ކޯވިޑް 19 އާއި ގުޅިގެން ހާލުގައި ޖެހިފައި ތިބި 400 އާއިލާއަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނޫ ސޫދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކޯވިޑް 19 އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ސޮނޫ ވަނީ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސޮނޫ އަށް ތައުރީފުކޮށްފައެވެ. ސޮނޫ އަދި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ނީތީ ގޮއެލް އާއި ދެމީހުން ވެގެން، ވަނީ ހާލުގައި ޖެހި މަގުމަތިވެފައިވާ އާއިލާތަކަށް އެހީތެރި ވެފައެވެ.

މީގެ އިތުރުން ކޯވިޑްއާއި ގުޅިގެން ވަޒީފާ ގެއްލުނު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންގެ ތައުލީމަށް ހިނގާ ހަރަދުތައްވެސް ސޮނޫ ސޫދު އަންނަނީ ދެމުންނެވެ. ސޮނޫ ވަނީ ވަޒީފާ ގެއްލިގެން ހާލުގައި ޖެހިފައިވާ އާއިލާތަކުގެ މައުލޫމާތު ހޯދުމަށް އުއްތަރްޕްރަދޭޝް އާއި ބިހާރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.

ކޯވިޑް 19 އާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށާއި ކޯވިޑާއި ދެކޮޅަށް ހަނގުރާމަ ކުރަން ހުޅުވާފައި ހުންނަ ފަންޑުތަކަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.