ލައިފް ސްޓައިލް

ހާސްވެ ފިކުރުބޮޑުވާ ނަމަ ކުރެވިދާނެ ބައެއް ކަންކަން

އީމާ މުހައްމަދު ވަހީދު

ނަފްސާނީ ބަލިތައް އެތައް ބަޔަކު ތަހައްމަލު ކުރަމުން ގެންދެއެވެ. މީހުންނާ ހިއްސާ ކޮށް އެކަން ނުދެއްކިނަމަވެސް، ނަފްސާނީ އެކި ބަލިތައް ތަހައްމަލު ކުރާ މީހުންނަކީ ހަގީގަތުގައި ވަރަށް ވޭނުގައި އުޅޭ ބައެކެވެ. ދިރިއުޅުމުގައި ކުރިން ދިމާވި ހާދިސާއަކާ ގުޅިގެން ނުވަތަ އާއިލާގެ މީހަކު ގެއްލުމުން ވެސް ބައެއް މީހުންނަށް ނަފްސާނީ އެކި ކަހަލަ ބަލިތަކާ ކުރިމަތި ވެއެވެ. އެގޮތުން ފަސޭހައިން ކަންކަމާ ހާސްވެ، ބިރުގަތުމަކީވެސް ނަފްސާނީ ބައްޔެއްގެ ނިޝާނެކެވެ. ބައެއް މީހުންނަށް އެފަދަ އިހްސާސްތައް ވުމުން އެކަމާ މާބޮޑު ފަރުވާލެއް ނުބެހެއްޓި ނަމަވެސް، ހަގީގަތުގައި އެއީ ފަހުން ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކާއި ކުރިމަތިވެދާނެ ކަމެކެވެ.

ފަސޭހައިން ކަންކަމާ ހާސްވެ، ބިރުގަންނަ ނަމަ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ. ހާސްވެ ބިރުގަންނަ ނަމަ، ސައިކޭޓަރިސްޓަކަށް ދެއްކުމުގެ އިތުރުން ގޭގައި ހުރެގެން އެކަމުން ސަލަމާތްވުމަށްވެސް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. ދިރިއުޅުމަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުންވެސް ކަންކަމާ ހާސްވެ، ބިރުގަނެއެވެ. އެހެންކަމުން ދިރިއުޅުމަށް ތިބާ ބޭނުންވާ ބައެއް ބަދަލުތައްވެސް އަންނާނެކަން ގަބޫލުކުރަން ވާނެއެވެ.

އެގޮތުން ކަންކަމާ ހާސްވެ ބިރުގަންނަ ގަޑިތަކުގައި އެކުރެވޭ އިހްސާސް އެއްޗެއްގައި ލިޔެލުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އެގޮތަށް ކަންތައްތައް ކުރުމުން ތިބާ ކަންކަމާ ހާސްވެ ބިރުގަންނަ ކަންކަން އެނގޭނެއެވެ. އޭރުން ކުރިޔަށް އޮތް ދުވަސްތަކުގައި އެފަދަ ކަންކަމާ ދުރުވެ ތިބޭން ވެސް އެނގޭނެ އެވެ. އެކަހަކަ ހާދިސާތައް ހިނގުމުން ދުރުވެވޭނެއެވެ.

ކަންކަމާ ހާސްވެ ބިރުގަތުމަކީ ހަމަނިދި ނުލިބިގެން ދިމާވާ ކަމެއް ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމުން ކަންކަމާ ހާސްވެ ބިރުގަންނަ ނަމަ، ރޭގަނޑުގެ ނިދި ހަމަ ކުރަން އާދަކުރާށެވެ. އެހެންނޫން ނަމަ މީހާ އިތުރަށް ސަކަރާތްވާނީއެވެ. މީގެއިތުރުން ދުވާލު ގަޑީގައިވެސް ވަކި ވަގުތެއްް ވަންދެން ހަމަޖެހިލައިގެން އަރާމުކޮށްލުމަށް ހޭދަކުރާށެވެ. އޭރުން މީހާ ހަމަޖެހިގެން، ކަންކަމާ އެހާ ބޮޑަށް ހާސްނުވެ ހުރުމަށް އެހީތެރި ވެދޭނެއެވެ. ކަންކަން ކުރާއިރު ނުވަތަ ބޭރުގައި ބަޔަކާ އެކީ އުޅޭއިރު، ކުއްލިއަކަށް މީހާ ހާސްވެ ބިރުގަންނަ ނަމަ، ހަމަޖެހިގެން ފުން ނޭވާލާށެވެ. އަވަސް އަވަހަށް ނޭވާ ލުމުގެ ބަދަލުގައި ލަސްލަހުން ފުން ނޭވާ ލާށެވެ. އެހެން ކަންތައް ކުރުމުން މީހާ ހާސްވާ މިންވަރު ކުޑަކޮށްދޭނެއެވެ.

މަތީގައި ބުނެފައިވާ ކަންކަން ކޮށްގެންވެސް ހައްލެއް ނުލިބޭނަމަ ވީހާވެސް އަވަހަކަށް ސައިކޭޓަރިސްޓަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ފަސޭހައިން ހާސްވެ ކަންކަމާ ބިރުގަތުމަކީ ބޮޑެތި ނަފްސާނީ ބަލިތަކުގެ ފެށުމަކަށް ވެދާނެ އެވެ. އެހެންކަމުން ވަގުތު ފާއިތުނުވަނީސް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.