މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީގެ ބޯޑަށް އަލަށް ހަމަޖައްސަވާފައިވަނީ ފ. ފީއަލި، ރޭވަވިލާ، މުހައްމަދު ފަރީދެވެ. އޭނާ އައްޔަންކޮށްފައިވަނީ ނޮން އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށެވެ.

ފަރީދުގެ އިތުރުން އެމްޓީސީސީގެ ބޯޑުގައި ހަ ބޭފުޅަކު ތިއްބަވައެވެ. އެއީ މުހައްމަދު ފަހީމާއި އާދަމް އާޒިމާއި ޝާހިދު ހުސެއިން މޫސަ އާއި ސިނާން އަލީ އާއި އަހުމަދު އަބޫބަކުރު އަދި ފަތުހުﷲ އިސްމާއިލެވެ.

އެމްޓީސީސީގެ ބޯޑަށް އާ ބޭފުޅަކު އައްޔަން ކުރައްވާފައިވާ އިރު، މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއިން މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ޓެކްސް ކެނޑުމަށްފަހު އެކުންފުންޏަށް ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ބުކް ކްލޯޒް ކުރާ ތާރީހާ ހަމައަށް އެކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ.