ޚަބަރު

ކޮވިޑްއާ ގުޅިގެން 105 ދުވަހު ރާއްޖޭގައި ތާށިވި ދެ ފަތުރުވެރިންގެ ވާހަކަ

މުހައްމަދު އައުޒަމް

ދުނިޔޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެން ފެށުމުގެ ސަބަބުން ގިނަ ފަތުރުވެރިންތަކެއް އަނބުރާ ގައުމަށް ނުދެވި ރާއްޖޭގައި ތާށިވިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ދެ ރަށްވެހިން ކަމަށްވާ ހެބާ ހާޝިމް އަދި އޭނާގެ ބައިވެރިޔާ އޮލުފެމީ އަޑެފޮވޮބާ ރާއްޖެ އައިސްފައިވަނީ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ. 10 ދުވަހުގެ ޗުއްޓީއަކަށް ރާއްޖެ އައިސް ތިބީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ.

މި ދެބައިވެރީންނަށް ދިމާވި ކަންތައްތަކުގެ ވާހަކަތަކާއި ތަޖުރިބާ އެމީހުން ވަނީ ބޭރުގެ މީޑިއާއަކާ ހިއްސާކޮށްފަ އެވެ.

ހާޝިމް އަދި އޭނާގެ ބައިވެރިޔާ ޕެރަޑައިސް އަށް އައިތާ ތިންވަނަޔަށް ވީ ދުވަހު ކޮވިޑްގެ ނުރައްކާ ބޮޑުވެ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބޯޑަރު ބަންދު ކުރިއެވެ. އެ ހިސާބުން އެދެމީހުން ރާއްޖޭގައި ތާށި ވިއެވެ. އެހާ ހިސާބުން ދެމީހުން ގޮތް ހުސްވި ކަމަށް ހާޝިމް ބުނެފައި ވެއެވެ.

ހާޝިމް ވަނީ އޭނާގެ ބައިވެރިޔާއެކު އަގުހެޔޮ އެހެން ރިސޯޓަކަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރު ރާއްޖޭގެ ސަރުކާރުން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުން ވެސް ހުއްޓުވައިފައެވެ.

ޕެރަޑައިސްގައި 10 ދުވަހުގެ ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ ގައުމަށް ދެވޭނެ ގޮތެއް ހޯދުމަށް ހާޝިމް އަދި އޭނާގެ ބައިވެރިޔާ ވަނީ އެއާޕޯޓަށް ގޮސްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވުނު ކަމުގައިވީނަމަވެސް ހާޝިމް އާއި އޭނާގެ ބައިވެރިޔާ އަށް އަމިއްލަ ގައުމަށް ދެވޭނެ ގޮތެއް ނުވިއެވެ. ހާޝިމް އާއި އޭނާގެ ބައިވެރިޔާ އެއާޕޯޓުގައި ފަސް ދުވަހު ތިބެން ޖެހުނުކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި ނިދަންވެސް ޖެހުނީ އެއާޕޯޓުގެ ބޭރުގައި ހުންނަ ގޮނޑިތަކުގައި ކަމަށާއި ދެވަނަޔަށް ވީ ދުވަހު އެއާޕޯޓުގެ ލައުންޖަށް ބަދަލު ކުރިކަމަށް ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ހާޝިމް އާއި އޭނާގެ ބައިވެރިޔާ ދެން ބަދަލުކޮށްފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕާ އަށެވެ. ސަރުކާރުން ވަނީ އެ ރިސޯޓު ޓުއަރިސްޓުންނަށް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ހާޝިމް އާއި އޭނާގެ ބައިވެރިޔާ އޮޅުވެއްޔަށް ދިޔަ އިރު އެރިސޯޓުގައި 200 ވަރަކަށް ފަތުރުވެރިން ތިބިކަމަށް އޭނާ ވަނީ ބުނެފައެވެ. 87 ދުވަސް ވަންދެން އޮޅުވެލީގައި ތިބި އިރު އެމީހުން ތިބި ވޯޓާ ވިލާއަށް ދުވާލަކަށް 100 ޑޮލަރު ދައްކަން ޖެހުނުކަމަށް ހާޝިމް ވަނީ ބުނެފައެވެ. ރިސޯޓުގައި ހިތްހަމަޖެހިލައިގެން ތިބެން ފުރުސަތު ލިބި ޗުއްޓީ އިތުރުވުމުން އެކަމުގެ އުފާ ދެމީހުންވެސް ފާޅުކުރިއެވެ.

ހާޝިމް ބުނީ ފަހަރަކު ގުރޫޕެއް ހާއްސަ ހުއްދައެއްގެ ދަށުން އެމީހުންގެ އަމިއްލަ ގައުމަށް ފުރަން ފެށުމާއެކު ރާއްޖެއިން ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފެށި ކަމަށެވެ. ހާއްސަ ފްލައިޓެއްގައި ލަންކާއަށް ދެވިދާނެ ކަމުގެ މައުލޫމާތު އެމީހުންނަށް ކޮންމެވެސް ފަރާތަކުން ލިބުނެވެ. ނަމަވެސް ފްލައިޓުގެ އަގު ލިބުމާއެކު އެ ދެމީހުންގެ އަނެއްކާވެސް ގޮތް ހުސްވި އެވެ. ހާޝިމް ބުނީ އެމީހުންނަށް ފުރަތަމަ ލިބުނު އަގަކީ މީހަކަށް 4000 ޑޮލަރު ކަމަށެވެ.

ހާޝިމް އާއި އޭނާގެ ބައިވެރިޔާގެ އިތުރުން އެހެން ބައެއް ޓުއަރިސްޓުންނަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއްގައި ލަންކާ އާއި ހަމަޔަށް ދަތުރު ކުރުމުގެ ފުރުސަތު ފަހުން ވަނީ ހޯދައިދީފަ އެވެ. މީހަކަށް 1000 ޑޮލަރު ޗާޖު ކުރިކަމަށް ހާޝިމް ވަނީ ބުނެފައެވެ. އަދި ލަންކާއަށް ދެވުމާއެކު އެމިރޭޓްސްގެ ފްލައިޓެއްގައި ދުބާއީއަށް ދިއުމަށް ފުރުސަތު ލިބުމާއެކު އުފަލުން ދަތުރު ފެށީއެވެ.

ހާޝިމް އާއި އޭނާގެ ބައިވެރިޔާއަށް މުޅި ދަތުރުގެ ހަރަދަށް ޖުމްލަ 13612.85 ޑޮލަރު ހަރަދުވެގެން ދިޔަކަމަށް ވަނީ ބުނެފައެވެ.