ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މިއަދު ނިންމާފައިވާ ނިންމުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ނިންމެވުމަކީ ގާޒީންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަށް ފާޑުވިދާޅުވެ، ޑރ. ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރެއްގެ ގަޟާއީ ނިންމުމަކަށް ފާޑު ކިޔައި އެކަން ބެލުމުގެ ދުސްތޫރީ އިހުތިސޯސެއް ނެތް ސިޔާސީ ބޮޑީއަކަށް އެ މައްސަލަ ހުށަހެޅުމަކީ ޕީޖީ ވަކި ކޮޅަކަށް ބުރަވެފައިވާ ކަމުގެ ދަލީލެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލުކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލުކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެއެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅިއެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގައެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި މާދަމާގެ ހެނދުނުގެ ވަގުތެއްގައި ހައިކޯޓަށް އިސްތިއުނާފުގެ ލިޔުންތައް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މައްސަލަ އިސްތިއުނާފު ކުރައްވާ އެއް ސަބަބެއް ކަމަށް ޕީޖީ ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުންތަކުގެ މައްސަލަތައް ކުރިއަށް ގެންދަންޖެހޭނެ ގޮތް ގާނޫނުގައި ކިޔައިދީފައި އޮތް ނަމަވެސް އެއާ ހިލާފަށް މައްސަލަ ބަލައި ދައުވާތައް ބާތިލުކުރުމެވެ.
އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި ހުރި ކަމަށާއި މައްސަލަ ސާބިތު ކުރެވުނީސް ކަމަށް ޝަމީމް ވިދާޅުވިއެވެ.
މި މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށްކަން ފާހަގަކުރައްވައި ޕީޖީ ވަނީ ގާޒީއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރަކަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމް ކުރަން ވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު