ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މާދަމާ އަލުން ބޯޑަރު ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވެފައިވާ ތައްޔާރީތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވައިލައްވައިފިއެވެ.
ރައީސް މިއަދު ހަވީރު ވީއައިއޭއަށް ކުރެއްވި ޒިޔާރަތުގައި، އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލް އަދި ޑިޕާޗާ ހޯލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަވައިލެއްވިއެވެ.
ފަސިންޖަރުން ސްކްރީންކުރުމާއި ކޮވިޑަށް ޓެސްޓުކުރަންޖެހޭ ހާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އަދި އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުގައި ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތުވެސް އެއާޕޯޓުގެ ކަމާބެހޭ އިސް ބޭފުޅުން އަރިހުން އޮޅުންފިލުއްވިއެވެ.
ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ބޯޑަރުތައް މާދަމާ ހުޅުވާލަން ނިންމާފައިވާ އިރު، މާދަމާ އެކަނި ވެސް 250 އަށްވުރެ ގިނަ މީހުން ރާއްޖެ އަންނާނެއެވެ. އެގޮތުން މާދަމާ ތިން ފްލައިޓެއް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގަތަރުގެ ވެރިރަށް ދޯހާ އިން އަންނަ ގަތަރު އެއާވޭސްގެ ފްލައިޓަކާއި ކޮލަމްބޯ އިން އަންނަ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން އަންނަ މޯލްޑިވިއަންގެ ފްލައިޓެކެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ޖައްސާނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:25 ގައެވެ. ބޯޑަރު ހުޅުވުމުގެ ގޮތުން އެއާޕޯޓުގައި މާދަމާ ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ގަތަރު އެއާވޭސްގް ފްލައިޓުގައި މާދަމާ 154 މީހަކު ރާއްޖެ އަންނާނެ ކަމަށެވެ.
ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓު، އޭސް އޭވިއޭޝަން މޯލްޑިވްސް އިން "ވަން" އަށް ވިދާޅުވީ މާދަމާ ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ސްރީލަންކަންގެ ފްލައިޓުގައި 104 ފަސިންޖަރުން ރާއްޖެ އަންނާނެ ކަމަށެވެ.
މި ދެ އެއާލައިނުން 250 ވަރަކަށް މީހުން ރާއްޖެއަށް އަންނަ އިރު، މީގެ ތެރޭގައި ދިވެހީންވެސް ހިމެނެއެވެ. މީގެ ތެރޭގައި ދިވެހީންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން އަދި ފަތުރުވެރިން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު