އެމެރިކާގައި ކޮވިޑްގެ ޑޭޓާތަކުގެ ކޮންޓްރޯލް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްދަށަށް ގެންގޮސްފިއެވެ.
މީގެ ކުރިން އެމެރިކާގައި ކޮވިޑާ ބެހޭ މައުލޫމާތުތައް ބަލަހައްޓަމުން ގެންގޮސްފައިވަނީ އެގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިންނެވެ.
ކޮވިޑްގެ ޑޭޓާތައް ބެލެހެއްޓުމުގެ ގަވާއިދަށް އައި ބަދަލާއެކު ދެން ހުރިހާ މައުލޫމާތުތަކެއް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސް އިންނެވެ.
މިބަދަލާއެކު ގިނަބަޔަކު ވަނީ ކޮވިޑްގެ މައުލޫމާތުތައް ސިޔާސީ ކުރުމުގެ ބިރު އޮތްކަމަށް ބުނެފައެވެ. ހާއްސަކޮށް ކޮވިޑްގެ ހާލަތު އެގައުމުގައި ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ މި ދަނޑިވަޅުގައި މިއީ އޮޅުވައިލުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ހެލްތު އެންޑް ހިއުމަން ސާވިސްގެ ތަރުޖަމާނުވަނީ ސީޑީސީ އިން ކޮވިޑްގެ ޑޭޓާ ބެލެހެއްޓުމުގައި އިހުމާލު ވެފައިވާ ކަމަށާއި އަޕްޑޭޓް ކުރުމުގައިވެސް ލަސްކަމެއް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ހޮސްޕިޓަލުތަކުގެ އެނދުތަކުގެ މައުލޫމާތުތަކާއި ވެންޓިލޭޓަރުތަކުގެ މައުލޫމާތު ހާމަކުރުމުގައި ލަސްވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މިބަދަލަކީ ރައީސް ޓްރަމްޕާއި ވައިޓް ހައުސް އިން އެމެރިކާގެ އިގްތިސާދު އަލުން ހުޅުވުމަށް ކުރަން ރާވާފައިވާ މަސައްކަތެއް ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ އެމެރިކާގައި ޓެސްޓު ކުރާ ނިސްބަތް ގިނަ ކަމަށާއި ޓެސްޓުކުރާ މިންވަރު މަދު ކުރުމަކީ އެގައުމުގެ ކޮވިޑް ކޭސްތައް މަދުކުރެވޭނެ ކަމެއްކަމުގައި ފާހަގަކުރއްވައި ވާހަކަފުޅުދައްކަވައިފައެވެ.
އެމެރިކާގައި ކޮވިޑްޖެހިފައިވާ މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު އެގައުމުން ލައްކައަކަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