ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އެޅުވި ފަންޏެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޅުވުމަށް އެދުމުން އެކަމަށް އެމަނިކުފާނު ދެކޮޅު ހައްދަވައިފި އެވެ.

މިއަދުގެ ޖަލްސާގައި އެ ވީޑިއޯ އެޅުވުމަށް މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބާތިލް ކުރުމާ ގުޅިގެން، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރަމުން އަންނަ ބަހުސްގެ ތެރެއިން ނިޒާމީ މައްސަލަ ނަންގަވައި މެންބަރު ނަޝީދު ވިދާޅުވީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ކެމްޕެއިންގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ދައްކައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެހެން މެންބަރުން އެދިވަޑައިގަތުމުން ވީޑިއޯ އަޅުވައި ދެއްވާއިރު، އޭނާ ބޭނުންވާ ވީޑިއޯ ވެސް އަޅުވައިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ވާހަކަދެއްކުމުގެ ފުރުސަތުގައި އެގޮތަށް ވިދާޅުވިނަމަ އެކަން ކޮށްދެވުނީސް ކަމަށާއި ނަމަވެސް ނިޒާމީ މައްސަލަ ނަންގަވައިގެން އެކަމަށް އެދިވަޑއިގެންފާތީ އެފަދަ ކަންކަން ކޮށެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް ދެން ފުރުސަތު ލިބިވަޑައިގެން އެކަމަށް އެދިވަޑައިގެންފިނަމަ އޮންނަ އިޖުރާއަތަކުން އެ ވީޑިއޯ ދައްކާލުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ވީޑިއޯއެއް ކަމާއި އެ ވީޑިއޯއިން ވަރަށް ގިނަ ފިލާވަޅުތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އެކަމަށް އެދިވަޑައިގަތުމުގެ ކުރިން ވާހަކަދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ، އަދީބު މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށް އަދަބު ދޭންޖެހޭނީ އެކަމުގެ އަސްލު މީހާއަށް ކަމަށެވެ. އަދި އަދީބަކީ ރައީސް ނަޝީދު އުފެއްދި މީހެއް ކަމަށް ހުދު އެމަނިކުފާނު ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ އުފެއްދި އަސްލު މީހަކީ އެއީ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ފުރަތަމަ ފިޔަވަޅު އަޅައި ހައްޔަރު ކުރަންޖެހޭނީ އެމަނިކުފާނު ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މެންބަރު އެހެންހެން ވިދާޅުވުމުން އަސްލު މީހާއަކީ އަދީބުތޯ، މަޖިލިސް ރައީސް މެންބަރާ ސުވާލު ކުރެއްވިއެވެ. އަދި އެ ސުވާލަށް ޖަވާބު ދެއްވަމުން މެންބަރު ނަޝީދު ވިދާޅުވީ، "އަސްލަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ރައީސް، މައްޗަން ގޮޅީ މެދު ދާއިރާގެ މެންބަރު" ކަމަށެވެ.

އަދީބަކީ ރައީސް ޔާމީން ސަރުކާރުގައި އެމަނިކުފާނު އެޅުއްވި ފަންޏެއް ކަމަށް ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ އަހަރުގެ އެޕްރީލް މަހު ކުޑަފަރީގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އީސަގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ކަމަށް އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވިޕްލައިނެއް ނެރެފައިވަނިކޮށް، އެ ވިޕްލައިނާ ހިލާފަށް އޭރުވެސް ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އީސަ ވޯޓު ދެއްވި މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް އީސަ ވޯޓު ދެއްވީ އެމަނިކުފާނު ވިދާޅުވެގެން ކަމަށެވެ. އަދި އެވާހަކަ މީގެ ކުރިން ތަފްސީލުކޮށް ކިޔައިނުދެއްވީ އޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ވަރު ބޮޑުކަމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ތިޔަ އައްސަވާ ވާހަކައަކީ އަދީބު ވަޒީރު ކަމަށް ގެންނަން އީސަ ވޯޓު ދިނީ ކީއްވެހޭ. އެއީ އަޅުގަނޑު ބުނެގެން،" ރައީސް ނަޝީދު އެދުވަހު ވިދާޅުވި އެވެ.

އެ ޖަލްސާގައި ނަޝީދު ވިދާޅުވީ އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ގެނެސްގެން އިންތިހާއަށް ކޮރަޕްޓްވާނެ ކަމާއި އޭގައި ރައީސް ޔާމީން ޖެހިވަޑައިގަންނަވާނެކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށެވެ. އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީން ވިޕްލައިނެއް ނެރެފައި އޮއްވައި އީސައަށް ގުޅައިގެން ގެނެސް އަދީބަށް ރުހުން ދިނުމަށް އެދުނު ކަމަށް ވެސް ވިދާޅުވި އެވެ.