ފުލުހުންގެ ބިލުގައި، ފުލުހުންގެ ހުވައި މިހާރު އޮތް ގޮތް އިސްލާހުކޮށް، ބިލުގައި ޕޮލިސް ބޯޑު އެކުލަވާލަން ހިމަނާފައިވާ ގޮތަށް ބަދަލު ގެނައުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން، އެ ބިލަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
ގާތްގަނޑަކަށް 21 އިސްލާހު ބިލަށް ހުށަހަޅާފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ބިލުގައި މިހާރު އޮންނަނީ، ޕޮލިސް ބޯޑު އެކުލެވިގެންވާނީ ހަތް މެންބަރުންގެ މައްޗަށް ކަމަށެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އައްޔަންކުރާ މެންބަރަކާއި، މިނިސްޓަރު ކަނޑައަޅާ ފަރާތެއްގެ އިތުުރުން ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން ފަރާތަކާއި، އާއްމުކޮށް ހުޅުވާލައިގެން އާއްމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތެއް ހިމެނޭ ގޮތަށެވެ.
އިދިކޮޅުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރާއި 241 ކޮމިޓީން އައްޔަންކުރާ މެންބަރާއި، މިނިސްޓަރު ކަނޑައަޅާ ފަރާތް އުނިކުރުމަށެވެ.
އެއަށްފަހު ކަސްޓަމްސްގެ ފަރާތުން ކަނޑައަޅާ މެންބަރަކާއި، އިމިގްރޭޝަންގެ ފަރާތުން ކަނޑައަޅާ މެންބަރަކާއި، އެމްއެންޑީއެފްގެ ފަރާތުން ކަނޑައަޅާ މެމްބަރަކާއި، އެލްޖީއޭގެ ފަރާތުން ކަނޑައަޅާ މެންބަރެއް ބޯޑުގައި ހިމެނުމަށެވެ.
މީގެ އިތުރުން ފުލުހުންގެ ތަމްރީނުތަކާއި، ކޮމިޝަނަރުގެ ޒިންމާތަކާބެހޭ ބަޔަށްވެސް ބައެއް އިތުރު ކުރަން ހުށަހަޅާފައިވެއެވެ.
އެގޮތުން ބިލުގެ 21 ވަނަ މާއްދާ އާއި، 25 ވަަނަ މާއްދާ އާއި، 37 ވަނަ މާއްދާ އާއި 50 ވަނަ މާއްދާގެ އިތުރުން 70 ވަނަ މާއްދާ އާއި 74 ވަނަ މާއްދާގެ އިތުރުން 75 ވަނަ މާއްދާ އާއި 76 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު