޚާދިމުންވެސް އެމީހުންނަށް ކަލާގެ މަޢުލޫމާތު ލިބުނުކަމުގައިވިޔަސް އެކަން ބޭޒާރެއް ނުކުރާނެއެވެ."

އަޅުގަނޑު މާދަމާ އެނބުރި ދަނީއެވެ. އެކަމަކު ދިޔުމުގެ ކުރީން ތިޔަގެ ދަސްކޮށްލަން ބޭނުމެވެ. ދެން ޒަރުބަޚުތުގެ ވާހަކަ ވިދާޅުވެދެއްވާށެވެ."

ماه بانو އާޒަރުމީދުޚުތު ތަޚުތުގައި އިށީނދެވަޑައިގެންނެވި ވާހަކައާއި ޒަރުބަޚުތު ގެއްލިވަޑައިގެންނެވި ވާހަކަ ކުރުގޮތަކަށް ވިދާޅުވެދެއްވިއެވެ. ماه بانو ގެ ވާހަކަފުޅު ނިންމައިލެއްވުމުން حسّان ވިދާޅުވިއެވެ. "ތިޔަކަހަލަ ޙާދިޘާތައް އުފަންވަނީ އެއް އިންސާނަކު އަނެއް އިންސާނެއްގެ މައްޗަށް އިލާހުވަންތަކަމުގެ ދަޢުވާ ކުރެވޭ މުޖުތަމަޢު ތަކުގައެވެ. ޤުދުރަތުގެ ޤާނޫނަކީ ކޮންމެ އަނދިރި ރެޔެއްވެސް ފަތިހަކަށް އަލިވިލުމެވެ. އަޅުގަނޑު ކަލާއަށް ފަތިހެއްގެ އުފާވެރިކަމުގެ ޚަބަރު ދެމެވެ. އަނިޔާ ލިބެމުންދާ އިންސާނާއަށް އެފަތިހުގެ އަލިކަމުގެ ތެރެއިން ސަލާމަތުގެ މަގު ފެންނާނެއެވެ. މާތް اللّـه ގެ ބިމުގައި އަދުލުއިންސާފުގެ ދިދަ ޖެހުމުގެ މުހިންމަތާއިގެން ތެދުވެފައިވާ އިންސާނުންގެ ގާފިލާ ދެން އަޅުގަނޑު މިރަށަށް އަންނައިރު މާތް اللّـه ގެ އިރާދަފުޅާއެކު އަޅުގަނޑާ އެކުގައި ވާނެއެވެ. އޭރުން އަނިޔާއާއި ގޮށްމުށުބާރުގެ ކިއްލާތައް މުގުރި ބިމާ ހަމަވާނެއެވެ. ޖަލުތަކުގެ ދޮރުތައް ހުޅުވިދާނެއެވެ."

"ބުވައިބުގެ ހަނގުރާމަޔަށްފަހު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އީރާނުގެ މަގު ސާފުވެ ދޮރުތައް ހުޅުވުނީކަމުގެ ކުށް ވިސްނުންފުޅު ނުގެންގުޅުއްވާށެވެ."

"އީރާނުގައި ބާރުހުރިވަރު އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އަޅުގަނޑު އީމާންވަނީ އަޅުގަނޑުމެންގެ މަޤްޞަދުގެ މާތްކަމުގެ މައްޗަށެވެ."

"ކަލާއަށް އެނގިވަޑައިގަންނަވާތޯއެވެ؟ ޔަޒްދުގިރުދުގެ ދިދައިގެ ދަށަށް މުޅި އީރާން އަންނަނީ ޖަމާވަމުންނެވެ."

"އަޅުގަނޑުގެ މަޢުލޫމާތު ތިޔައަށްވުރެ މާތަނަވަހެވެ."

"ކަލާ މާދަމާ ފުރައިވަޑައިގަންނަވަނީތޯއެވެ؟"

"އާދޭހެވެ."

"سُهيل އާމެދު ކަލާގެ ނިންމެވުމަކީ ކޮބައިތޯއެވެ؟"

"سُهيل އަކީ އަޅުގަނޑުގެ ކޮއްކޮއެވެ. އެކަމަކު އޭނާއާމެދު ޚުދު އޭނާ ގޮތެއް ނިންމެވުން ރަނގަޅެއް ނުވާނެތޯއެވެ؟" حسّان ގެ ލޯފުޅު سُهيل ގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. سُهيل އެއްފަހަރު حسّان ގެ މޫނުފުޅަށް އަނެއްފަހަރު ماه بانو ގެ މޫނުފުޅަށް ބައްލަވާން ފައްޓަވައިފިއެވެ.

ماه بانو ވިދާޅުވިއެވެ. "سُهيل އެވެ. ކޮއްކޮ ވަޑައިގަންނަވަން ބޭނުންފުޅު ކަމުގައިވާނަމަ ދައިތަ ކޮއްކޮ ނުއެއް ހިފަހައްޓާނަމެވެ."

"އެކަމަކު ދައިތާފުޅު....؟" سُهيل ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.

"ދައިތަޔަށް ނުރައްކަލެއް ދިމާވިޔަސް ކޮއްކޮއަށް މިތާނގައި ހުންނަވައިގެންވެސް ކުރެއްވޭނެކަމެއް ނޯންނާނެއެވެ. އަނެއްކާ މިހާރު ކަންހުރިގޮތުން ކުރިޔަށް އޮތްތާނގައި އެއްވެސް ހަނގުރާމައެއްގައި ދުޝްމިނެއްގެ ޙައިޘިއްޔަތުން ކޮއްކޮގެ ބޭބެއާ ކޮއްކޮ ކުރިމަތިލެއްވުމަކީ ޒަރުބަޚުތުވެސް އެދިވަޑައިގަންނަވާ ކަމަކަށް ވާނެހެނެއް ހީއެއް ނުވެއެވެ."

سُهيل حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބޭބެ އިސްލާމްވެވަޑައިގެންނެވިކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. ބުވައިބުގެ މައިދާނުގައި އަޅުގަނޑަށް ޝައްކުވިއެވެ. ބޭބެ އަޅުގަނޑު ނުމަރުއްވައި ދޫކޮށްލެއްވީ އަޅުގަނޑު އެނގިވަޑައިގަންނަވައިގެން ކަމުގައި ވެދާނެއެވެ. އެކަމަކު އަޅުގަނޑަކަށް ޔަޤީނެއް ނުވިއެވެ. ޔަޤީންވީނަމަކަ ފިލާކަށެއް ނުއުޅުނީމުހެވެ. ބޭބެގެ އަރިހުގައި އަޅުގަނޑު ގެންދަވާނުތޯއެވެ؟"

"އާނއެކެވެ." حسّان سُهيل ގެ ގައިކޮޅުގައި ހިއްޕަވައިގެންފައި މޭފުޅުގައި ޖައްސައިލައްވަމުން ވިދާޅުވިއެވެ."

ماه بانو حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ އަރިހުން އެދޭނީ އެންމެ ކަމަކުއެވެ. އެކަމަކީ މަދާއިނުގައި ކަލާގެ މަސައްކަތްޕުޅު ނިމިއްޖެކަމުގައިވާނަމަ އެންމެ ހިނދުކޮޅަކުވެސް މިތާނގައި މަޑުނުކުރެއްވުމެވެ."

"ހެޔޮއެދިވަޑައިގެން ދެއްވާ އިޚްލާޞްތެރި މަޝްވަރާއެއް އަޅުގަނޑު ރައްދެއް ނުކުރާނަމެވެ. އަޅުގަނޑު މާދަމާ ހެނދުނު މިރަށުން ފުރާނަމެވެ. ކާއޫސް! ކަލޭ ދެން މީނާގެ އަރިހުގައި މަޑުކޮށްލާށެވެ. އަހަންނަށް ޒުވާން އެކުވެރިޔަކު ލިބިއްޖެއެވެ. އަހަރެން އާބާދީއާ ދުރަށް މިބައްތެލި ދޫކޮށްލާނަމެވެ. މަސްވެރީންގެ ގާތުގައި ބުނާށެވެ. ރޭގައި ކޮންމެވެސް މީހަކު ބައްތެލީގެ ވާކަނޑައިލައިފިއެވެ. ބައްތެލި ހޯދާށެވެ. ފެނިއްޖެކަމުގައިވާނަމަ ވިއްކައިލައިފައި އެމީހުންނަށްވެސް ކޮންމެވެސްވަރެއް ބަހައިދޭށެވެ. އަހަރެންގެ އަތުގައި ބާކީހުރި ފައިސާވެސް ކާއޫސަށް ދޭނަމެވެ."

