އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ 9 ވަނައިގައި އޮތް އާސެނަލްއިން ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ. ރޭގެ މެޗް އާސެނަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ލިވަޕޫލަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. ސަބަބަކީ ބާކީ ހުރި ހުރިހާ މެޗެއް ކާމިޔާބު ކުރި ނަމަވެސް އެޓީމުގެ ސްކޯއާ ހަމަޔަށް އާދެވޭނެ އެއްވެސް ޓީމެއް ނެތުމުން ބާކީ އަށް މެޗު އޮއްވައި ލިވަޕޫލުން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. 36 މެޗު ކުޅެ 93 ޕޮއިންޓް ލިވަޕޫލުން ހޯދާފައިވާއިރު ލީގުގައި އެޓީމާ އެންމެ ގާތުން ވާދަކުރާ ސީޓީ އަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. ހަމަ އެއަދަދަށް މެޗް ކުޅެގެން 63 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތް އިރު ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީ އެއް މެޗް މަދުން ކުޅެގެން އެޓީމަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. އަދި ހަމަ 35 މެޗް ކުޅެގެން ފަސް ވަނައިގައި މެންޓެސްޓާ ޔުނައިޓެޑް އޮތީ ވެސް 59 ޕޮއިންޓާއި އެކު އެވެ. ޔުނައިޓެޑަށް ފަސްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ލީޑް ނެގީ ލިވަޕޫލުންނެވެ. އެޓީމަށް ލީޑް ނެގި ގޯލް ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފްގެ 32 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑްރާ ލަކަޒެޓް އެވެ.
މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނިކޮށް ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާސެނަލްއިން ވަނީ އަނެއްކާވެސް ލަނޑެއްޖަހައި މެޗްގެ ލީޑް ނަގައިފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން ލަކަޒެޓްގެ އެހީތެރި ކަމާއި އެކު ރެއިސް ނެލްސަން އެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއިން އާސެނަލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ލިވަޕޫލް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއް ކުޅެމުންދިޔަ ތަނެވެ. ނަމަވެސް އާސެނަލް ފެނިގެން ދިޔައީ މެޗް ކޮންޓްރޯލްކޮށް އިތުރު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި މަންޒަރެވެ.
އިނގިރޭސި ލީގުގައި ރޭ ކުޅުނު އިތުރު މެޗަކަށް ބަލައިލާއިރު މެންޗެސްޓާ ސިޓީ އާއި ރެލިގޭޓު ވެފައިވާ ބޯންމައުތު ބައްދަލު ކުރި މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗްގެ ހަވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ލަނޑެއް ކާމިޔާބު ކޮށްފައިވަނިކޮށް މެޗްގެ 39 ވަނަ މިނެޓުގައި ސިޓީގެ ގެބްރިއަލް ޖީސެސް ވަނީ އެޓީމަށް ލީޑް ފުޅާކޮށްދީފައެވެ. އެލަނޑަކީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު ކާމިޔާބު ކުރި ގޯލެކެވެ. ބޯން މައުތުގެ ސުން ކަނޑުވާލީ މެޗްގެ 88 ވަނަ މިނެޓުގައި ޑޭވިޑް ބްރޫކްސް އެވެ. މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުން ސިޓީ މެޗް ކާމިޔާބު ކޮށްގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު