ފިތުރުޒަކާތް ބެހުމުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށާއި، ކޮންމެ އަހަރަކުވެސް ފަގީރުންނާއި މިސްކީނުންގެ ލިސްޓު މުރާޖައާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އެގޮތަށް ފާސްކުރީ، މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް އިސްލާމިކް މިިނިސްޓްރީން މިއަހަރުގެ ފިތުރުޒަކާތް ބެހުމުގައި އަމަލު ކޮށްފައިވާ ގޮތުން، ގިނަ އަދަދެއްގެ ފަގީރުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިއާން ހުށަހެޅުއްވި މައްސަލަ ދިރާސާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ހުށަހެޅި ރިޕޯޓް ފާސް ކޮށްގެންނެވެ.

އެ ރިޕޯޓުގައި ކޮމިޓީން ފާހަގަ ކޮށްފައިވަނީ، ކޮވިޑްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ވެފައިވާ ދަނޑިވަޅެއްގައި ފަގީރުންނާއި މިސްކީނުންގެ ލިސްޓެއް އެކުލަވައިލުމަށް ހުޅުވައިނުލުމަކީ، އެ ފަރާތްތަކުގެ ހައްގުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ފިތުރު ޒަކާތަކީ ވަކި މުއްދަތެއްގައި އޭގެ ހައްގުވެރިންނާއި ހަވާލު ކުރަން ޖެހޭ އެއްޗަކަށް ވީހިނދު މިއަހަރުގެ ލިސްޓަށް ބަދަލު ގެނައުމަކާ ނުލައި އެ ލިސްޓަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލެވުނު ނަމަ މިއަހަރުގެ ފިތުރު ޒަކާތް ބެހުމުގައި ހަމަހަމަ ފުރުސަތު ލިބިގެންދާނެކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި އެހެނިހެން ވުޒާރާތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް، ފައިސާގެ މުއާމަލާތްތަކާއި އެނޫން އިދާރީ ކަންތައް ކުރިޔަށް ގެންގޮސްފައި ވާހިނދު، ފިތުރުޒަކާތް ބަލައިގަތުމާއި، ބެހުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، އަދި ސިޓީ ކައުންސިލްތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ފަގީރުން އަދި މިސްކީނުންގެ ލިސްޓަށް، ނަންތައް އިތުރު ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގެ ފުރުސަތު އޮތްކަމަށާއި، ކޮވިޑްގައި ވަރަށް ގިނަ ބައެއްގެ ކެއިން ބުއިމާއި ބޯހިޔާވަހިކަން ގެއްލި، ސަރުކާރުން އެތައް ރައްޔިތުންނަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު، އެ ފަރާތްތަކަށް އިތުރު މާލީ އެހީތެރިކަމެއް ފިތުރު ޒަކާތުގެ ތެރެއިން ދޭން ލިބުނު ފުރުސަތު، މިނިސްޓްރީން ކަން ކުރިގޮތުން ގެއްލިގެން ގޮސްފައިވާ ކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.