ماه بانو ވިދާޅުވިއެވެ. "ކަލާ އަސް ބޭނުންފުޅުކަމުގައިވާނަމަ އަޅުގަނޑަށް އަސް އެރުވިދާނެއެވެ."

"ނޫނެކެވެ. އަޅުގަނޑުމެންނަށް ރައްކާތެރިވާނީ ފަޤީރުންގެ ގޮތުގައި ފައިމަގުގައި ދަތުރުކުރުމެވެ."

حسّان އާއި ކާއޫސާ ބައްތެލި ދަންމަވައި އައްސޭރިޔަށް ބީއްސަވައިލައްވައިފިއެވެ. حسّان ވިދާޅުވިއެވެ. "ކާއޫސު މިތާ މަޑުކޮށްލާށެވެ. އަހަރެމެން އޭނާ ގެޔަށް އެރެހައްޓައިފައި އަންނާނަމެވެ."

ގަޑިޔެއްހައިއިރު ފަހުން حسّان އާއި سُهيل އާ ދެބެން ފުރޭބުރުޒުގެ ގެޔާ ތަންކޮޅެއް ދުރުން

ماه بانو އަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ.

سُهيل ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "يـاسمـين އަޅުގަނޑާމެދު ޚިޔާލުކުރައްވާނެ ގޮތެއްވެސް ނޭނގެއެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "ކޮއްކޮ އަޅުއްވައި ނުލައްވާށެވެ. ދައިތަ އޭނާއަށް ވިސްނައިދޭނަމެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަޤީނެވެ. މާތް اللّـه ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ވަރަށް އަވަހަށް ބައްދަލުވާނެއެވެ."

"އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރާނަމެވެ. ކޮންމެވެސް ސަބަބަކާހުރެ އަޅުގަނޑު މިތަނުން ފިލާންޖެހިއްޖެ ކަމުގައިވާނަމަ އަޅުގަނޑުގެ މަންޒިލަކަށްވާނީ އަސްފަހާނުގެ ކައިރީގައި ހުންނަ ސަރޫޝުގެ ގެއެވެ. ކަލާ ދެން ލަސްނުކުރައްވާށެވެ."

حسّان ވިދާޅުވިއެވެ. "ކަލާ ގެޔަށް ވެދެވަޑައިގަންނަވާށެވެ."

ماه بانو ސަލާމްކުރައްވައިފައި މަޑުމަޑުން ހިންގަވައިފައި ގެޔާދިމާޔަށް ވަޑައިގެން ދޮރޯށިދޮށަށް މަޑުކޮށްލެއްވިއެވެ. އޭނާ ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލައްވައިފައި ދޮރޯށީން ވެދެވަޑައިގެންފިއެވެ.

"ހިންގަވާ سُهيل" حسّان އޭނާގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވަމުން ވިދާޅުވިއެވެ.

سُهيل حسّان ގެ އަރިހުގައި ތަންކޮޅަކަށް ވަޑައިގެންފައި ވިދާޅުވިއެވެ. "އަޅުގަނޑަށް އެނބުރި ގެޔަށް ނުދެވޭނެކަން އެނގުނުނަމަ އަޅުގަނޑުގެ ކަނޑިއާއި ދަހަނާ ގެނައީމުހެވެ."

حسّان ވިދާޅުވިއެވެ. އަޅުގަނޑުމެންނަށް މުއަސްކަރަށް ދެވުމުން ކަނޑިޔާއި ދަހަނާ މަދުކަމަކަށް ކޮއްކޮއަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެން އީރާނު މީހުންގެ އަތުން ވަރަށްގިނަ ހަތިޔާރު އަތުލައިފީމުއެވެ. މިވަގުތު އަޅުގަނޑުމެންނަށް ރައްކާތެރިވާނީ ހަތިޔާރަކާ ނުލައި ދަތުރުކުރުމެވެ.

(ނުނިމޭ)