އެމްއާރްއެމް

މާސްކް އެޅުން މަޖުބޫރު ކުރުމަށް އެދި އެމްއާރްއެމް އިން ރައީސަށް ދަންނަވައިފި

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާތީ، ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމަށް އެމްއާރްއެމް އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

އެމްއާރްއެމް އިން ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ ލޮކްޑައުންގައި ދިން ލުއިތަކާއި ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އިލްތިމާސާ އެއްގޮތަށް ގިނަ ބަޔަކު އަމަލު ކުރަމުން ނުދާ ކަމަށާއި އެކަމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އެގޮތުން މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށްބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

މިކަމަކީ ވަރަށް ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި މި ގޮތަށް ޕޮޒިޓިވް ވާ މީހުން އިތުރުވާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށްވެސް އެމްއާރްއެމް އިން ބުންޏެވެ.

އެމްއާރްއެމް އިން ބުނީ ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފު ހަދައި މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރު ކޮށްދެއްވުން އެދޭ ކަމަށެވެ.

"ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހަދަން ޖެހޭ، މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފު ހެދުމާއި އެންމެން މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރު ކޮށްދެއްވުން އެދެން، މައްކާ މަދީނާގައިވެސް، އަދި އެހެން އިސްލާމީ ގައުމުތަކުގައިވެސް މިވަގުތު އަމަލު ކުރަމުންދަނީ މި އުސޫލުން،" އެމްއާރްއެމްގެ ސިޓީގައި ވެއެވެ.

ނިއު ނޯމަލްގައި ދިން ލުއިތަކާއެކު ބޭރުގައި އުޅޭ އިރު މާސްކް އެޅުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ އިލްތިމާސް ކޮށްފަ އެވެ. ނަމަވެސް މަދުން ނަމަވެސް މާސްކް ނާޅައި މީހުން އުޅޭކަން ފާހަގަވެ އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް ވަނީ ލުއިތަކާއެކު ބައެއް ރައްޔިތުން މާސްކް ނާޅައި މަގުތަކުގައި އުޅޭކަން ފާހަގަ ކުރެވެއެވެ.